އެމެރިކާގައި ގުދުރަތީ ގޭސް އުފައްދާ މިންވަރު 2026 ވަނަ އަހަރު އާ ރެކޯޑަކަށް އަރާނެ ކަމަށް އެ ގައުމުގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން (އީއައިއޭ) އިން ލަފާކޮށްފިއެވެ.
އީއައިއޭ އިން އެންމެ ފަހުން އާންމުކުރި 'ޝޯޓް-ޓާމް އެނާޖީ އައުޓްލުކް' (އެސްޓީއީއޯ) ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މި އަހަރު އެމެރިކާގައި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 122.5 ބިލިއަން ކިއުބިކް ފޫޓު (ބީސީއެފް/ޑީ) ގެ ގުދުރަތީ ގޭސް އުފައްދާނެއެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ގިނައިން ގޭސް އުފައްދާނެ ކަމަށް ލަފާކުރެވޭ މިންވަރެވެ.
މީގެ ކުރިން އެމެރިކާގައި އެންމެ ގިނައިން ގުދުރަތީ ގޭސް އުފައްދާފައިވަނީ 2025 ވަނަ އަހަރުއެވެ. އީއައިއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި އަހަރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އުފައްދާފައިވަނީ 118.5 ބީސީއެފް/ޑީ ގެ ގޭހެވެ. އެހެންކަމުން، 2025 ވަނަ އަހަރާ އަޅައި ބަލާއިރު 2026 ވަނަ އަހަރު ގޭސް އުފައްދާ މިންވަރު ގާތްގަނޑަކަށް 4 ބީސީއެފް/ޑީ އިތުރުވާނެ ކަމަށް އެ އިދާރާއިން ވަނީ ފާހަގަކޮށްފައެވެ. އީއައިއޭއިން ބުނި ގޮތުގައި މިއީ ގާތްގަނޑަކަށް 3.4 އިންސައްތައިގެ ކުރިއެރުމެކެވެ.
އީއައިއޭ އިން ފާހަގަކުރި ގޮތުގައި، ގޭސް އުފައްދާ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސަސް އަދި ނިއު މެކްސިކޯގައި އޮންނަ ޕާމިއަން ސަރަހައްދާއި، ލުއިޒިއާނާ އަދި ޓެކްސަސްގައި އޮންނަ ހޭންސްވިލް ސަރަހައްދުން ގޭސް ނަގާ މިންވަރު އިތުރުވުމެވެ. ހާއްސަކޮށް ޕާމިއަން ސަރަހައްދުގައި ތެޔޮ ނެގުމުގެ މަސައްކަތުގެ ތެރެއިން އުފެދޭ ގޭހުގެ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ދުނިޔޭގެ ބާޒާރުގައި ގުދުރަތީ ގޭހަށް އޮންނަ ޑިމާންޑު ބޮޑުވަމުން އަންނައިރު، އެމެރިކާއަކީ 2009 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އުފައްދާ ގައުމު ކަމަށް އީއައިއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް