ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ލިވަބޯޑް ނުވަތަ ސަފާރީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން "ލިވަބޯޑް ފައިނޭންސް" ނަމުގައި އާ ފައިނޭންސިން ފެސިލިޓީއެއް މިއަދު ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ މިއީ މި ދާއިރާގައި ހަރަކާތްތެރިވާ އޮޕަރޭޓަރުންނަށް އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، މަރާމާތުކުރުމުގެ އިތުރުން އިންޖީނާއި އެކި ވަސީލަތްތައް ހޯދުމަށް ބޮޑު ލުޔެއް ދިނުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެއް ކަމަށެވެ. ބީއެމްއެލުން ބުނީ އެ ފެސިލިޓީގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެއީ އަހަރަކު 9.5 ޕަސަންޓުގެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާ ލޯނަކަށްވުން ކަމަށެވެ.
މިއީ މިވަގުތު ރާއްޖޭގައި އުޅަނދުފަހަރު ބަނުމާއި ގަތުމަށް ދޫކުރާ އެންމެ ކުޑަ ރޭޓުކަމަށް ބީއެމްއެލުން ބުންޏެވެ. މީގެ އިތުރުން، އެ ފައިނޭންސަށް ރަހުނުގެ ގޮތުގައި ބޭނުންވަނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ލޯނު އަނބުރާ ދެއްކުމަށް ހަތް އަހަރުގެ މުއްދަތެއް ލިބޭއިރު، ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ސަފާރީ ދާއިރާގެ ވިޔަފާރި ހިނގާ ގޮތަށް ބަލައިގެންކަމަށް ބީއެމްއެލްއިން ބުންޏެވެ. އެގޮތުން ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިއާޔަތްކޮށް، އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބިގެންދާނެކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ފައިނޭންސަށް ފައިސާ އަނބުރާ ދައްކަންޖެހެނީ އެމެރިކާ ޑޮލަރުންކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވަބޯޑް ދާއިރާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބައެއް ކަމަށާއި، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ އެ ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ހަރަދުތައް ހިނގާ ގޮތަށް ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އެ މީހުންގެ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އިތުބާރާއި މާލީ އެހީތެރިކަން ލިބިގެންދާނެކަމަށް ޝަރީފު ވިދާޅުވިއެވެ.
ބީއެމްއެލުން ބުނީ އެ ފައިނޭންސިންގެ ސަބަބުން މިހާރު ދާއިރާގައި ތިބި ތަޖުރިބާކާރުންގެ އިތުރުން، އަލަށް އެ ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ފައިނޭންސިން ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް