ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "އީތާ" ސިނަމާތަކަށް ނެރުން މިއަހަރުގެ ޑިސެންބަރު 4 އަށް ފަސްކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދީ، ފިލްމު އުފައްދާ ކުންފުނި، މެޑޮކް ފިލްމްސްއިން އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނީ، ކުރިން މިމަހު 28 ގައި އަޅުވަން ތާވަލުކުރި މި ފިލްމު ދެން ބެލުންތެރިންނާ ހަމައަށް އަންނާނީ ޑިސެންބަރު 4 ގައި ކަމަށެވެ.

ލަކްޝްމަން އުޓޭކަރް ޑައިރެކްޓުކުރާ މި ފިލްމަކީ މަހާރާޝްޓްރާގެ މަޝްހޫރު ލާވަނީ އަދި ތަމާޝާ ނެށުންތެރިޔާ ވިތާބާއީ ނާރާޔަންގައޮންކަރްގެ ހަޔާތުގެ މައްޗަށް އުފައްދާ ބަޔޮޕިކެކެވެ. ޝްރައްދާގެ އިތުރުން ރަންދީޕް ހޫޑާއާއި މުހައްމަދު ޒީޝާން އައްޔޫބް ވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމު ފަސްކުރި ވަކި ސަބަބެއް މެޑޮކް ފިލްމްސްއިން ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް، އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފިލްމު ފަސްކުރީ ސައުތު އެކްޓަރު ޔާޝްގެ އާ ފިލްމު "ޓޮކްސިކް" އާ އެއް ދުވަސްވަރެއްގައި ފިލްމު އެޅުވުމުން ބޮކްސް އޮފީހުގައި ކުރިމަތިލާން ޖެހިދާނެ ވާދަވެރިކަމަކުން ސަލާމަތްވުމަށެވެ.

މެޑޮކް ފިލްމްސްއިން އާންމުކުރި ޕޯސްޓުގައި ބުނެފައިވަނީ ފިލްމު ފަސްކުރި ނަމަވެސް، ޑިސެންބަރު 4 ގައި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށެވެ. މި ފިލްމުގެ ޓީޒާ ދާދި ފަހުން ވަނީ އާންމުކޮށްފައެވެ.