އެމެރިކާގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް އަލުން ފަށާފައިވާ ކަނޑުމަތީގެ ހިސާރުގެ ދަށުން، ފާރިސީ ކަނޑުއޮޅީގައި (ޕަރޝިއަން ގަލްފް) ތިން ތެޔޮ ޓޭންކަރަކަށް ހުރަސްއަޅައި، އޭގެ ތެރެއިން އެއް ބޯޓަށް ހަމަލާދީ ހުއްޓުވައިފިއެވެ. ގަލްފް ނިއުސް އަދި ދަ ގާޑިއަން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ އަމާޒުވެފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އީރާނުގެ ހާރްގް ޖަޒީރާއަށް ދަތުރުކުރަމުން ދިޔަ އުޅަނދުތަކަކަށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި، ކިއުރަސާއޯގެ ދިދަ ނަގައިގެން ދަތުރުކުރި “އެމް/ޓީ ބެލްމާ” ނަމަކަށް ކިޔާ ހުސް ތެޔޮ ޓޭންކަރު ހުއްޓުވީ އެމެރިކާގެ އިންޒާރުތަކަށް ތަބާ ނުވުމުންނެވެ. އެގޮތުން، އެމެރިކާގެ އަސްކަރީ މަތިންދާބޯޓަކުން ވަނީ އެ ބޯޓުގެ ދުންހޮޅިއަށް އަމާޒުކޮށް ‘ހެލްފަޔަރ’ މިސައިލުން ހަމަލާދީފައެވެ. ސެންޓްކޮމް އިން ބުނި ގޮތުގައި މި ހަމަލާގެ ސަބަބުން ބޯޓު އަޑިއަށް ނުދިޔަ ނަމަވެސް، ބޯޓު ވަނީ ދަތުރު ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެ ބޯޓު މިހާރު އީރާނަށް ދަތުރުނުކުރާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.

މި ހަމަލާގެ އިތުރުން، އެމެރިކާގެ ސިފައިންގެ އަމުރުތަކަށް ތަބާވި އިތުރު ދެ ވިޔަފާރި އުޅަނދެއް އަނބުރާ ފޮނުވާލާފައިވާ ކަމަށް ސެންޓްކޮމް އިން ބުނެފައިވެއެވެ. މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ހުރަސްކުރާ މުހިންމު ކަނޑުގެ މަގަކަށް ވާއިރު، މި ހިސާރުގެ ސަބަބުން ސަރަހައްދީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ފާހަގަކުރެއެވެ.

މި ހާދިސާ ހިނގާފައިވަނީ، ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމަށް އީރާނުން ބޭނުންކުރާ އަސްކަރީ ވަސީލަތްތައް ނައްތާލުމުގެ ގޮތުން އެމެރިކާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އީރާނުގެ ބަނދަރުތަކަށް ވަދެނުކުމެ އުޅޭ އުޅަނދުތަކަށް އަމާޒުކޮށް ހިންގާ ހިސާރުގެ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ހަރުކަށިކަމާއެކު ތަންފީޒުކުރާނެ ކަމަށެވެ.