އިންސާނިއްޔަތާ ދެކޮޅަށް ހިންގާފައިވާ ކުށްތަކާއި ހަނގުރާމައިގެ ކުށްތައް ސާބިތުވެ، ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އައްސަދާއި އޭނާގެ ދެބޭންގެދެދަރި ބޭބެ އާތިފް ނަޖީބަށް މަރުގެ އަދަބު ދިނުމަށް ދިމިޝްގުގެ ހަތަރުވަނަ ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ސީރިއާގެ ދައުލަތުގެ ޓީވީން ވަގުތުން ދުރަށް ދެއްކި ޝަރީއަތުގެ މަޖިލީހުގައި، ކޯޓުގެ ފަނޑިޔާރު ފަހްރުއްދީން އަލް-އަރްޔާން އިއްވެވި ހުކުމުގައި ވިދާޅުވި ގޮތުގައި، މި މީހުންގެ މައްޗަށް ސާބިތުވެފައިވަނީ ގަސްތުގައި މީހުން މެރުމާއި، ކުޑަކުދީން ހިމެނޭ ގޮތަށް އާންމުންނަށް އަނިޔާކުރުމާއި، ގަވާއިދާ ހިލާފަށް މީހުން ހައްޔަރުކުރުމުގެ އިތުރުން އިންސާނިއްޔަތާ ދެކޮޅު ކުށްތަކެވެ.
2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ސީރިއާގެ ސަރުކާރު ވެއްޓުމާ ގުޅިގެން ރަޝިޔާއަށް ފިލައިގެން ގޮސްފައިވާ ބައްޝާރުލް އައްސަދާއި އޭނާގެ ކޮއްކޮ މާހިރުލް އައްސަދުގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އެ މީހުންގެ ގައިރު ހާޒިރުގައެވެ. ނަމަވެސް، ސީރިއާގެ ދަރްއާ ޕްރޮވިންސްގެ ޕޮލިޓިކަލް ސެކިއުރިޓީގެ ކުރީގެ ވެރިޔާ އާތިފް ނަޖީބުގެ މައްޗަށް ހުކުމް އިއްވާފައިވަނީ އޭނާ ކޯޓަށް ހާޒިރުކޮށްގެންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލުބުނާނުގައި ހުރުމަށްފަހު އެނބުރި ގައުމަށް އައި ތަނުން މިއަހަރުގެ ޖެނުއަރީ މަހުގައެވެ.
ޝަރީއަތުގެ މަޖިލީހުގައި އާތިފް ނަޖީބު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނި ގޮތުގައި، 2011 ވަނަ އަހަރު މުޒާހަރާގެ ބައިވެރިންނަށް ބަޑިޖަހާފައިވަނީ ސަލާމަތީ އެހެން އިދާރާތަކުންނެވެ.
މި މައްސަލައިގައި އައްސަދުގެ ސަރުކާރުގެ އިސް މަގާމުތަކެއް ފުރާފައިވާ އިތުރު ހަ މީހެއްގެ މައްޗަށް ވެސް ގައިރު ހާޒިރުގައި މަރުގެ ހުކުމް އިއްވާފައިވާ ކަމަށް ސީރިއާގެ ރަސްމީ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ. ހުކުމް އިއްވުން ނިންމަވައިލައްވަމުން، އާތިފް ނަޖީބަށް މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.
ސީރިއާ
ސީރިއާ
ސީރިއާ
ސީރިއާ
ކޮމެންޓް