ޚުލާސާ

ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ފްރާންސާއި މޮރޮކޯ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރީންނަށް މަރުހަބާ!

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ މެޗަށް ނުކުންނަ އިރު، ފްރާންސް އަދި މޮރޮކޯ އިން ވެސް މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ. ފްރާންސުން ވަނީ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. އަދި މޮރޮކޯ އިން ގްރޫޕު ސްޓޭޖުގައި ބްރެޒިލް އަތުން އެއްވަރުވި އިރު، އެހެން ހުރިހާ މެޗެއް ވަނީ ކާމިޔާބުކޮށްފައެވެ.

ވަރުގަދަ އެޓޭކު ލައިނަކާއެކު ވާދަކުރާ ފްރާންސުން ގަދަ 16 އާ ހިސާބަށް އައިސްފައިވަނީ ފަސޭހަ މޮޅުތަކާއެކުއެވެ. ކިލިއަން އެމްބާޕޭ، ޕެނަލްޓީއަކުން ޖެހި ގޯލަކުން ފްރާންސަށް ކުއާޓާގެ ޖާގައެއް ލިބުނީ 1-0 ގެ ނަތީޖާއަކުން ޕެރަގުއާއީ އަތުން މޮޅުވެގެންނެވެ. މޮރޮކޯއަށް ކުއާޓާގެ ޖާގައެއް ލިބުނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާ އަތުން ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ފްރާންސާއި މޮރޮކޯ އިން ވަނީ އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. ބޮޑު ސަޕްރައިޒިން ޓީމެއްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރި މޮރޮކޯއަށް މުބާރާތް ނިންމާލަން ޖެހުނީ ފްރާންސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. އެ މެޗުގެ ކުރީކޮޅު ތިއޯ ހެނާންޑޭޒް ގޯލެއް ޖެހި އިރު، ފަހު ވަގުތުކޮޅުގެ ތެރޭގައި ރަންޑަލް ކޯލޯ މުއާނީ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.

މޮރޮކޯ އިން މިރޭގެ މެޗަށް ނުކުންނަ އިރު، އެންމެ ބޮޑު އުނދަގުލަކަށް ވެފައިވަނީ އެޓީމުގެ އެންމެ މުހިންމު ފޯވަޑް އިސްމާއިލް ސައިބާރީއަށް އަނިޔާއާ ގުޅިގެން ނުކުޅެވުމެވެ.