އިންޑިއާގެ އެންމެ އަގުބޮޑު އަންހެން ފަންނާނުގެ މަގާމު އާލިއާ ބަޓް ހޯދައިފިއެވެ. މިކަން ހާމަކޮށްފައިވަނީ "ސެލެބްރިޓީ ބްރޭންޑް ވެލުއޭޝަން ރިޕޯޓް 2025" ގައެވެ.
މި ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި އާލިއާގެ ބްރޭންޑް އަގަކީ 93.9 މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 892 ކްރޯޑު ރުޕީސްއެވެ. މި އަދަދާއެކު އޭނާ ވަނީ ލިސްޓުގެ ހަވަނަ މަގާމު ހޯދާފައެވެ. އަދި އޭނާ ވަނީ ދީޕިކާ ޕަދުކޯން، ރަޝްމިކާ މަންދަންނާ އަދި އޭނާގެ ފިރިމީހާ ރަންބީރު ކަޕޫރަށް ވުރެ ވެސް ކުރި ހޯދާފައެވެ.
ކްރޯލްގެ ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި، ލިސްޓުގެ ހަތްވަނައިގައި އޮތް ދީޕިކާ ޕަދުކޯންގެ ބްރޭންޑް އަގަކީ 89.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 849 ކްރޯޑު ރުޕީސް) އެވެ. މީގެ އިތުރުން، 12 ވަނައިގައި އޮތް ރަޝްމިކާ މަންދަންނާގެ ބްރޭންޑް އަގަކީ 75.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 716 ކްރޯޑު ރުޕީސް) ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ލިސްޓުގެ 10 ވަނައިގައި އޮތް ރަންބީރު ކަޕޫރުގެ ބްރޭންޑް އަގަކީ 80 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 761 ކްރޯޑު ރުޕީސް) ކަމަށް ވެސް މި ރިޕޯޓުގައި އަންދާޒާކޮށްފައިވެއެވެ.
މި ރިޕޯޓުގައި ހިމަނާފައިވާ އަދަދުތަކަކީ ފަންނާނުންގެ އިޝްތިހާރުތަކާއި، ވިޔަފާރިތަކާއި، އަދި ސޯޝަލް މީޑިއާގައި އެ މީހުންގެ މަގުބޫލުކަމަށް ބަލައި ކްރޯލް އިން އަންދާޒާކޮށްފައިވާ އަދަދުތަކެކެވެ. މިއީ ރަސްމީކޮށް ކަށަވަރުކޮށްފައިވާ އާމްދަނީގެ އަދަދުތަކެއް ނޫނެވެ.
އާލިއާ ބަޓްގެ ފިލްމީ މަސައްކަތްތަކުގެ އިތުރުން، އޭނާ ވަނީ "އެޑް-އަ-މައްމާ" ގެ ނަމުގައި ކުޑަކުދިންގެ އަންނައުނު ވިއްކާ ބްރޭންޑެއް އުފައްދައި، ވިޔަފާރީގެ ދާއިރާއިން ވެސް މަސައްކަތްތަކެއް ކޮށްފައެވެ. ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އާލިއާގެ ބްރޭންޑް އަގު މައްޗަށް ގޮސްފައިވަނީ އޭނާގެ ވިޔަފާރިތަކާއި ބައިނަލްއަގުވާމީ ބްރޭންޑްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުންނެވެ. ކްރޯލްގެ ރިޕޯޓުން ދައްކާ ގޮތުގައި، މި ލިސްޓުގެ އެއްވަނައިގައި 177.9 މިލިއަން ޑޮލަރުގެ ބްރޭންޑް އަގަކާއެކު އޮތީ ޝާހްރުކް ހާންއެވެ.
އާލިޔާ ބަޓް
އާލިޔާ ބަޓް
ކޮމެންޓް