ހައްދުންމަތީ ގަމު ތުނޑީއަވަށުގައި މާހިންނައޭ ކިޔުނު ސަރަހައްދެއް އޮވެއެވެ. ހިންނައަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ވަރުވާއަށް ލިޔެދެވޭ ގޮތަށް ޚާއްސަކޮށްފައި ހުންނަ ބިންބިމެވެ. އެގޮތުން މާހިންނައަކީ ކުރީޒަމާނުގައި ގަމުގައި އޮތް އެކަހަލަ އެންމެ ބޮޑު ބިންކަމަށް ވެދާނެއެވެ. ނަމަށް ވިސްނައިލީމާ ބުރަވެވެނީ އެގޮތަށެވެ. މިދެންނެވި މާހިންނައިގައި މިސްކިތެއްވެސް ހުއްޓެވެ. އެ މިސްކިތުގެ ނަމަކީ ގޯތަމިސްކިތެވެ. އެންމެކުރީ ޒަމާނުގެ ބޯދާ މިސްކިތެކެވެ. މިހާރު ފެންނަންހުރީ ހަމައެކަނި މިސްކިތުގެ ތަރާގަނޑުން ބައެކެވެ. މިސްކިތެއް ނެތެވެ. މިސްކިތް މިސްކިތުގެ ވަށައިގެން މީހުން ވަޅުލުމަކީ ކުރީޒަމާނުގެ އާދައެކެވެ. އެގޮތުން ގޯތަމިސްކިތް ހުރިތަނުގެ ވަށައިގެން ކަހަލަ ގޮތަކަށް ގަބުރުސްތާނެއް އެބައޮތެވެ. ގޯތަމިސްކިތު ގަބުރުސްތާނެވެ. އެއީ މިހާރު މީހުން ވަޅުލާ ތަނެއް ނޫނެވެ. ވަރަށް ކުރިން ބޭނުންކުރި ތަނެކެވެ. ގަމުގެ މާހިންނަޔަކީ ގޯތަމިސްކިތަށް ޚާއްސަކޮށްފައިއޮތް ރުއްގަނޑަކަަށްވެސް ވެދާނެއެވެ. މިސްކިތު ހިންނައެއްގެ ގޮތުގައެވެ.
ކުރީޒަމާނުގައި މުހިންމު މިސްކިތް މިސްކިތުގެ މައްޗަށްވެސް ހިންނަތައް އޮވެއެވެ. ގޯތަމިސްކިތަކީ ކުރީޒަމާނުގައި ގަމުގެ އެންމެ މުހިންމު މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. އެކަމާމެދު ޝައްކެއްވެސް ނެތެވެ. އެކަން ޔަގީންވަނީ ގޯތަމިސްކިތު ގަބުރުސްތާނުން ފެންނާންހުރި އާސާރުތަކުންނެވެ. އެތަނުގައި ވަޅުލެވިފައިވާ މީހުންގެ ވަނަވަރުންނެވެ. ގޯތަމިސްކިތް ވީރާނާވެގެން ނެތިގެންދިޔަ ގޮތަށް އެމިސްކިތުގެ ގަބުރުސްތާނުވެސް މިހާރު އޮތީ ވީރާނާވެފައެވެ. ނުވަތަ ވީރާނާވާން ދޫކޮށްލެވިފައެވެ. ވަށައިގެން ގާފޮޅެއް، ފާރެއްކަހަލަ އެއްޗެއް ނެތެވެ. ބަލާމީހަކަށް ސިފަކުރެވޭނީ ވަލެކެވެ. އެތަނުގައި ހުރި މަހާނަތަކުގެ ތެރެއިން ވަކިކޮށް ދެނެގަނެވޭ މަހާނަތަކެއް އަދިވެސް އެބަހުއްޓެވެ. އެއީ ގަމުގައި މީހުން ދިރިއުޅޭހައި ދުވަހަކު އެބަޔަކަށްޓަކައި މުޅި ގަން ފަޚުރުވެރިވާފަދަ ބަތަލުންގެ މަހާނަތަކެކެވެ. ހަމައެކަނި ގަމެއް ނޫނެވެ. މުޅި ހައްދުންމައްޗާއި މުޅި ރާއްޖެވެސް ފަޚުރުވެރިވުން ހައްގު ބަތަލުންތަކެކެވެ. އޭގެތެރެއިން ވަކިން ޚާއްސަކޮށް ދެ ނަމެއް ފާހަގަކޮށްލަން ގަސްތުކުރަމެވެ.
ގޯތަމިސްކިތު ގަބުރުސްތާނުން ވަކިކޮށް އެނގޭ މަހާނަތަކުގެ ތެރެއިން އެއްމަހާނަޔަކީ ދިވެހިތާރީޚުން ވަރަށްވެސް ފަޚުރުވެރި ޖާގައެއް ހޯއްދަވާފައިވާ އެދުރު އުމަރު މާފަތްކަލޭގެފާނުގެ މަހާނައެވެ. އޭނާ އަވަހާރަވީ ދިޔަމިގިލީ ޚާންދާނުގެ ސުލްތާން މުހައްމަދު ޣިޔާޘުއްދީނުގެ ރަސްކަމުގެ ދައުރުގައި މީގެ ދުއިސައްތަ ފަންސާހެއްހައި އަހަރު ކުރިން ގަމުގައެވެ.
އެދުރު އުމަރު މާފަތްކަލޭގެފާނަކީ ކޮންބޭކަލެއް ބާވައެވެ. އޭނާގެ ނަން އަޑުނާހާ ދަރިވަރަކު ދިވެހިރާއްޖޭގެ ސްކޫލަކުން ނިކުންނާނޭ ކަމަށް ނުބެލެވެއެވެ. އެއީ ދިވެހިއަދަބިއްޔާތުގެ ބައްޕައެވެ. ދިވެހި ޅެންވެރިކަމުގެ ބައްޕައެވެ. ރައިވަރުގެ ގަވާއިދަކާއި ހަމައެއް އުފެއްދެވީ އޭނާއެވެ. ދިވެހިއަދަބިއްޔާތުގެ އެންމެކުރީގެ ފޮތްކަމަށް ބެލެވޭ ބޮޑުތާހީދު ލިޔުއްވީވެސް އޭނާއެވެ. ވަރަށްވެސް ބޮޑު އިލްމުވެރިއެކެވެ. ބޮޑުތާހީދަކީ ވަޒަންބަހުރުވައިން އޭނާ ލިޔުއްވި ފޮތެކެވެ. ރައިވަރު ފޮތެކެވެ. އެއީ އެއްކައުވަންތަކަމާއި ދީނީ ވާހަކަތަކުގެ މައްޗަށް ހައްދަވާފައިވާ ރައިވަރުތަކެކެވެ.
އެދުރު އުމަރު މާފަތްކަލޭގެފާނަކީ ގަމުގެ ބޭކަލެކެވެ. އެކަމަކު އުމުރުގެ ބޮޑުބައެއް ހޭދަކުރެެއްވީ މާލޭގައެވެ. ދިޔަމިގިލީ އިބްރާހިމް ރަސްގެފާނުގެ ދައުރުގައި ވަޒީރުކަންވެސް ކުރެއްވިއެވެ. ގަމުގައި އޭނާ އަވަހާރަވާން ދިމާވި ސަބަބަކީ ޣިޔާޘުއްދީނުގެ ރަސްކަމުގެ ދައުރުގައި ސިޔާސީ ކޮންމެވެސް ލިޔުންތަކެއްގެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތެެއް ކުރެވި އޭނާގެ އުފަންރަށް ކަމުގައިވާ ގަމަށް އަރުވައިލުމެވެ. އެޒަމާނުގައި ބޮޑެތި އާލިމުންނާއި ގަދަރުވެރިން އަރުވައިލާން ޖެހިއްޖެނަމަ އަރުވައިލަނީ އެބޭފުޅަކު ނިސްބަތްވާ ރަށަކަށެވެ. ނުވަތަ އައުލާދުން ތިބި ރަށަކަށެވެ. އެދުރު އުމަރު މާފަތްކަލޭގެފާނުގެ އުފަންރަށް ކަމުގައިވާ ހައްދުންމަތީ ގަމަށް އޭނާ އަރުވައިލެވުނުތާ މާގިނަ އަހަރުތަކެއްނުވެ އޭނާ އަވަހާރަވީއެވެ. ފަސްދާނުލެވިފައިވަނީ ކުރިންވެސް ބަޔާންކުރެވުނު ގޮތަށް ގޯތަމިސްކިތު ގަބުރުސްތާނުގައެވެ. އެމަހާނައިގައި މެދުސައިޒުގެ ދެގައު އެބަހުއްޓެވެ. ވިނަފަޅައި ވައުހެދިފައިވެއެވެ.
އެދުރު އުމަރު މާފަތްކަލޭގެފާނުގެ އަދަބީ ޚިދުމަތްތަކާއި ގައުމީ ޚިދުމަތްތަކާއި ދީނީ ޚިދުމަތްތަކަށް ރިއާޔަތްކުރާއިރު މިމަހާނަ މިއަށްވުރެ ހެޔޮކޮށް ބެލެހެއްޓުން މުހިންމު ކަމަށް ފެނެއެވެ. ގައުމީ ތަރިކައެއްގެ ގޮތުގައެވެ. ރަށާއި އަތޮޅުގެވެސް ތަރިކައެއްގެ ގޮތުގައެވެ. ކައިރީގައި ނަންފިލާގަނޑެއް ބަހައްޓައިފައި އޭނާގެ ޚިދުމަތުގެ ޚުލާސާއެއްވިޔަސް ފެންނާނޭހެން ބެހެއްޓުން މުހިންމުކަމަށް ފެނެއެވެ. ގޯތަމިސްކިތު ގަބުރުސްތާނުން ދެން ވަކިކޮށް ދެނެގަނެވޭ އެފަދަ އަނެއް މަހާނަޔަކީ ގަމު ރަތްބޭގެ މަހާނައެވެ. އޭނާގެ އަސްލު ނަމަކީ އަލްފަގީހު މަހުމޫދެވެ. މިދެންނެވި ގަމު ރަތްބޭ ނުވަތަ ފަގީހު މަހުމޫދަކީ ކޮންބޭކަލެއް ބާވައެވެ. އެއީ ވަރަށްވެސް ބޮޑު އިލްމުވެރިއެކެވެ. ގަމުގެ ބޭކަލެކެވެ. އެއީ އަލްގާޒީ ހަސަން ތާޖުއްދީނާއި އައްނާއިބު ހުސައިން އަފީފުއްދީނުގެ ބަފައިކަލުންނެވެ. އަވަހާރަވީ އޭނާގެ އުފަން ރަށްކަމުގައިވާ ހައްދުންމަތީ ގަމުގައެވެ. ދަރިކަލުން ހަސަން ތާޖުއްދީނަށް ދެއްވަދޫ ރަސްގެފާނުގެ ދައުރުގައި އެންމެފުރަތަމަ ފަޑިޔާރުކަން ލިބިވަޑައިގަތުމުގެ ކުރިންކަމަށް ގަބޫލުކުރެވިފައިވެއެވެ.
ހައްދުންމަތީ ގަމަށް ނިސްބަތްވި އެންމެ ފަޚުރުވެރި ދަރިޔަކީ އެއްވެސް ޝައްކެއްނެތި އަލްގާޒީ ހަސަން ތާޖުއްދީނެވެ. އެއީ ދިވެހި ތާރީޚުގެ ބައްޕައެވެ. ތާޖުއްދީނުގެ ޚިދުމަތްތަކުގެ ތެރޭގައި ގައުމީ ޚިދުމަތާއި އިލްމީ ޚިދުމަތް ހިމެނެއެވެ. ދެފަހަރެއްގެ މަތިން ބައްތިރީސް އަހަރު ފަނޑިޔާރުކަން ކުރެއްވިއެވެ. އެންމެބޮޑު ޚިދުމަތަކީ ދިވެހިތާރީޚަށް ކުރެއްވި ޚިދުމަތެކެވެ. އެޚިދުމަތް އޮތީ ތާރީޚު އިސްލާމް ދީބާމަހަލްގެ ނަމުގައި އަރަބި ބަހުން އޭނާ ލިޔުއްވި ފޮތުގެ ސިފަައިގައެވެ. ތާޖުއްދީނު ފަސްދާނުލެވުނީ މާލޭގައެވެ. އެ އާއިލާގެ ބޭކަލަކަށް ގަމުގައި އެންމެފަހުން ފަސްދާނުލެވުނު ބޭކަލަކީ ތާޖުއްދީނުގެ ބަފައިކަލުން އަލްފަގީހު މަހުމޫދެވެ. ދިވެހިތާރީޚުގެ ބައްޕަގެ ގޮތުގައި ހަސަންތާޖުއްދީނު ބަލައިގަންނަ ގޮތަށް ތާޖުއްދީނުގެ ބަފައިކަލުންގެ ގޮތުގައި އަލްފަގީހު މަހުމޫދު ބަލައިގަންނަން އެބަޖެހެއެވެ. ގައުމީ ފެންވަރުގައި ނުކުރިއެއްކަމަކު ރަށު ފެންވަރުގައި އެއީ ކުރަންޖެހޭ ކަމެކެވެ. މަހުމޫދުގެ މަހާނަ ވަށައިގެން ގާފޮޅެއް އެބަހުއްޓެވެ. ވިނަބޯވެފައިވާ ތަނެއްގައެވެ. އެތަން ސާފުކޮށްފައި ބޯޑެއް ބެހެއްޓުމުގެ ބޭނުން ބޮޑެވެ. އެއާއިލާގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އިމާދު ލަތީފު
މަސްތުވާތަކެތީގެ މައްސަލަތައް
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް