ސެންޗޫރިއަންއިން ރާއްޖޭގައި ތަމްސީލުކުރާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) އިން، މި މަހުގެ ތެރޭގައި 2،850 އަށްވުރެ ގިނަ ޓީއީޔޫ އެތެރެކޮށް، އެ ކުންފުނިން ރާއްޖެއަށް މަހެއްގެ މައްޗަށް އެންމެ ގިނައިން މުދާ އެތެރެކުރި ރެކޯޑު ގާއިމުކޮށްފިއެވެ.
މި ރެކޯޑު ގާއިމުކޮށްފައިވަނީ މިއަދު އެމްއެސްސީގެ ފީޑާ އުޅަނދު "އެމްވީ މަނާސާ" މާލެއަށް ބަނދަރުކުރުމާއެކުގައެވެ.
ސެންޗޫރިއަންއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ ރާއްޖެއަށް ކޮންޓެއިނަރު އުފުލާ އެންމެ ޝިޕިން ލައިނަކުން މަހެއްގެ މައްޗަށް އެތެރެކުރި އެންމެ ގިނަ އަދަދުގެ މުދާކަމަށް ބެލެވޭ ކަމަށެވެ.
އެ ކާމިޔާބީ ހާސިލުކޮށްފައިވަނީ ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އުޅަނދުފަހަރުގެ ތާވަލުތައް ފުރިފައިވުމާއި، ތޮއްޖެހުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ އިތުރުން ކޮލަމްބޯއާއި މާލެއާ ދެމެދު ހަރުދަނާ ފީޑާ ގުޅުންތަކެއް ދެމެހެއްޓުމަށް ބޭނުންވާ ވިލަރެސްކުރުމުގެ ގޮންޖެހުންތަކާ އެކުގައިކަމަށް އެ ކުންފުނިން ބުންޏެވެ.
ސެންޗޫރިއަންގެ ޗެއާމަން ކެޕްޓަން އަހްމަދު މައުމޫން ވިދާޅުވީ، މަހެއްގެ މައްޗަށް 2،850 ޓީއީޔޫއަށްވުރެ އިތުރުވުމަކީ އެމްއެސްސީ އަދި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އެއިން ދައްކައިދެނީ ދިވެހި ވިޔަފާރިވެރިން އެމްއެސްސީގެ ހިދުމަތްތަކަށް ކުރާ އިތުބާރާއި، އެމްއެސްސީގެ ބައިނަލްއަގުވާމީ ނެޓްވޯކުގެ ވަރުގަދަކަމާއި، އޮޕަރޭޝަނަލް ގޮންޖެހުންތަކާއެކުވެސް ރާއްޖެއަށް ފަސޭހަކަމާއެކު މުދާ ފޯރުކޮށްދިނުން ކަށަވަރުކުރުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.
"އިމްޕޯޓަށް ބޮޑަށް ބަރޯސާވާ ޖަޒީރާ ގައުމަކަށް ވުމާއެކު، އިގުތިސޯދީ ކުރިއެރުމަށާއި ސަޕްލައި ޗެއިންގެ ދެމެހެއްޓެނިވިކަމަށް އިތުބާރުހުރި ޝިޕިން ގުޅުމެއް އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ" އަހުމަދު މައުމޫން ވިދާޅުވިއެވެ.
ސެންޗޫރިއަންއިން އެ ރެކޯޑު ގާއިމުކޮށްފައިމިވަނީ، އެމްއެސްސީގެ ވައިސް ޕްރެޒިޑެންޓް އޮފް އިންޑިއާ، ކްރިޝްނާ ކުމާރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ބައްދަލުކުރައްވާފައި ވަނިކޮށެވެ. އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ އުމްރާނީ ތަރައްގީއާއި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިމަގުގައި ހިންގާ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެސްސީން ތައްޔާރަށް އޮތްކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ކޮންޓެއިނަރު ޝިޕިން ލައިންގެ ގޮތުގައި ފާހަގަކުރެވޭ އެމްއެސްސީން ގާތްގަނޑަކަށް 1،000 ކޮންޓެއިނަރު އުޅަނދުގެ ފްލީޓެއް އޮޕަރޭޓުކުރެއެވެ. އަދި 155 އަށްވުރެ ގިނަ ގައުމަށް ހިދުމަތްދީ، އެ ކުންފުނީގެ ބައިނަލްއަގުވާމީ ނެޓްވޯކް މެދުވެރިކޮށް އަހަރެއްގެ މައްޗަށް އަންދާޒާކުރެވޭ ގޮތުގައި 30 މިލިއަން ޓީއީޔޫ އުފުލާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމަށްޓަކައި، އެމްއެސްސީއާއި، ފީޑާ އޮޕަރޭޓަރުންނާއި، ބަނދަރުގެ އިދާރާތަކާއި، ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުން ގެންދާނެކަމަށް ސެންޗޫރިއަންއިން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ކޮމެންޓް