ނިތޭޝް ތިވާރީ ޑައިރެކްޓުކުރާ ފިލްމު "ރާމާޔަނާ" ގެ ރަސްމީ ޓްރެއިލާ އިއްޔެ އާންމުކޮށްފިއެވެ. ހަތަރު މިނެޓާއި ނުވަ ސިކުންތުގެ މި ޓްރެއިލާގައި މައިގަނޑު ގޮތެއްގައި ދައްކުވައިދެނީ ރަންބީރު ކަޕޫރު ކުޅޭ "ރާމް" ގެ ކެރެކްޓަރާއި ޔާޝް ކުޅޭ "ރާވަނާ" ގެ ކެރެކްޓަރާ ދެމެދު ހިނގާ ކުރިމަތިލުންތަކަށާއި އެކަމަށް ވަމުން އަންނަ ތައްޔާރީތަކަށެވެ.

ޓްރެއިލާއިން ފެންނަ ގޮތުގައި ޔާޝްގެ ކެރެކްޓަރު ރާވަނާ ތިން ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ފޯރުވައި، ރަސްކަމާ ހަވާލުވެއެވެ. ރަންބީރުގެ ކެރެކްޓަރު ރާމް އޭނާގެ ބައްޕަ ދަޝްރަތު (އަރޫން ގޯވިލް) ގެ އެންގުމާ އެއްގޮތަށް 14 އަހަރު ދުވަހަށް އަރުވާލުމުގެ ހުކުމް ގަބޫލުކުރާ މަންޒަރު ފެނެއެވެ.

މީގެ އިތުރުން ދުނިޔެ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ފުރާނަ ދޫކޮށްލަން ޖެހުނަސް އެކަން ކުރާނެ ކަމަށް ރާމް ބުނާ މަންޒަރާއި، ބަދަލުހިފުމުގެ ގޮތުން ރާމް މަރާލާނެ ކަމަށް ރާވަނާ އިންޒާރުދޭ މަންޒަރު މި ޓްރެއިލާގައި ހިމެނެއެވެ. ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޓްރެއިލާ ފެށިގެން އަންނަނީ ރާވަނާ ރަނުގެ ދަހަނާއެއްގައި ހުންނަ މަންޒަރަކުންނެވެ.

މި ފިލްމުގައި ސީތާގެ ރޯލުން ސައި ޕައްލަވީ ފެނިގެންދާއިރު، ހަނުމާންގެ ރޯލު ކުޅެނީ ސަނީ ޑިއޯލްއެވެ. އަދި ލަކްޝްމަންގެ ރޯލުން ރަވީ ދޫބޭ ފެނިގެންދާއިރު، ކައިކޭޔީގެ ރޯލު ކުޅެނީ ލާރާ ދައްތާއެވެ.

އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕްރައިމް ފޯކަސް ސްޓޫޑިއޯސްއިން އުފައްދާ މި ފިލްމުގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ އޭއާރު ރަހުމާނާއި ހޭންސް ޒިމާއެވެ.

ދެ ބަޔަކަށް ބަހާލައިގެން ނެރޭ މި ފިލްމުގެ ފުރަތަމަ ބައި ސިނަމާތަކަށް އަންނާނީ މި އަހަރުގެ ދިވާލީގައެވެ. އަދި ފިލްމުގެ ދެވަނަ ބައި ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިވާލީގައި ކަމަށް ފިލްމު އުފައްދާ ފަރާތްތަކުން ބުނެފައިވެއެވެ.