މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާ ފޯރިއާއެކު ދަނީ ކުރިއަށެވެ. ކ. އަތޮޅުގެ ކުޅިވަރު އެކީ އެކައްޗަކަށް ތުލުސްދުއަށް ޖަމާވެއްޖެއެވެ. ފުޓްސަލްގެ ފޯރިގަދައެވެ. ރާއްޖޭގެ ނަން މަޝްހޫރު އެތައް ތަރިންނެއް މިވަގުތު ފެންނަނީ ތުލުސްދޫންނެވެ. ކުޅިވަރުގެ އެ މާހައުލުގެ ތެރެއިން އިއްޔެ ފެނިގެން ދިޔައީ ތަފާތު ކަމެކެވެ. އެކި އުމުފުރާތަކުން ބައިވެރިވި މިޔަޓް ޔުނިޓީ ފަން ރަންއެވެ. އުފާވެރި، މަޖާ ހަރަކާތުން ދައްކައިދިނީ އާއިލީ ގުޅުމެވެ. ތުލުސްދޫގެ އެކުވެރިކަމެވެ.

މިޔަޓް ޔުނިޓީ ރަންއިން ފެނުނީ ބަދަހި ގުޅުންތަކެއް --- ފޮޓޯ/ އިމޭޖަސް އެމްވީ

އިއްޔެގެ ރަންގައި ކުލައިގެ ހަރަކާތްތައް ފެނިގެން ގޮސްފައިވެއެވެ. ގިނަ ބަޔަކު ބައިވެރިވި ރަން ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، ރަންއިން ބޭނުންވާ ނަތީޖާ މިޔަޓަށް ހާސިލްވިއެވެ. ފުރަތަމަ ވިއްސާރައިގެ ސަބަބުން ފަސްކުރަން ޖެހުނު ރަން މުބާރާތުގެ ފޯރިއާއެކުވެ، އިއްޔެ ފެނިގެން ދިޔައީ މާ ހިތްގައިމު ކޮށެވެ. އެކިއެކި އޮބްސްޓިކަލް ކޯސްތަކާއެކު ކުޑަކުދިންނަށް ތަފާތު މާހައުލެއް ގާއިމުވެގެން ގޮސްފައިވާ އިރު، ނިންމުން އިތުރަށް ފޯރިގަދަވިއެވެ.

އިއްޔެ ކުރިއަށް ދިޔަ ރަންއާއެކު ބޭއްވި ހާއްސަ އިވެންޓްތަކުގެ ތެރެއިން --- ފޮޓޯ/ އިމޭޖަސް އެމްވީ

ފޯމް ޕާޓީއަކާއެކު އިވެންޓް ނިމިގެން ދިޔައީ ކޮންމެ ބައިވެރިއަކަށް މެޑަލްއަކާއެކުގައެވެ. ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެނުނީ އުފާވެރިކަމެވެ. އާއިލާތައް އެކުގައި ފޮޓޯ ނަގަމުންދިޔަ އިރު، މުޅި ސަރަހައްދުން ފެނުނީ އިޖުމާއީ ގުޅުމެވެ. މިޔަޓް ސްޕޯޓްސް ފިއެސްޓާއިން ގެންނަން ބޭނުންވާ ތަފާތަކީ އެއީކަން އެ ޖަމިއްޔާއިން އަބަދުވެސް ފާހަގަކުރެއެވެ. އެ ތަފާތުގެ މުހިއްމު މަންޒަރެއް އިއްޔެ ފެނިގެން ދިޔައެވެ. ގިނަ ބަޔަކު ބައިވެރިވި މިޔަޓް ޔުނިޓީ ރަންގެ ތަޖުރިބާ ހާއްސައެވެ.