ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުމަކީ ކުށެއްކަމަށް ކަނޑަައަޅަން "ކުނި މެނޭޖު ކުރުމުގެ ގާނޫނު" އަަށް އިސްލާހު ގެންނަން މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވި މި ބިލު ހުށަހެޅުމުގެ ބޭނުމެއްކަމަށް ބިލުގައި ބުނެފައިވަނީ، ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާކަމެއްކަމުގައި ގާނޫނުގައި ކަނޑައެޅުމަށާއި، ކުނި މެނޭޖު ކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން، ތަފާތު ބާވަތްތަކުގެ ކުނި މެނޭޖު ކުރުމާގުޅޭ ގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖައާކޮށް، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުން ކަމަށެވެ.

އޭގެ އިތުރުން ކުނި މެނޭޖު ކުރުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތައް ކަމަށްވާ، ކަމާބެހޭ މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން އަދާކުރާ ދައުރު އިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކުރުން، މި ބިލު ފޮނުވުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖެއަށް ކުނި އެތެރެކުރުމާބެހޭ ގޮތުން ގާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ، މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައެއް އޮވެގެން މެނުވީ، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއް ރާއްޖެއަށް އެތެރެކޮށްގެން ނުވާނެކަމަށެވެ. (ށ) ގައި ބުނަނީ މި މާއްދާގެ (ހ) ގެ ދަށުން ކުނި އެތެރެކުރުމުގެ ހުއްދައަކަށް އެދުމުން އެފަދަ ހުއްދައެއް ދޫކުރަންވާނީ، މިނިސްޓްރީން ހަދައި އާންމުކޮށް ޝާއިއުކުރާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.

ނަަމަވެސް އެކަން ބަދަލު ކުރުމަށް ގާނޫނުގެ 44 ވަނަ މާއްދާއަށް މި ބިލުން ވަނީ އިސްލާހު ހުށަހަޅައިފައެވެ.

މި ބިލުން ހުށަަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، އެއްވެސް ފަރާތަކުން އެއްވެސް ބާވަތެއްގެ ކުންޏެއްް ރާއްޖެއަށް އެތެރެކުރުމަކީ ކުށެއް ކަމަށެވެ.