ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރުގެ ނަމުގައި ހިންގާ ފޭން ޕޭޖުތައް ބްލޮކްކޮށްދިނުމަށް އޭނާ އެދުނު އެދުމަށް އިންޑިއާގެ ދިއްލީ ހައިކޯޓުން ދެކޮޅުހަދައިފިއެވެ. ނަމަވެސް، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް އޮންލައިންކޮށް ދައުރުވަމުންދާ ބަރަހަނާ މަންޒަރުތަކާއި އޭއައި މެދުވެރިކޮށް ހަދާފައިވާ ފޭކް ކޮންޓެންޓްތައް ނެގުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ޖާންވީ ކޯޓަށް ހުށަހެޅީ އޭނާގެ ހުއްދައަކާ ނުލައި އޭނާގެ ނަމާއި ތަސްވީރު ބޭނުންކޮށްގެން ވިޔަފާރިކުރާ 5،000 އަށް ވުރެ ގިނަ ވެބްޕޭޖާއި ސޯޝަލް މީޑިއާ ޕޯސްޓުތައް ނަގައިދިނުމަށެވެ. އަދި އޭނާއަށް ނިސްބަތްވާ ހުރިހާ ފޭން ޕޭޖުތަކެއް ބްލޮކްކުރުމަށް ވެސް އޭނާގެ ފަރާތުން އެދުނެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު އަނޫޕް ޖައިރާމް ބަމްބާނީ ވިދާޅުވި ގޮތުގައި، ޖާންވީ އެދިފައިވާ ކަންކަން މާ ފުޅަލެވެ. ފަނޑިޔާރު ވިދާޅުވީ އާންމުންގެ ތެރޭގައި މަޝްހޫރު މީހަކަށް ވުމުން، މިފަދަ ކަންކަމުން މުޅިން ސަލާމަތްވެގެން ނުހުރެވޭނެ ކަމަށެވެ. އަދި އާންމުންގެ ސަމާލުކަން ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެކި ފަރާތްތަކުން ފާޑުކިޔައި، ގޯނާކުރަމުންދާ ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހުރިހާ ފޭން ކްލަބްތަކެއް ބަންދު ނުކުރެވޭނެ ކަމަށާއި، ފޭނުން ބޭނުންނުވަނީތޯ ފަނޑިޔާރު ސުވާލުކުރެއްވިއެވެ. މިއީ ޑިޖިޓަލް ޒަމާން ކަމަށާއި، އެއްވެސް ކޮމެންޓެއް އަދި ޔޫއާރްއެލްއެއް ނެތި އުޅެން އުޅެފިނަމަ ހީވާނީ ހޮހަޅައެއްގައި ދިރިއުޅޭހެން ކަމަށް ވެސް ކޯޓުން ފާހަގަކުރިއެވެ.

ކޯޓުން ވަނީ ޖާންވީގެ ވަކީލުންނަށް، ސީދާ އޭނާގެ ނަމުގައި ވިޔަފާރިކޮށް، ބަރަހަނާ މަންޒަރުތައް ހިމެނޭ ޕޭޖުތަކުގެ ލިސްޓެއް ހުށަހެޅުމަށް އަންގައިފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އޮގަސްޓް 17 ގައެވެ.