ހުޅުމާލެ ފޭސް 1 އާއި ފޭސް 2 ގުޅުވާލާ ބުރިޖު ސަރަހައްދުގައި ކުނި މެނޭޖުކުރުމަށް ހާއްސަ ޑަސްބިންތަކެއް ބަހައްޓަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލުގެ ވޭސްޓް މެނޭޖްމަންޓް ކޮމިޓީ އާއި ވޭސްޓް މެނޭޖްމަންޓް ސެކްޝަން ގުޅިގެން، ޖަމިއްޔާތަކާއެކު މާލެ ސިޓީގެ ކުނި މެނޭޖް ކުރުމުގައި، ހާއްސަކޮށް ޕްލާސްޓިކް ކަލެކްޓް ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެ ކައުންސިލުން ނިންމައިފައިވާ ކަމަށެވެ.

އެކަން ކުރުމަށް ކައުންސިލުން ނިންމާފައިވަނީ އިއްޔެ ކުރިޔަށްގެންދިޔަ މާލެ ސިޓީ ކައުންސިލްގެ 12 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

އެ ނިންމުން ނިންމާފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާއެވެ.

ޒަހިއްޔާ ވިދާޅުވީ، އެއީ ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އެކި ފަރާތްތަކާ ބައްދަލުކުރެއްވުމުން އެފަރާތްތަކުން ދެއްވި ލަފައެއް ކަމަށެވެ. އަދި މިހާރު ބަހައްޓާފައި ހުންނަ ޑަސްބިންތަކަކީ ހުރިހާ ބާވަތެއްގެ ތަކެތި އެޅޭ ޑަސްބިންތަކަކަށްވުމުން، އެ ޑަސްބިންތަކުގެ ބޭނުން ނޭދެވޭ ގޮތުގައި ކުރަމުންދާކަން އެ ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށެވެ.

ޒަހިއްޔާ އިތުރަށް ވިދާޅުވީ ހުޅުމާލޭގައި އެފަދަ ޑަސްބިންތައް ބަހައްޓަންޖެހޭ ގިނަ ސަރަހައްދުތަކެއް ހުރި ކަމަށެވެ. ހާއްސަކޮށް ފޭސް 1 އާއި ފޭސް 2 ގުޅުވާލާ ބުރިޖު ސަރަހައްދުގައި އޮންނަ މޫދަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އުކާލާކަން ފާހަގަކުރެވޭތީ، އެ ސަރަހައްދުގެ ފޭސް 1 އާއި ފޭސް 2 ގައިވެސް އެފަދަ ގިނަ އަދަދެއްގެ ޑަސްބިންތައް ބަހައްޓަންޖެހޭ ކަމަށެވެ.

"އެކި ސަރަހައްދުތަކުގައި ޕްލާސްޓިކް ފުޅި އާއި އެނާޖީ ޑްރިންކް ދަޅު އުކާލުމަށް ހާއްސަ ޑަސްބިން ބެހެއްޓުމަކީ ކުނި މަދުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް. މިފަދަ ހާއްސަ ޑަސްބިންތައް އާންމު ސަރަހައްދުތަކުގައި ބެހެއްޓުމުން މަގުތަކަށާއި ގުދުރަތީ މާހައުލަށް ކުނި އަޅާ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވޭނެ. އަދި އާންމުންނަށް ފަސޭހައިން ކުނި އުކާލެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމަކީ މަގުމައްޗަށާއި އަތިރިމައްޗަށް މިފަދަ ޒާތުގެ ކުނި އުކާލުމުގެ އާދަ ނައްތާލުމަށް މަގުފަހިވާނެ ކަމެއް." މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން އިތުރަށް ބުނީ އެފަދަ ނިޒާމެއް ގާއިމުކުރުމުން މަގުތަކާއި ޕާކްތަކާއި ބަސް ހުއްޓިތަކުގެ އިތުރުން އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ސާފުތާހިރު މާހައުލެއް ބެލެހެއްޓުމަކީ މަދިރި އާލާވުން މަދުކޮށް، އާންމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެކެވެ.

އޭގެއިތުރުން، އާންމު ސަރަހައްދުތަކުގައި ވަކި ބާވަތްތަކަކަށް ހާއްސަކުރެވިފައިވާ ޑަސްބިންތައް ބެހެއްޓުމަކީ ތިމާވެއްޓަށް އާންމުން ހޭލުންތެރިކުރުވައި، ޒިންމާދާރުގޮތެއްގައި ކުނި އުކާލުމުގެ އާދަ އަށަގަންނުވައިދޭނެ ކަމެއް ކަމަށް މާލެ ސިޓީކައުންސިލުން ބުންޏެވެ.