މީގެ އެއް އަހަރު ކުރިން މިިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ މުޅި ރާއްޖެ ސިއްސުލާވީ މާލޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި، އެސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިޔަސް އަނިޔާތަކެއް ވެ 17 އަހަރުގެ ކުއްޖެއްގެ މަރުގެ ހަބަރުންނެވެ.
މަރުވެފައިވަނީ، މަޝްހޫރު ލަވަކިޔުންތެރީން ކަމަށްވާ މުހައްމަދު އަބްދުލްގަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ އަލްސަންއެވެ. އެ ހާދިސާއަކީ މުޅި ގައުމު ސިއްސުވައިލި، އަދި އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވި ހިތާމަވެރި ހާދިސާއެކެވެ.
އެ މަރަށް މިއަދު އަހަރެއްވީ އިރުވެސް އެ ދުވަހުގެ ހަނދާންތައް އައްޝަފާގެ ހިތުގައި އަދިވެސް ވަރަށް ތާޒާކަމާއެކު އެބަހުއްޓެވެ. އޭގެފަހުން ކޮންމެ މަހެއްގެ 13 ވަނަ ދުވަހު އަޝްފާ ބަންޑުންކޮށްލަނީ އޭނާގެ ހިތުގެ ހާލެވެ. ޓީޗަރުންގެ ދުވަހާއި ދަރިފުޅުގެ އުފަން ދުވަސް ވެސް މި ފާއިތުވެދިޔަ އަހަރު އަޝްފާ ފާހަގަ ކުރީ ދަރިފުޅާ ނުލައެވެ.
"އަލްސަން ޕިކަޕެއް ޖެހި އެކްސިޑެންޓްވި ހަބަރު ފުލުހުންގެ ފަރާތުން ލިބުނު ވަގުތު، މުޅި ދުނިޔެ ހުއްޓުނު ކަހަލަ އިހުސާސެއް ކުރެވުނު. އެމީހުން ދެއްކި އެއްވެސް ވާހަކައެއް ސިކުނޑިއަކަށް ނަގައެއް ނުގަނެވޭ. އިވެމުންދިޔަ ވާހަކަތައް ގަބޫލުކުރަން ހިތް ދިޔައީ ދެކޮޅި ހަދަމުން،" ދަރިފުޅުގެ މަރަށް އަހަރެއް ފުރުމުން އިންސްޓަގްރާމްގައި އަޝްފާ ހިއްސާ ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.
"ހޮސްޕިޓަލް އެނދުގައި އޭނާ އޮތް މަންޒަރު ފެނުމުން، އެއީ ހަގީގަތެއްކަން ގަބޫލު ކުރަން ދަތިވި"
އެ މަންޒަރާއެކު އޭނާގެ މުޅި ދުނިޔެ ހުއްޓުމަކަށް އައި ކަހަލަ އިހުސާސްތަކެއް އައިސް އަޝްފާ ވަށާލީއެވެ. އޭނައަށްވުރެ ކުރިން ދަރިފުޅު މަރާ ބައްދަލު ކުރުމުން، އެ ޝަކުވާއިން ހިތް ފުރުނީއެވެ. އެ ދަރިފުޅާ ނުލައި ދުނިޔޭގެ އުޅޭނެ ގޮތެއް އިހުސާސް ކޮށްލަން ވެސް ނޭނގުނީއެވެ. މި ދުނިޔޭގައި އޭނާގެ އެންމެ ބޮޑު އުފަލަކީ އަދި ނިއުމަތަކީ އޭނާގެ ލޯބިވާ "އަލް ދޫނި"އަށް ވީމައެވެ.
"އަލް ދޫނީ" އަށް އޮތް ލޯތްބަށް ބަދަލެއް ނާދޭ
މި ހިތާމަވެރި ހާދިސާ ހިނގި ފަހުން، ކޮންމެ މަހެއްގެ 13 ވަނަ ދުވަހަކީ އައްޝަފާގެ ހިތުގެ އުދާސްތައް ސޯޝަލް މީޑިއާގައި ބަންޑުންކޮށްލާ ދުވަހެކެވެ. އެއީ ހަމައެކަނި ލިޔުމެއް ނޫނެވެ؛ އެއީ އޭނާގެ "އަލް ދޫނީ" އަށްޓަކައި ކުރާ ލޯބީގެ އާދޭހެކެވެ. ކެނޑިނޭޅި އަލްސަންއަށް ކުރަމުންދާ ހެޔޮ ދުއާތަކެކެވެ.
"ދަރިފުޅު ވަކިވިތާ އަށް މަސްވީ، ދަރިފުޅު ނެތްކަމުގެ ހުސްކަން މި ދިރިއުޅުމުން ފިލާ ނުދޭ، މި ބަރަކާތްތެރި ރަމަޟާންމަހު ދަރިފުޅުގެ ހަނދާންތައް ގަދަވޭ، ކާއެއްޗެއް ތައްޔާރުކުރާ ކޮންމެ ފަހަރަކު އަލްސަން މަތިން ހަނދާންވޭ، މަންމާ، ރެސްޓޯރެންޓެއް ހުޅުވަންވީނޫންހޭ ކިޔާފައި އަލްސަން ދެއްކި ވާހަކަ އަދިވެސް ހަނދާނުގައި އެބަހުރި. އެ ވާހަކަތައް ހަނދާން ވުމުން ލޮލުން ކަރުނަ އާދޭ." ދަރިފުޅުގެ މަރަށް އަށް މަސްވީ ދުވަހު އަޝްފާ ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވެއެވެ.
"6 މެއި 2008. މަންމަގެ ދިރިއުޅުމުގައި އައި އެންމެ އުފާވެރި ދުވަސް، މަންމައަށް އަލްސަން ލިބުނު ދުވަސް، ދުވަހަކު ވެސް ހަނދާން ނުނެތޭނެ އުފާވެރި ދުވަހެއް،" ދަރިފުޅުގެ އުމުރުން 18 އަހަރުވާ ދުވަސް ފާހަގަކުރުމަށް މިދިޔަ މެއި މަހު އަޝްފާ ކުރި ޕޯސްޓުގައި ލިޔެފައިވެއެވެ.
"ދަރިފުޅުގެ އުމުރުން 18 އަހަރުވެ، ބޮޑު މީހަކަށްވާ އިރު ދަރިފުޅު ހުންނާނޭ ގޮތް ދެކިލަން ހާދަ ބޭނުންވިޔޭ،"
"އެކަމަކު އެދުވަސް ދެކޭކަށް ދަރިފުޅު ދުނިޔެއަކު ނެތް، މި ހަގީގަތުން މަންމައަށް ހާދަ އަސަރެއް ކުރެއޭ، ލަފްޒުތަކަކުން ބަޔާންކޮށްދޭނޭ ގޮތެއް ނޭނގޭ، ދަރިފުޅާ ނުލައި އެންމެ ސިކުންތެއްވެސް ދިރިހުރުން މިވަނީ ވޭނަކަށް ވެފައި،"
އައްޝަފާގެ ހިތަށް އެންމެ އުނދަގޫވަނީ، އަލްސަން ލިބުނު ރޭގެ ހަނދާންތަކެވެ.
"އަލްސަން އުފަންވި ދުވަހު އަހަރެން ހާސްވީ، އޭނާ ރޯ ވަގުތު އަހަންނަށް ހޭނުލެވި ދާނެތީ. އެކަމަކު މިއަދު، ނުނިދި އަހަރެން ހޭލާ އޮންނަނީ އަލްސަންއަށް ދެން ދުވަހަކު ވެސް ނުހޭލެވޭނެތީ،"
ލޯބި އަބަދުވެސް ދެމި އޮންނާނެ
އަހަރެއް ފާއިތުވެގެން ދިޔަޔަސް، އައްޝަފާގެ ހިތުގައި ދަރިފުޅަށް އޮތް ލޯތްބަށް ބަދަލެއް ނާދެއެވެ. "މުޅި ދުނިޔެ ބުނާނެ، އެއީ އާދައިގެ ކަމެކޭ. އެކަމަކު އަހަންނަށް އެއީ މުޅި ދުނިޔެ ހުއްޓުނު ވަގުތު. އަލްސަންގެ ހަނދާންތައް އަހަރެންގެ ކޮންމެ ނޭވާއެއްގައި ހިމެނޭ،" އޭނާ ލިޔެފައިވެއެވެ.
މިއަދު، އައްޝަފާގެ ހުރިހާ ވެސް އުއްމީދަކީ، އާހިރަތް ދުވަހު އަލުން ސުވަރުގޭގައި ދަރިފުޅާ ބައްދަލުވުމެވެ.
"އަދިވެސް ދުއާ ކުރަނީ، މާތްﷲ އަލްސަންއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ (ޖަންނަތުލް ފިރްދައުސް) ދެއްވުމަށާއި އަހަރެމެން ދެމައިން ދެން ދުވަހަކު ވެސް ވަކި ނުވާނެ ގޮތަށް ބައްދަލުކޮށް ދެއްވުން." ދިރިހުންނަނީ އެކަލާންގެ ހަޒްރަތުން މަދަދު އެދިގެން ކަމަށް އަޝްފާ ބުނެއެވެ. އަދި މި އިމްތިހާނުން ފާސްވެ މަހްޝަރު ދުވަހުން އަލްސަން އާ ބައްދަލުވުމަކީ އެ މަންމަގެ ހިތުގެ އެންމެ ބޮޑު އެދުމެވެ.
މި ހިތާމަވެރި ހާދިސާއަކީ މުޅި މުޖުތަމައަށް ވެސް ލިބުނު ފުން ހިތާމައެކެވެ.
އަލްސަންގެ ހަނދާންތަކަކީ އައްޝަފާގެ ދިރިއުޅުމުގެ އެންމެ ބޮޑު ބައިވެރިޔާއެވެ. ކޮންމެ މަހަކު އެ ލިޔުންތައް ލިޔުމަކީ އޭނާގެ ހިތަށް ލިބޭ ތަސައްލީއެކެވެ.
މިއަދު، ދުނިޔެއަށް އެ ދަރިފުޅު ވަކިވެގެން ދިޔަޔަސް، އައްޝަފާގެ ލިޔުންތަކުން ދޭހަވަނީ އެއް ކަމެކެވެ؛ އެއީ މަރުގެ ފަހުން ވެސް އޮތް އެ ލޯބީގެ ތެދުވެރިކަމާއި އަލްސަން ނުވަތަ އަޝްފާގެ ދުލުން ނަމަ، "އަލް ދޫނީ" އަށް އޮތް ލޯތްބެވެ. މިއީ އެއްވެސް ލަފްޒަކުން ބަޔާންކޮށްދެވޭނެހާ ކުޑަކުޑަ ލޯތްބެއް ނޫނެވެ. މިއީ މައިންބަފައިންގެ ހިތުގެ ފުންމިނުން އަލްސަންއަށްޓަކައި އަބަދުވެސް އޮންނާނެ މަތިވެރި ލޯތްބެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް
ކޮމެންޓް