އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަށް، ސ. ހިތަދޫ، ނޫރަންވިލާ، ޖަމީލާ އަލީ ހާލިދުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގައެވެ.

އެ ސިޓީފުޅު އިއްވަވަމުން އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލިސް ނައިބު، އޭދަފުށީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިއުލާން ކުރެއްވިއެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަގާމު ހުސްވެފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި ޑރ. އިރުތިޝާމް އާދަމް، ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި މިވަގުތު ހުންނެވި ޖަމީލާ އަލީއަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ކަމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއިން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުގެ މަގާމުވެސް ފުރުއްވެވި ބޭފުޅެކެވެ.