ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ޗެއާޕާސަންކަމުގެ މަގާމަށް އަބްދުﷲ ފާއިޒް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިފްކޯގެ ޗެއާޕާސަންކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މއ. ދޭލިޔާގެ އަބްދުﷲ ފާއިޒް އައްޔަންކޮށްފައިވާ ކަމަށެވެ.

މިފްކޯގެ އެ މަގާމުގައި މީގެ ކުރިން ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް މަސްވެރިކަން ކުރިއަރުވަން އުފެއްދި މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ގެ ޗެއާމަންގެ މަގާމަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު 30 ގައި ވަނީ ބަދަލުކޮށްފައެވެ.

އެ މަގާމަށް މިއަދު އައްޔަންކުރި ފާއިޒަކީ ކުންފުނިތައް ހިންގުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގެ މެނޭޖިން ޑިރެކްޓަރުކަމުގެ އިތުރުން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަދި އެސްޓީއޯގެ ޗެއާމަންކަންވެސް ކުރައްވައިފައެވެ.