އިސްރާއީލުން ގައްޒާގެ މީހުން ދިރިއުޅޭ އިމާރާތްތަކަކަށް ދިން ހަމަލާތަކެއްގައި މަދުވެގެން 13 މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

މި ހަމަލާތައް ދީފައިވަނީ، ހަތިޔާރު ހަވާލުކުރުމަށާއި އިސްރާއީލު ސިފައިން ގައްޒާއިން ފޭބުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައިގެން އެކުލަވާލާފައިވާ ޕްލޭނަކަށް އެއްބަސްވެފައިވާ ކަމަށް ހުކުރު ދުވަހު ހަމާސްއިން ބުނެފައި ވަނިކޮށެވެ. ހަމާސްއިން ބުނި ގޮތުގައި، އެ ޖަމާއަތުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ އެންމެ ފަހު މަރުހަލާއަށް ރުހުން ދީފައެވެ.

އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްވަރާތަކާ ގުޅޭގޮތުން އިސްރާއީލުން ރަސްމީކޮށް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، ސިޔާސީ މަސްދަރަކާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމާސްއިން ހަގީގީ މާނައިގައި ހަތިޔާރު ނުބަހައްޓާހާ ހިނދަކު، އިސްރާއީލު ސިފައިން ގައްޒާއިން ނުފައިބާނެއެވެ.

އާދީއްތަ ދުވަހު ގައްޒާގެ ކަމާބެހޭ ފަރާތްތަކުން ބުނިގޮތުގައި، އިސްރާއީލުން ވަނީ ގައްޒާގެ އެކި ސަރަހައްދުތަކުގައި މީހުން ދިރިއުޅޭ ގިނަ އިމާރާތްތަކަކަށް އަމާޒުކޮށް ހަމަލާދީފައެވެ. ގައްޒާގެ ސިވިލް ޑިފެންސާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގައްޒާގެ މެދުތެރޭގައި ހުރި އެޕާޓްމަންޓަކަށް އިސްރާއީލުގެ އަސްކަރީ ހެލިކޮޕްޓަރަކުން ދިން ހަމަލާއެއްގައި ފިރިހެނަކާއި އޭނާގެ އަނބިމީހާ ވަނީ މަރުވެފައެވެ. އަދި ގައްޒާ ސިޓީގެ ހުޅަނގުގައި ހުރި އިމާރާތަކަށް ދިން ހަމަލާއެއްގައި އުމުރުން ދުވަސްވީ މީހަކާއި ކުޑަކުއްޖަކު މަރުވެފައިވާއިރު، ދެކުނުގައި އޮންނަ ހާން ޔޫނިސްގެ ހުޅަނގު އުތުރުގައި ހުރި އެޕާޓްމަންޓަކަށް ދިން ހަމަލާއެއްގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް ތިން މީހަކު ވަނީ މަރުވެފައެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެމެރިކާގެ އިތުރުން ސަރަހައްދީ ބައެއް ގައުމުތަކުންވެސް މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެހެންނަމަވެސް، ހަމާސްއިން ހަތިޔާރު ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނެ ގޮތަކާމެދު ދެ ފަރާތުގެ ދެމެދުގައި އަދިވެސް ހިޔާލުތަފާތުވުންތަކެއް ހުރި ކަމަށް އޭއެފްޕީން ފާހަގަކޮށްފައިވެއެވެ.