އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގައި ހުންނަވާ މޯލްޓާގެ ސަފީރު މާރިއާ ކަމިލޭރީ ކަލޭޖާގެ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން، ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒާއިދު އާލް ނަހްޔާން އޭނާއަށް "ފަސްޓް ކްލާސް އޯޑަރ އޮފް އިންޑިޕެންޑެންސް" ގެ ޝަރަފު ދެއްވައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ޝަރަފު ސަފީރާ ހަވާލުކޮށްދެއްވީ އެ މިނިސްޓްރީގެ މައި އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓަރ އޮފް ސްޓޭޓް ފޯ އިންޓަނޭޝަނަލް ކޯޕަރޭޝަން ރީމް ބިންތި އިބްރާހީމް އަލް ހާޝިމީއެވެ. މި މެޑަލްއަކީ ދެ ގައުމުގެ ދެމެދުގައި އިގުތިސާދީ އަދި ސިޔާސީ ގުޅުން ބަދަހިކުރެއްވުމަށް ސަފީރު މާރިއާ ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން ރައީސް ދެއްވި ޝަރަފެއް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރީމް އަލް ހާޝިމީ ވިދާޅުވި ގޮތުގައި، މޯލްޓާއާއެކު އޮންނަ ގުޅުން ހުރިހާ ދާއިރާއަކުންވެސް އިތުރަށް ހަރުދަނާކުރުމަށް ޔޫއޭއީން އަބަދުވެސް އިސްކަންދޭނެއެވެ. އަދި ސަފީރުގެ ކުރިމަގަށް ކާމިޔާބީއަށް އެދިވަޑައިގެން، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގައި އޭނާ އަދާކުރެއްވި މުހިންމު ދައުރަށް ތާރީފުކުރެއްވިއެވެ.
މީގެ އިތުރުން، ސަފީރު މާރިއާ ވަނީ ޔޫއޭއީގެ ރައީސް ދެއްވި ޝަރަފަށް ޝުކުރުއަދާކުރައްވައި، ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކާއި ކުރިއެރުންތައް ފާހަގަކުރައްވައިފައެވެ. އަދި އޭނާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލުމުގައި ޔޫއޭއީގެ އެކި މުއައްސަސާތަކުން ދިން ފުރިހަމަ އެއްބާރުލުމަށްވެސް ސަފީރު ޝުކުރުއަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މަލްޓާ
ކޮމެންޓް