ލުބުނާނުގެ ދެކުނުގައި ކަނޑައަޅާފައިވާ "ޕައިލެޓް ޒޯން" ތަކުން އިސްރާއީލު ސިފައިން ފޭބުމުގެ ކަންކަން ވިލަރެސްކުރުމަށް އެމެރިކާގެ އަސްކަރީ ވަފުދެއް ވަރަށް އަވަހަށް ލުބުނާނަށް ޒިޔާރަތްކުރާނެ ކަމަށް އެ ގައުމުގެ ރިޔާސަތުން ބުނެފިއެވެ.

އެމެރިކާއިން ލުބުނާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މައިކަލް އީސާއާ ހަވާލާދީ ލުބުނާނުގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެމެރިކާގެ ވަފުދެއް ބޭރޫތަށް ގޮސް، އެއްބަސްވުން ތަންފީޒުކުރާނެ ގޮތުގެ އަމަލީ އޮނިގަނޑު އެކުލަވައިލާނެ ކަމަށެވެ.

ޖޫން 26 ވަނަ ދުވަހު އެކުލަވައިލި އޮނިގަނޑުގެ އެއްބަސްވުމުގައި ބާރުއަޅާފައިވަނީ ހިޒްބުﷲ ގެ ހަތިޔާރުތައް ނެގުމަށާއި، ލުބުނާނުގެ އަސްކަރިއްޔާ "ޕައިލެޓް ޒޯން" ތަކުގައި ރުކުރުވައިލުމާއެކު އިސްރާއީލު ސިފައިން މަޑުމަޑުން އެ ސަރަހައްދުތަކުން ފޭބުމަށެވެ.

މި މަހުގެ 15 އަދި 16 ވަނަ ދުވަހު އިޓަލީގެ ރޯމްގައި ބާއްވަން ހަމަޖެހިފައިވާ މަޝްވަރާތަކުގެ އާ ބުރު ފެށުމުގެ ކުރިން، ކަނޑައެޅިފައިވާ ސަރަހައްދުތަކުން އިސްރާއީލު ސިފައިން ފޭބުމަށް ލުބުނާނުން އަންނަނީ ގޮވާލަމުންނެވެ. ރޯމްގައި ބާއްވާ ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ އެއްބަސްވުން ތަންފީޒުކުރުމަށް ބޭނުންވާ ހާއްސަ ޓީމުތައް އެކުލަވައިލުމާގުޅޭގޮތުން ކަމަށް އެމެރިކާގެ ސަފީރު ވިދާޅުވިއެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ، އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލައި، އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އިސްރާއީލަށް ބާރުއެޅުމަށް އެމެރިކާގެ ކިބައިން އެދިވަޑައިގެންފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަކަށް މި މަހުގެ ފަހުކޮޅު ރައީސް އައުން ވޮޝިންޓަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިސްރާއީލު ސިފައިން ފައިބާ ސަރަހައްދުތަކުގައި ސަލާމަތީ ހުސްކަމެއް އުފެދުނަ ނުދިނުމަކީ މުހިންމު ކަމެއް ކަމަށް ސަފީރު އީސާ ފާހަގަކުރެއްވިއެވެ. ނަމަވެސް، ހިޒްބުﷲ އިން ދެކޮޅުހަދާފައިވާ މި އެއްބަސްވުމުގައި އިސްރާއީލު ސިފައިން ފައިބާނެ ވަކި ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ. އަދި ހިޒްބުﷲ ގެ އަތުގައި ހަތިޔާރު ހުރިހާ ހިނދަކު، ލުބުނާނުގެ އެތެރެއަށް 10 ކިލޯމީޓަރުގެ ސަލާމަތީ ސަރަހައްދެއްގައި އިސްރާއީލު ސިފައިން ތިބޭނެ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފައެވެ.