އެމެރިކާޔާއި އީރާނުގެ ހަގުރާމަ ނުހުއްޓި ކުރިއަށްދާއިރު ދެފަރާތުންވެސް މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ. އީރާނުގެ ރަސްމީ ފަރާތްތަކުން ހާމަކުރާ އަދަދުތަކަށް ބަލައިލީމާ ފެންނަނީ އެގައުމުގެ ސިފައިންގެ ތެރެއިން ތިންހާސް ފަސްސަތޭކަ މީހުން މަރުވެފައިވާ ކަމެވެ. ފަހަރުގައި ހަގީގީ އަދަދު މިއަށްވުރެ މަތިވެސް ވެދާނެއެވެ. އެމެރިކާ ސިފައިންގެ ތެރެއިން މަރުވިކަމަށް ވޮޝިންޓަނުން އިއުތިރާފުވާ އަދަދަކީ ސަތާރައެވެ. އިތުރު ހަތަރުސަތޭކަވިހި މީހުން ޒަޚަމްވެފައިވެއެވެ. ޔަގީނާ ގާތަށް ގަބޫލުކުރެވޭ ގޮތުން މިއީ ހަގީގީ އަދަދެއް ނޫނެވެ. އަސްލު އަދަދު މަތިވާނެއެވެ. ސިޔާސީ ސަބަބުތަކަަށްޓަކައި ހަގީގަތް ފޮރުވަނީއެވެ. އެމެރިކާ ސިފައިންގެ ތެރެއިން އެންމެފަހުން މަރުވިކަމަށް ބުނާ ބަޔަކީ ޖޯޑަންގައިވާ އެމެރިކާގެ މުވައްފަގު އެއަރބޭހަށް އީރާނުން މިހަފުތާގައި ދިން މިސައިލް ހަމަލާތަކެއްގައި މަރުވި ބައެކެވެ. ސިފައިންގެ ތެރެއިން އަންހެނަކާއި ފިރިހެނަކު މަރުވިކަމަށް ވަނީ އެއްބަސްވެފައެވެ.
އީރާނުގެ ސިފައިން ޝަހީދުވަނީއެވެ. އަމިއްލަ ގައުމާއި ރައްޔިތުންގެ ދިފާއުގައި ހަގުރާމަ ކުރުމުގައެވެ. އެމެރިކާ ސިފައިން މަރުވަނީ ކޮންބަޔަކަށްޓަކައި ބާވައެވެ. ހަމަގައިމުވެސް މިއީ އެމެރިކާގެ މަސްލަހަތު ހިމެނޭ ހަގުރާމައެއް ނޫނެވެ. އެންމެނަށްވެސް ފާޅުވެ އެނގެންެއޮތް ފަދައިން މިއީ އިޒްރޭލުގެ މަސްލަހަތަށްޓަކައި ކުރެވޭ ހަގުރާމައެކެވެ. އެހެންވީމާ އެމެރިކާ ސިފައިން މަރުވަމުން އެދަނީ އިޒްރޭލަށްޓަކައެވެ. މި ހަގީގަތް ތިލަވެ ހާމަވަމުންދާ ވަރަކަަށް އެމެރިކާގެ ރައްޔިތުން ކުރަމުންދަނީ މި ސުވާލެވެ. މިއީ ކޮންބަޔަކަށްޓަކައި ކުރެވޭ ހަގުރާމައެއް ހެއްޔެވެ. މި ހަގުރާމައިގައި އެމެރިކާ ސިފައިންގެ ފުރާނަ ގުރުބާން ކުރަންވީ ކީއްވެގެން ހެއްޔެވެ. އެމެރިކާ ސިފައިން ހުވައިކޮށްގެން އެތިބީ އެމެރިކާ ދިފާއު ކުރުމަށެވެ. އެހެން ގައުމެއްގެ މަސްލަހަތުގެ ދިފާއުގައި ހަގުރާމަކޮށް ފުރާނަ ދުއްވައިލާކަށް ނޫނެވެ. ރަހުމަތްތެރި ގައުމަކަށް ތާއީދުކޮށް ވާގިވެރިވުމުގެ މާނަޔަކީ އެގައުމަކުން ކުރާހާ ހަގުރާމައެއްގައި ބައިވެރިވެ އެމެރިކާ ސިފައިން ގުރުބާން ކުރުމެއް ނޫނެވެ.
އެމެރިކާ ސިފައިންގެ ތެރެއިން މަރުވާ ކޮންމެ މީހަކުވެސް އެދަނީ މައިންބަފައިން ދޫކޮށްފައެވެ. އަނބީންނާއި ފިރިންނާއި ދަރިން ދޫކޮށްފައެވެ. ގާތްތިމާގެ މީހުންނާއި އަވައްޓެރިން ދޫކޮށްފައެވެ. އެމީހުންގެ ފުރާނަޔަކީ އެހެންބަޔަކު ރާވާރޭވުމެއްގައި ބޭނުންކުރެވޭ ކުޅިބަޔަކަށް ވުމަކީ އެމީހުންގެ އެދުމަކަށް ނުވާނެއެވެ. ކުރި ހުވަޔަށް ތެދުވެރިވުމަކަށްވެސް ނުވާނެއެވެ. އެހެންވީމާ މިކަމަކީ މިގޮތަަށް ހިނގަންޖެހޭ ކަމެއް ނޫނެވެ. ހަގުރާމައިގެ މައިދާނަށް އެމެރިކާ ސިފައިން ފޮނުވުމުގެ ކުރިން އެގައުމުގެ ރައްޔިތުންނަަށް ތިން ހަތަރުކަމެއް ވަރަށް ސާފުވާންޖެހެއެވެ. އެކަންކަން ސާފުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ހަގުރާމައިގެ ތެރެއަށް ވަންނަން ޖެހޭ ސަބަބެވެ. ހަގުރާމަ ނުކޮށްފިނަމަ އެމެރިކާއަށް ކުރިމަތިވާނެ ނުރައްކަލެވެ. ހަގުރާމަ ކުރަންޖެހޭ ގާނޫނީ ސަބަބުތަކެވެ. ހަގުރާމައިން ނެރެން ބޭނުންވާ ނަތީޖާއާއި ހަގުރާމަ ނިންމައިލާނެ ގޮތެވެ. މިކަންކަން ސާފުނުވަންޏާ ހަގުރާމައިގެ މައިދާނުގައި ސިފައިން ރުކުރުވާލައިގެން ނުވާނެއެވެ.
އީރާނުގެ ސިފައިން އެތިބީ މުޅިން އެހެން ހާލަތެއްގައެވެ. ހަގުރާމަ އިސްވެ ފެށީ އީރާނަކުން ނޫނެވެ. އެމެރިކާއިން އިސްވެފެށި ހަގުރާމައެކެވެ. އެހެންވީމާ އީރާނުން އެކުރަނީ ގައުމުގެ ދިފާއުގައިކުރާ ސައްހަ ހަގުރާމައެކެވެ. ކުރަން ލާޒިމު ހަގުރާމައެކެވެ. އެމީހުން ކޮށްގެންތިބި ހުވަޔާ އެއްގޮތްވާ ހަގުރާމައެކެވެ. އެމެރިކާ ސިފައިން އެތިބީ ހުރިހާ ގޮތަކުން ބާތިލް މަގުގައެވެ. ކުރަމުން އެދަނީ ބާތިލް ހަގުރާމައެކެވެ. އައިރުގާނޫނީ ހަގުރާމައެކެވެ. އެމެރިކާ ސިފައިން މަރުވަމުން އެދަނީ އެންމެ ކުޑަމިނުން އެމެރިކާއަށްޓަކައެއްވެސް ނޫނެވެ. މުޅިން އެހެން ގައުމަކަށްޓަކައެވެ. އިޒްރޭލަށްޓަކައެވެ. އެހެންވީމާ އެމެެރިކާގެ ރައްޔިތުންގެ ގިނަ ބަޔަކު މިހާރު ބުނަމުންދަނީ މިހެންނެވެ. އެމެރިކާގެ ހަގުރާމަޔަކަށްނުވާ ބިދޭސީ ހަގުރާމައެއްގައި ބައިވެރިވެ އެމެރިކާ ސިފައިންގެ ފުރާނަތައް ގުރުބާންކުރަން ޖައްސައިގެން ނުވާނެއެވެ. ރައީސް ޓްރަމްޕު ތިޔަހަދަނީ ގޯހެކެވެ. ބޮޑުވެގެންވާ ގޯހެކެވެ.
އީރާނާ ދެކޮޅަށް ރައީސް ޓްރަމްޕު ފަށާފައިވާ ހަގުރާމަ މިހާރު ކުރިއަށް އެދަނީ މިހާތަނަށް ދުނިޔޭގެ އެއްވެސް ބަޔަކު ހަގުރާމަ ކޮށްފައިނުވާ އުސޫލަކަށެވެ. ކޮންމެފަހަރަކުވެސް އިސްވެ ހަމަލަދީ ހަގުރާމަ ފަށަނީ އެމެރިކާއިންނެވެ. ހަފުތާއަކަށް ދެ ހަފުތާއަކަށް މިސައިލުގެ ވާރޭ ވެއްސުމަށްފަހު ޓްރަމްޕު ގޮވައިލާނެއެވެ. ހަގުރާމަ މެދުކަނޑައިލަންވީއެވެ. ސުލްހަނާމާއެއް ހަދަންވީއެވެ. މަޝްވަރާތައް ފަށަންވީއެވެ. މީނާގެ އަސްލު ބޭނުމަކީ އައު ހަތިޔާރު ޖަމާކޮށް ހަގުރާމައިގެ އައު ބުރަކަށް ތައްޔާރުވާން ވަގުތު ހޯދުމެވެ. ދެން އީރާނުން މިކަމަށް އެއްބަސްވެ ހަމަލަތައް މެދުކަނޑާލައި މަޝްވަރާތައް ފަށައިގެންފާނެއެވެ. ދުވަސްކޮޅެއްވެސް ނުވަނީސް ޓްރަމްޕުގެ އަމުރަށް އެމެރިކާ ސިފައިން އަނެއްކާވެސް ހަގުރާމަ ފަށައިފާނެއެވެ. މިހައިތަނަށް މިޒާތުގެ ކިތަންމެ ބުރެެއް ނިމިއްޖެއެވެ. މިހާރު އަނެއްކާވެސް ހަމަލަތައް އެދަނީ ބަދަލުކުރެވެމުންނެވެ. ރޮކެޓާއި ޑްރޯނާއި މިސައިލުގެ ވާރޭ އެދަނީ ވެހެމުންނެވެ.
ޚަބަރު ލިބެއެވެ. ހަގުރާމަ މެދުކަނޑާލައި އައު މަޝްވަރާތަކެއް ފަށަން ޓްރަމްޕު އަނެއްކާވެސް އެދިއްޖެއެވެ. މީގެ ޖަވާބުގައި އީރާނުން މިފަހަރު އެންގި ކަމަށްވެއެވެ. ދެން ފުދިއްޖެއެވެ. ކަލެޔާއި ކަލޭގެ ސުލްހައަށް ސަލާމެވެ. ކަލޭ ޖަހާހައި ބެރަކަށް ނަށަން އަހަރެމެންނެއް ނެތީމެވެ. މިސައިލްކޮޅު ހުސްވީމާ ހަމަލަތައް މެދުކަނޑާލައިފައި އައު ސްޓޮކް ޖަމާކުރެވުނީމާ ހަމަލަތައް އަލުން ފެށުމަށްޓަކައި ކޮންމެހެން ދައްކަންޖެހޭ ވާހަކަތަކެއް، ކުރަންޖެހޭ މަޝްވަރާތަކެއް ނޯންނާނެއެވެ. އީރާނުން މިޖަވާބު ދިނީމާ މިހާރު ޓްރަމްޕު އެހެރީ ދެން ހަދަންވީ އެއްޗެއް ނޭގިފައި ކަމަށް ބުނެވެއެވެ. އެހެން ހުރެގެން ދައްކަނީ މުޅިންވެސް ހޮޅިވާހަކައެވެ. އެންމެފަހުން މިހަފުތާގައި ބުންޏެވެ. މިހަގުރާމައަކީވެސް ބޭނުމެއްނެތް ބޭކާރު ހަގުރާމައެކެވެ. އީރާނުގެ އަތުގައި ހުރި ފައްކާކުރި ޔުރޭނިއަމަކީވެސް އަގެއްނެތް ބޭކާރު އެއްޗެކެވެ. އެތަކެތި ހޯދަން އުޅުމުގެ މާނައެއްވެސް ނެތެވެ. މިޒާތަކުން އަދިވެސް ކިތަންމެ ވާހަކައެއް ދެއްކިއެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް