ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންސްއިން، ކުރިއަށް ނުކުންނަން އޮތް ފިލްމު “ރާމާޔަނާ: ޕާޓް 1” އިންޑިއާގައި ޑިސްޓްރިބިއުޓްކުރުމުގެ ހައްގު 250 ކްރޯޑު ރުޕީސްއަށް ގަނެފިއެވެ.

މި އެއްބަސްވުން ހަދާފައިވަނީ ފިލްމުގެ ކޯ-ޕްރޮޑިއުސަރުން ކަމަށްވާ ނަމިތު މަލޯތުރާގެ ޑީއެންއީޖީ އަދި މަޝްހޫރު އެކްޓަރު ޔާޝްގެ މޮންސްޓަރ މައިންޑް ކްރިއޭޝަންސްއާ އެކުގައެވެ.

ވެރައިޓީ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މަޝްވަރާތައް ފުރަތަމަ ފެށީ 500 ކްރޯޑު ރުޕީސްއިންނެވެ. ނަމަވެސް ފަހުން ދެ ފަރާތުން އެއްބަސްވީ 250 ކްރޯޑު ރުޕީސްއަށެވެ. މި އެއްބަސްވުމުގެ ދަށުން މުޅި އިންޑިއާގައި މި ފިލްމު ޑިސްޓްރިބިއުޓްކުރުމުގެ ހުރިހާ ހައްގެއް ލިބޭނީ ދަރްމާ ޕްރޮޑަކްޝަންސްއަށެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓުކުރާ މި ފިލްމަކީ 4،000 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ރަންބީރް ކަޕޫރާއި، ސައި ޕައްލަވީގެ އިތުރުން ޔާޝްއެވެ. މި ފިލްމުގެ ފުރަތަމަ ބައި ނެރެން ހަމަޖެހިފައިވަނީ މިއަހަރުގެ ދިވާލީއާ ދިމާކޮށެވެ.

ފިލްމީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިއީ ދަރްމާ ޕްރޮޑަކްޝަންސްއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ފިލްމަށް ބޮކްސް އޮފީހުގައި ލިބިދާނެ ކާމިޔާބީއާމެދު އޮތް އިތުބާރު ދައްކުވައިދޭ ކަމެއް ކަމަށްވެސް އެ ފަރާތްތަކުން ބުނެފައިވެއެވެ. މީގެ ކުރިންވެސް ދަރްމާ ޕްރޮޑަކްޝަންސްއިން ވަނީ “ބާހުބަލީ” ފަދަ ބޮޑެތި ފިލްމުތައް އިންޑިއާގައި ޑިސްޓްރިބިއުޓްކޮށްފައެވެ.

މި އެއްބަސްވުމަކީ، އާދަރް ޕޫނާވާލާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން 1،000 ކްރޯޑު ރުޕީސްއަށް ދަރްމާ ޕްރޮޑަކްޝަންސްގެ 50 އިންސައްތަ ހިއްސާ ގަތުމަށްފަހު، އެ ކުންފުނިން ހެދި އެންމެ ބޮޑު އެއް އެއްބަސްވުމެވެ. ފިލްމުގެ ޕްރޮޑިއުސަރު ނަމިތު މަލްހޯތްރާ ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފިލްމުގެ 30 މިނެޓުގެ މަންޒަރުތަކެއް ޑިސްޓްރިބިއުޓަރުންނަށް ދައްކާފައެވެ.