މަލްޓި ޔޫތު އެސޯސިއޭޝަން އޮފް ތުލުސްދޫ (މިޔަޓް) އިން އިންތިޒާމު ކޮށްގެން ބާއްވާ ކ. އަތޮޅުގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތް، މިޔަޓް ސްޕޯޓްސް ފިއެސްޓާގެ ތެރެއިން ކުރިއަށްދާ މިޔަޓް ޔުނިޓީ ރަން 2026 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ މިޔަޓް ސްޕޯޓްސް ފިއެސްޓާ ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އިވެންޓްގެ ހަރަކާތްތައް އޮގަސްޓް 13 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އިރު، މިއަހަރު ސްޕޯޓްސް ފިއެސްޓާގެ ތެރެއިން މިޔަޓް ފިރިހެން ފުޓްސަލް މުބާރާތް، މިޔަޓް ފުޓްސަލް ޗެލެންޖްގެ އިތުރުން، އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މިޔަޓް ފެމީނާ ފުޓްސަލް ޗެލެންޖް ވެސް ކުރިއަށް ދާނެއެވެ.

އޭގެ އިތުރުން ސްޕޯޓްސް ފިއެސްޓާ ކުރިއަށްދާ ކ. ތުލުސްދޫގައި ފަން ރަންއެއްގެ އިތުރުން ފިއެސްޓާގެ ތެރެއިން އިސް ރަށްވެހިންނަށް ހާއްސަ އިވެންޓެއް ވެސް ކުރިއަށް ގެންދަން މިޔަޓުން ވަނީ ނިންމައިފައެވެ.

މިޔަޓުން ބުނެފައި ވަނީ މިޔަޓް ޔުނިޓީ ރަން ކުރިއަށް ގެންދަން ނިންމާފައި ވަނީ 31 ވަނަ ދުވަހު ކަމަށާއި، މިހާރު ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

https://www.facebook.com/photo?fbid=1634096395389289&set=a.130534982412112

މިޔަޓް ސްޕޯޓްސް ފިއެސްޓާއަކީ ކ. އަތޮޅުގެ ކުޅިވަރު އީދަކަށްވީ އިރު، އަންހެން އަދި ފިރިހެން ފުޓްސަލް މުބާރާތް އަމާޒުކޮށްފައި ވަނީ ކ. އަތޮޅުގެ ކުޅުންތެރިންނަށެވެ. އެހެން ނަމަވެސް ކޮންމެ ޓީމެއްގައި ވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިޔަކު ހިމަނޭނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

މިއީ މިޔަޓް ފުޓްސަލް ޗެލެންޖް ކުރިއަށްދާ ހަވަނަ ފަހަރެވެ. އެންމެފަހުން ދެ ފަހަރުވެސް ޗެމްޕިއަންކަން ދިއްފުށި އެފްޓީން ހޯދާފައިވާ އިރު، ޗެމްޕިއަން ޓީމަށް މިއަހަރުވެސް 75،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.