މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫވާ ގޮތަށް އިމާރާތްތަކުން މަގުމައްޗަށް ފެންތިކި ޖަހާ މައްސަލަ ހައްލުކުރުމަށް މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭގެ ގިނަ މަގުތަކެއްގެ ޕޭވްމަންޓު މައްޗަށް ފެންފައިބަނީ އިމާރާތްތަކުގައި ހަރުކޮށްފައިވާ އޭސީ ހޮޅިތަކާއި ދިޔަދޮވިތަކުންނެވެ. މިކަމުގެ ސަބަބުން މަގުމަތީގައި އުޅޭ މީހުންނަށާއި ދުއްވާ އެއްޗެހީގައި އުޅޭ ފަރާތްތަކަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭތީ، އެކަމުގެ ޝަކުވާ އަބަދުވެސް ކައުސިލަށް ލިބެއެވެ.

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މީގެ ކުރިން ވެސް މިފަދަ ތަންތަން އިސްލާހުކުރުމަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް، އެކަން ތަކުރާރުވަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާކަމަށް މޭޔަރު ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިއީ ޒަމާނުއްސުރެ މާލޭގައި ހައްލުނުވެ އޮތް ބޮޑު މައްސަލައެކެވެ.

އެފަދަ މައްސަލަތައް ހައްލުކުރުމުގައި އާންމުންގެ އެހީތެރިކަން ހޯދުމުގެ ގޮތުން، މަގުމައްޗަށް ފެންތިކި ޖަހާ ތަންތަން ފާހަގަކުރެވޭ ނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް ކައުންސިލުން ވަނީ އެދިފައެވެ.