އިންޑިއާގެ މަޝްހޫރު އެކްޓަރު ޔަޝްއާއެކު އެކްޝަން ފިލްމު "ޓޮކްސިކް" ގައި ހަރަކާތްތެރިވުމަށް ނިންމި ސަބަބުތައް ބަތަލާ ކިއާރާ އަދުވާނީ ކިޔައިދީފިއެވެ.
މެގަޒިން "ފެމިނާ" އަށް ދިން އިންޓަވިއުއެއްގައި ކިއާރާ ބުނީ، ޑައިރެކްޓަރު ގީތޫ މޯހަންދާސްގެ މި ފިލްމު ކުޅެން އޭނާ އެއްބަސްވީ އޭނާ ކުޅޭ "ނާޑިއާ" ގެ ކެރެކްޓަރަކީ ވަރަށް ފުރިހަމައަށް ލިޔެފައިވާ، އަދި ތަފާތު އިހުސާސްތަކެއް އެކުލެވޭ ރޯލަކަށް ވުމުން ކަމަށެވެ.
“މި ފިލްމުގެ ވާހަކަ އަޑުއެހިއިރު، މި ކެރެކްޓަރު ލިޔެފައިވާލެއް ފުރިހަމަކަމުން އަހަރެން ހައިރާންވި. މިއީ އެކްޓަރަކު ކުޅެން ބޭނުންވާނެ ހުރިހާ ރަހައެއް އެކުލެވޭ ކެރެކްޓަރެއް،” ކިއާރާ ބުންޏެވެ. އަދި އޭނާގެ ކެރިއަރުގައި މިފަދަ އުނދަގޫ ރޯލެއް ކުޅުމުގެ ޔަގީންކަން ލިބޭ ހިސާބަށް މިހާރު އާދެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
މި ފިލްމުގައި އަންހެން ކެރެކްޓަރުން ދައްކުވައިދޭ ގޮތާ ގުޅޭގޮތުން ވާހަކަދައްކަމުން ކިއާރާ ބުނީ، އަންހެނުންނަކީ ހަމައެކަނި ވަކި ކަހަލަ ރޯލުތަކަކަށް ހާއްސަ ބައެއްގެ ގޮތުގައި ސިފަކުރުމާ އޭނާ ދެކޮޅު ކަމަށެވެ.
“އަންހެނުން ވަކި ގޮތަކަށް ސިފަކޮށް ހިފެހެއްޓުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން. އަހަރެމެންނަކީ އެއަށްވުރެ މާ ގާބިލު ބައެއް، އެހެންވީމަ އަހަރެމެން ކުޅޭ ކެރެކްޓަރުތައް ވެސް އެފަދަ ގޮތަކަށް ނުހުންނަންވީ ސަބަބެއް ނެތް،” ކިއާރާ ބުންޏެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ފިލްމުތަކުގައި އަންހެނުންގެ ރޯލުތައް ހުންނަންވާނީ ހަގީގަތާ ގާތްކުރާ، ބާރުގަދަ އަދި ގިނަ ކަންތައްތަކެއް އެކުލެވޭ ގޮތަކަށެވެ.
ރިޕޯޓް
ދުނިޔެ
ބޮލީވުޑް
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް