ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2026ގައި ބައިވެރިވުމަށް 300 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިއެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2026ގައި ބައިވެރިވުމަށް ހުޅުވާލީ މި އަހަރުގެ އޭޕްރިލް ނުވަ ވަނަ ދުވަހުއެވެ.
ބީސީސީން ބުނީ މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރި ކުރެވޭނެ ކަމަށާއި މިދިޔަ އަހަރު ބޭއްވި އެކްސްޕޯގައި ބައިވެރިވީ 240 ފަރާތަކުން ކަމަށެވެ. އަދި މިހާތަނަށް 300 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވުމަށް ފޯމް ހުށަހެޅި ނަމަވެސް އަދިވެސް އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެހެންކަމުން އަންނަ އޮގަސްޓު މަހުގެ 31ގައި ސުންގަޑި ހަމަވުމުގެ ކުރިން އެކްސްޕޯގައި ބައިވެރިވުމަށް ފޯމް ހުށަހެޅޭނެއެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި ދިވެހި ވިޔަފާރިތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަނީ ހުޅުވާލައިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މި މައުރަޒުގައި ތަކެތި ބައިވެރި ކުރެވޭނެ ގިންތިތަކާއި އުސޫލުތައް އާންމުކޮށްފައެވެ.
އުސޫލުގައިވާ ގޮތުން އެ މައުރަޒުގައި ވާދަކުރެވޭ ދާއިރާތަކާއި އުފެއްދުންތައް ބައިވެރިކުރެވޭ ގިންތިތަކާ ގުޅޭ ހުރިހާ ކަމެއް ވެސް ހަމަޖައްސަމުން ދާނީ ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަންނީ ކޮމިޓީންނެވެ.
މި މައުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބޭއްވޭ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://mauraz.expo.mv/register މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ.
މައުރަޒުގައި ތަކެތި ބައިވެރިކުރެވޭނެ ގިންތިތައް:
- އަތްތެރި މަސައްކަތް
- ދަނޑުވެރިކަން
- މަސްވެރިކަން
- ދަތުރުފަތުރު
- އިމާރާތްކުރުން
- އިންފޮމޭޝަން އެންޑް ކޮމިނިއުކޭޝަން ޓެކްނޮލިޖީ
- ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
- ފެޝަން އެންޑް ޑިޒައިން
- ޖުވެލަރީ އެންޑް އެކްސެސަރީޒް
- އިޔާދަކުރަނިވި ހަކަތަ
- ކާބޯތަކެތި
- މެޝިނަރީ އެންޑް އިކުއިޕްމެންޓް
- ލަކުނޑީގެ އުފެއްދުންތައް
- ބަހުގެ އުފެއްދުންތައް
- ދީނީ އުފެއްދުންތައް
- އެހެނިހެން
މައުރަޒުގައި ވާދަކުރުމުގެ ގިންތިތަކުގައި ބައިވެރިކުރާ އުފެއްދުންތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް:
- ބައިވެރިކުރާ އުފެއްދުމަކީ ޕްރިފެބްރިކޭޓްކޮށްގެން ނުވަތަ އޯޑަރު ކޮށްގެން ރާއްޖެއިން ބޭރުން ގެނެސްފައިވާ އުފެއްދުމަކަަށް ނުވުން.
- މައުރަޒުގައި އުފެއްދުމެއް ބައިވެރިކުރުމަށް ހުށަހަޅާ ފަރާތަކީ އެ އުފެއްދުމެއް އުފެއްދި ފަރާތްކަމުގައި ވުން.
- މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާ އުފެއްދުންތެރިންގެ މައުރަޒުގައި ބައިވެރިކޮށް އާންމުންނަށް ދައްކާފައިވާ އުފެއްދުމެއްވެސް ބައިވެރިއެއް ނުކުރެވޭނެ.
ފާތިމަތު ލިއުޝާ
ފަންނު އެކްސްޕޯ
ފަންނު އެކްސްޕޯ
ކޮމެންޓް