ޚުލާސާ

ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ސްޕެއިނާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!

އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި މިރޭ ކުޅޭ ކުއާޓާގެ މެޗަށް ނުކުންނަ އިރު، ސްޕެއިނަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފާހަގަކޮށްލެވޭ ޓީމެކެވެ. ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗުތަކުގެ ތެރެއިން ކޭޕް ވާޑް އަތުން އެއްވަރުވީ ނަމަވެސް، ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ އަތުން ވަނީ މޮޅުވެފައެވެ. ގަދަ 32 ގައި ސްޕެއިނުން ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކުރި އިރު، ގަދަ 16 ގައި ފަހުވަގުތު ޕޯޗުގަލް އަތުން ވަނީ މޮޅުވެފައެވެ. މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ސްޕެއިން ކޮޅަށް ގޯލެއް ވަދެފައެއް ނުވެއެވެ.

އަނެއްކޮޅުން ބެލްޖިއަމުން މުބާރާތުގެ މިހާ ހިސާބަށް ދަތުރުކޮށްފައިވަނީ އުނދަގޫތަކަކާއެކުއެވެ. ގްރޫޕުގެ ފަހު މެޗާ ހަމައަށް އުނދަގޫ ހާލަތެއްގައި އޮތް ބެލްޖިއަމަށް ނޮކްއައުޓްގެ ޖާގައެއް ކަށަވަރުވީ ފަހު މެޗުގައި ބޮޑު ތަފާތަކުން ނިއު ޒިލޭންޑް ބަލިކުރުމުންނެވެ. ނަމަވެސް ގްރޫޕު ސްޓޭޖުގެ ފަހު ދުވަހުގެ ނަތީޖާތަކަށްފަހު ނޮކްއައުޓް ބުރުގެ ޖާގައަކާއެކު ގްރޫޕުގެ އެއްވަނަ ވެސް ބެލްޖިއަމަށް ލިބުނެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗުގެ ކުރިން ކުޅުނު ދެ މެޗުގައި މިސްރު އަދި އީރާން އަތުން ވެސް ބެލްޖިއަމް ވަނީ އެއްވަރުވެފައެވެ.

ބެލްޖިއަމަށް ގަދަ 32 ގެ މެޗު ވެސް ވެގެންދިޔައީ އުނދަގޫ މެޗަކަށެވެ. ސެނެގާލުން ދެ ގޯލުގެ ލީޑެއް ހޯދާފައިވަނިކޮށް، ބެލްޖިއަމް ސަލާމަތްވީ ފަހު ހަތަރު މިނެޓުގެ ތެރޭގައި ޖެހި ދެ ގޯލުންނެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ އެންމެ ފަހު މިނެޓުގައި ބެލްޖިއަމް މޮޅުވީ ޕެނަލްޓީއެއް ލިބި، އެ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. ނަމަވެސް ގަދަ 16 ގައި މުބާރާތުގެ އެއް ހޯސްޓް އެމެރިކާ އަތުން ބެލްޖިއަމުން ވަނީ ފަސޭހަ މޮޅެއް ހޯދައިފައެވެ. އެ މެޗުން ބެލްޖިއަމް މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

މާޒީއަށް ބަލާއިރު، ސްޕެއިން އަދި ބެލްޖިއަމް ވަނީ ފާހަގަކޮށްލެވޭ މުހިންމު މެޗުތަކެއް ކުޅެފައެވެ. ނަމަވެސް ބޮޑެތި މުބާރާތްތަކުގައި މި ދެ ޓީމު ބައްދަލުކޮށްފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. ތާރީހީ ރެކޯޑުތަކުން ދައްކާ ގޮތުގައި، މި ދެ ގައުމު ބައްދަލުކުރި ގިނަ މެޗުތަކުން މޮޅުވެފައިވަނީ ސްޕެއިނެވެ. އެހެންނަމަވެސް، ފަހަކަށް އައިސް ކުޅުނު ވާދަވެރި މެޗުތަކުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ހަމަހަމަ ކުޅުމެއް ފެނިފައެވެ.

ބެލްޖިއަމްއާ ދެކޮޅަށް ސްޕެއިނުން ކުޅުނު 22 މެޗުގެ ތެރެއިން 12 މެޗަކުން މޮޅުވެފައިވާ އިރު، ބެލްޖިއަމް މޮޅުވީ ފަސް މެޗަކުންނެވެ. އަދި ފަސް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން މި ދެ ޓީމު ބައްދަލުކުރީ 2016 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެ މެޗުން ސްޕެއިން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ވޯލްޑް ކަޕްގެ ތާރީހުގައި ސްޕެއިނާއި ބެލްޖިއަމް ވަނީ ދެ ފަހަރަކު ބައްދަލުކޮށްފައެވެ. ވޯލްޑް ކަޕް 1986 ގެ ކުއާޓާ ފައިނަލުގައި ވެސް ދެ ޓީމު ބައްދަލުކޮށްފައިވާ އިރު، ޕެނަލްޓީ ޝޫޓްއައުޓަށް ދިޔަ އެ މެޗުން މޮޅުވީ ބެލްޖިއަމެވެ. ނަމަވެސް ޖެހިގެން އައި ވޯލްޑް ކަޕް 1990 ގެ ގްރޫޕު ސްޓޭޖުގައި ކުޅުނު މެޗު ކާމިޔާބުކުރީ ސްޕެއިނުންނެވެ.