މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއަކުން ތަކެތި ބައިވެރިކުރެވޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މި މައުރަޒުގައި ތަކެތި ބައިވެރިކުރެވޭނެ ގިންތިތަކާއި އުސޫލުތައް އާންމުކޮށްފައެވެ.
އުސޫލުގައިވާ ގޮތުން އެ މައުރަޒުގައި ވާދަކުރެވޭ ދާއިރާތަކާއި އުފެއްދުންތައް ބައިވެރިކުރެވޭ ގިންތިތަކާ ގުޅޭ ހުރިހާ ކަމެއްވެސް ހަމަޖައްސަމުން ދާނީ ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާފައިވާ ފަންނީ ކޮމިޓީންނެވެ.
މި މައުރަޒަކީ ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ދިވެހި ފަންނުވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް މާކެޓްކުރުމަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ބޭއްވޭ މައުރަޒެކެވެ. މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://mauraz.expo.mv/register މި ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.
މިއަހަރުގެ މައުރަޒުގައި އުމުރުން 13 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވެވޭނެއެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ 100 ޕަސެންޓު ދިވެހި ހިއްސާ އޮންނަ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުގެ އިތުރުން، ތައުލީމުދޭ މަރުކަޒުތަކާއި، ރަށް ނުވަތަ ސިޓީ ކައުންސިލްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށެވެ.
މިއަހަރުގެ މައުރަޒުގައި ކޮންމެ ގިންތިއަކުން ވެސް އެކި ބާވާތްތަކުގެ އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. އަދި މިއިން ކޮންމެ ގިންތިއަކަށްވެސް އިނާމުތައް ވަނީ ކަނޑައަޅައިފައެވެ.
މައުރަޒުގައި ތަކެތި ބައިވެރިކުރެވޭނެ ގިންތިތައް:
- އަތްތެރި މަސައްކަތް
- ދަނޑުވެރިކަން
- މަސްވެރިކަން
- ދަތުރުފަތުރު
- އިމާރާތްކުރުން
- އިންފޮމޭޝަން އެންޑް ކޮމިނިއުކޭޝަން ޓެކްނޮލިޖީ
- ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން
- ފެޝަން އެންޑް ޑިޒައިން
- ޖުވެލަރީ އެންޑް އެކްސެސަރީޒް
- އިޔާދަކުރަނިވި ހަކަތަ
- ކާބޯތަކެތި
- މެޝިނަރީ އެންޑް އިކުއިޕްމެންޓް
- ލަކުނޑީގެ އުފެއްދުންތައް
- ބަހުގެ އުފެއްދުންތައް
- ދީނީ އުފެއްދުންތައް
- އެހެނިހެން
މައުރަޒުގައި ވާދަކުރުމުގެ ގިންތިތަކުގައި ބައިވެރިކުރާ އުފެއްދުންތަކުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް:
- ބައިވެރިކުރާ އުފެއްދުމަކީ ޕްރިފެބްރިކޭޓްކޮށްގެން ނުވަތަ އޯޑަރކޮށްގެން ރާއްޖެއިން ބޭރުން ގެނެސްފައިވާ އުފެއްދުމަކަަށް ނުވުން.
- މައުރަޒުގައި އުފެއްދުމެއް ބައިވެރިކުރުމަށް ހުށަހަޅާ ފަރާތަކީ އެ އުފެއްދުމެއް އުފެއްދި ފަރާތްކަމުގައި ވުން.
- މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވާ އުފެއްދުންތެރިންގެ މައުރަޒުގައި ބައިވެރިކޮށް އާންމުންނަށް ދައްކާފައިވާ އުފެއްދުމެއްވެސް ބައިވެރިއެއް ނުކުރެވޭނެ.
މައުރަޒު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މަސައްކަތްތެރިންގެ ހުނަރު ތަރައްގީކުރުމަށް ބާރުއެޅުމާއި، ދިވެހީންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ނިންމާފައިވަނީ އޮކްޓޫބަރު 23 އިން 31އަށެވެ.
ފާތިމަތު ލިއުޝާ
ފަންނު އެކްސްޕޯ