އިސްލާމްދީނާ ފުށުއަރާ ގާނޫނެއް ނުހެދޭނެކަން ކަށަވަރުވާނެ ނިޒާމެއް ގާއިމުކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، އިސްލާމްދީން އަޅުގަނޑުމެންނަށް ލިބިދެނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ކަމަށެވެ.
"ދީނުގައި އެ ފަދަ މަތިވެރި ބާރެއް، އެ ފަދަ ދިރުންހުރި ރޫހެއް އެކުލެވިގެންވޭ. އުތީމު މަހާރަދުން ޖިހާދުކުރެއްވީ ދީނަށް ޓަކައި. މި ލޮބުވެތި އުތީމު ފަސްގަނޑުގައި އެހެރަ ކަނދުވަލު މިސްކިތުގައި އުތީމު ތިންބޭން ހަނގުރާމައިގެ ދިދަ ބެންނެވީ މާތްވެގެންވާ އިސްލާމްދީނަށް ޓަކައި. ހަނގުރާމައިން ހާސިލް ކުރައްވަން ބޭނުންފުޅުވާ އަމާޒު އެ ބޭފުޅުން ކަނޑައެޅުއްވި ގޮތް އަޅުގަނޑުމެން ހަނދާން އެބަ ހުރި. އެއީ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ ސަލާމަތަށް ޓަކައި ނަސްރު ލިބިވަޑައިގަންނަވަންދެން ޖިހާދުކުރެއްވުން. ނޫނީ ޝަހީދުވެގެން ފުރިހަމަ މުސްލިމެއްގެ ގޮތުގައި ﷲގެ ރަޙްމަތަށް ވާސިލުވުން،"
ރައީސް ވިދާޅުވީ އެކަމުން ވެސް ގައުމީ ދުވަހުގެ ހާދިސާ އާއި މާތްވެގެންވާ އިސްލާމްދީނާ އޮތް ގުޅުން ނިކަން ފުރިހަމަޔަށް ފެންނަ ކަމަށާއި ގައުމުގެ މިނިވަންކަމާއި އިސްލާމްދީނާ ގުޅިލާމެހިފައިވާ މިންވަރު ހާމަވެގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިސްލާމް ދީނާ ބީރައްޓެހި، ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަންވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައި ކަމަށްވެސް ވިދާޅުވިއެވެ.
މި ސަބަބަށްޓަކައި ރައީސް ވިދާޅުވީ، އިސްލާމްދީން ހިމާޔަތް ކުރެވޭނެ ނިޒާމެއް ގައުމުގައި ފުރިހަމައަށް ގާއިމްވެފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވެސް އެއްބަސް. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރާއްޖޭގައި އިސްލާމްދީނާ ހިލާފު ގާނޫނެއް ނުހެދޭނެ. ރާއްޖޭގައި ހެދޭ ގާނޫނުތަކާއި އުސޫލުތަކާއި ގަވައިދުތައް ހުންނާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި. މިއީ މިކަން ލިޔެކިޔުމުން ފެންނާން އޮތްގޮތް. ސުވާލަކީ އެކަމަކު މި ކަން ކަށަވަރު ކުރެވޭނެ ހަރުދަނާ ނިޒާމެއް އެބަ އޮތްތޯ؟ އެ ފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް އަޅުގަނޑުމެންގެ އުސޫލުތަކުގެ ތެރޭގައި އެބަ އޮތްތޯ؟ ޖަވާބު ވަރަށް ކުރު. ނެތް. އެންމެ ފަސޭހަ އެންމެ ސާދާ އަދި އެންމެ ކުރު ޖަވާބަކީ އަދި އެ ފަދަ ނިޒާމެއް ނެތްކަން،"
އެހެންވީމާ ރައީސް ވިދާޅުވީ، އެކަަމަށް ނިމުމެއް ގެންނެވުމަށްޓަކައި ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި ނިޒާމީ ގޮތުން ކަށަވަރުކުރަން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން އެ ފަދަ ނިޒާމެއް ގާއިމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރު (އަންނަ ދައުރަށް) އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ރާއްޖޭގެ ރައްޔިތުންނަށް މިއަދު އަރުއްވާ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް