އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، އެ ގައުމުގެ އެންމެ އިސް ރޫހީ ލީޑަރު މުޖުތަބާ ހާމަނާއީއާ ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި، ނަމަވެސް އަނދިރި ކާރެއްގެ ތެރޭގައި އޮތް އެ ބައްދަލުވުމުގައި ލީޑަރު ނުފެންނަ ކަމަށް 'އީރާން އިންޓަނޭޝަނަލް' އިން ރިޕޯޓުކޮށްފިއެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެޒެޝްކިއަން ވަނީ ތެހެރާންގެ ސިއްރު ސަރަހައްދަކަށް ގެންގޮސް، ބިއްލޫރި ކަޅުކޮށްފައިވާ ކޮމާޝަލް ކާރެއްގެ ފަހަތު ސީޓަށް ލާފައެވެ. ކާރުގެ އެތެރެ ވަރަށް ބޮޑަށް އަނދިރިކޮށްފައި އޮތުމުން ކައިރީގައި އިން މީހާ ޕެޒެޝްކިއަންއަށް ނުފެންނަ ކަމަށާއި، ސަލާމްކުރުމުގެ ފުރުސަތު ވެސް ސެކިއުރިޓީން ނުދޭ ކަމަށް އެ ނޫހުން ބުނެފައިވެއެވެ. މަދު މިނެޓުކޮޅަކަށް ކުރިއަށްދިޔަ މި ބައްދަލުވުމަށްފަހު، އޭނާއަށް އިވުނު އަޑަކީ ހަގީގަތުގައި ވެސް މުޖުތަބާ ހާމަނާއީގެ އަޑުތޯ ޕެޒެޝްކިއަން އޭނާގެ އެހީތެރިންނާ ސުވާލުކުރެއްވި ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އީރާން އިންޓަނޭޝަނަލްއިން ބުނި ގޮތުގައި، މި ބައްދަލުވުން ހަމަޖައްސާފައިވަނީ ލީޑަރާ ބައްދަލުކުރުމަށް ޕެޒެޝްކިއަން ތަކުރާރުކޮށް އެދިވަޑައިގެން، މަގާމުން އިސްތިއުފާދެއްވާނެ ކަމުގެ އިންޒާރު ދެއްވުމުންނެވެ. އާންމު އުސޫލުތަކާ ހިލާފަށް، މި ބައްދަލުވުން އެންމެ އިސް ލީޑަރުގެ ރަސްމީ ގަނޑުވަރުގައި ބާއްވާފައެއް ނުވެއެވެ. މިކަމާ ގުޅިގެން ޕެޒެޝްކިއަން ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށާއި، ރަސްމީ ގަނޑުވަރުގައި ދެވަނަ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގަތުމުން އެކަން ގަބޫލުކޮށްފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައިވާ ކަންކަމަކީ މީގެ ކުރިން ޕެޒެޝްކިއަން އާންމުކޮށް ދައްކަވާފައިވާ ވާހަކަތަކާ ތަފާތު ކަންކަމެވެ. މީގެ ކުރިން އޭނާ ވިދާޅުވެފައިވަނީ އާ ލީޑަރާއެކު އެކުވެރި މާހައުލެއްގައި ދެ ގަޑިއިރާއި ބައިގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ނަމަވެސް، ދާދި ފަހުން ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޕެޒެޝްކިއަން ވިދާޅުވި ގޮތުގައި، މިވަގުތު އެންމެ އިސް ލީޑަރާ މުއާމަލާތްކުރުމަކީ "ވަރަށް އުނދަގޫ" ކަމެކެވެ.

ފެބްރުއަރީ 2026 ގައި އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާއެއްގައި އަވަހާރަވި އޭނާގެ ބައްޕަ އާޔަތުﷲ އަލީ ހާމަނާއީގެ ބަދަލުގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ފާއިތުވި ފަސް މަހެއްހާ ދުވަހުގެ ތެރޭގައި މުޖުތަބާ ހާމަނާއީ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންފައެއް ނުވެއެވެ. އޭނާގެ ފަރާތުން މިހާތަނަށް އާންމުކޮށްފައިވަނީ ހަމައެކަނި ލިޔުމުން ނެރެފައިވާ ބަޔާންތަކެކެވެ. މީގެ އިތުރުން، އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވެސް ވަނީ، އާ ލީޑަރާ ބައްދަލުކުރުމުގެ ފުރުސަތު ލިބިފައިވަނީ ވަރަށް މަދު ބަޔަކަށް ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.