މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގެ ތެރެއިން، ބައެއް މިނިސްޓްރީގެ ނަންތަކާއި އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާތަކަށް ގެނައި ބަދަލުތައް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ކެބިނެޓަށް ގެންނެވި ބޮޑު ބަދަލުގައި ރައީސް މުއިއްޒު ވަނީ އެ މަނިކުފާނުގެ ކެބިނެޓް 20 އިން 15 އަށް މަދު ކުރައްވައިފައެވެ.

އެ ބަދަލުތަކުގެ ތެރެއިން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން، 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއެވެ. އެ ބަދަލާއެކު ބައެއް މިނިސްޓްރީތައް އުވައިލައްވައި އާ ފަސް މިނިސްޓްރީއެއް އުފެއްދެވިއެވެ.

އެއާ އެކު 13 މިނިސްޓްރީއެއްގެ ނަމާއި މަސައްކަތުގެ ދައިރާއަށް ބަދަލު ގެންނަވައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށް މަޖިލީހަށް ފޮނުއްވިއެވެ.

އެ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދުގެ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެރެއިން 54 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޖަލްސާގައި ތިއްބެވި އެމްޑީޕީގެ ދެ މެންބަރުން ވޯޓު ދެއްވީ އެ ބަދަލުތައް ފާސް ނުކުރުމަށެވެ.

މިނިސްޓްރީތަކުގެ މަަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތަކުގެ ތެރެއިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްއަށް ގެނައި ބަދަލުތައް:

  • ރާއްޖޭގެ ދިފާއީ ކަންކަމާއި ގައުމީސަލާމަތާ ބެހޭ ކަންކަން
  • ރާއްޖޭގެ ސަރަހައްދު ހިމާޔަތް ކުރުމާއި ރައްކާތެރި ކުރުމާގުޅޭ ކަންކަން
  • ކާރިސާތަކާއި ހާދިސާތަކާ ގުޅިގެން މަރުކަޒީ ފެންވަރުގައި ކުރަންޖެހޭ ކަންކަން
  • ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ކަންކަން
  • އެންޓި ޓެރަރިޒަމާއި ކައުންޓާ ޓެރަރިޒަމާ ގުޅޭ ކަންކަން
  • ދިވެހި ވަތަނީ ހިދުމަތް (މޯލްޑިވްސް ނޭޝަނަލް ސާވިސް) އާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ އަށް ގެނައި ބަދަލުތައް:

  • ގައުމުގެ ދާހިލީ ސަލާމަތާއި އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުން ގާއިމްކުރުމާ ބެހޭ ކަންކަން
  • ކުށްކުރުން މަދު ކުރުމާއި ކުށްވެރިން ބެލެހެއްޓުމާ ބެހޭ އެންމެހައި ކަންކަން
  • ރާއްޖޭގެ އިމިގްރޭޝަނާ ބެހޭ ކަންކަން
  • ދިވެހި ރާއްޖޭގެ ވަޒީފާއާ ބެހޭ ކަންކަމާއި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ކަންކަމާއި މަސައްކަތު މާހައުލުގެ ސިއްހީ ރައްކާތެރިކަމާ ބެހޭ ކަންކަން
  • ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމާ ގުޅޭ އެންމެހާ ކަންކަން
  • ކުށްކުރާ ކުޑަކުދިންނާ ބެހޭ ކަންކަން
  • މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާ ގުޅޭ އެންމެހާ ކަންކަން
  • ސައިންސް އެންޑް ޓެކްނޮލޮޖީ އާއި އިންފޮމޭޝަން ޓެކްނޮލޮޖީއާ ބެހޭ ކަންކަން
  • ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ބެހޭ ކަންކަން
  • ނެޝަނަލް ރެޖިސްޓްރޭޝަނާއި އާބާދީއާ ބެހޭ ކަންކަން
  • މީޑިއާ ތަރައްގީ ކުރުމާ ބެހޭ ކަންކަން
  • ޖަމިއްޔާތަކާ ބެހޭ ކަންކަން
  • މުޖުތަމައުގެ ބާރުވެރިކަން އިތުރު ކުރުމާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާ ޕްރައިސަސް އަށް ގެނައި ބަދަލުތައް:

  • ދައުލަތުގެ މާލިއްޔަތާ ބެހޭ ކަންކަން
  • ދައުލަތުގެ ބަޖެޓާ ބެހޭ ކަންކަން
  • ދައުލަތުގެ އާމްދަނީ އާއި ހަރަދާއި ދަރަންޏާ ބެހޭ ކަންކަން
  • ބޭރުގެ އެހީ އާއި ލޯނު ހޯދުމާ ގުޅޭ ކަންކަން
  • ދައުލަތުގެ ޕްރޮކިއުމެންޓާ ބެހޭ ކަންކަން
  • ދައުލަތުގެ ފައިސާ އާއި މުދަލުގެ ހިސާބުތައް ބެލެހެއްޓުމާ ބެހޭ ކަންކަން
  • ދައުލަތުގެ ބިންތަކާއި އެހެނިހެން ހަރު މުދާ ބެލެހެއްޓުމާ ބެހޭ ކަންކަން
  • ޕްރައިވެޓައިޒޭޝަނާއި ކޯޕަރައިޓައިޒޭޝަނާ ބެހޭ ކަންކަން
  • ދައުލަތުގެ ކުންފުނިތައް ބެލެހެއްޓުމާ ގުޅޭ ކަންކަން
  • ގައުމީ ތަރައްގީ ރޭވުމާ ބެހޭ ކަންކަން
  • ތަފާސް ހިސާބުގެ ނިޒާމާ ގުޅޭ ކަންކަން
  • ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތުތަކާ ގުޅޭ ކަންކަން

މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

  • ގައުމީ މަންހަޖާ ގުޅޭ ކަންކަން
  • ރާއްޖޭގައި ބާއްވާ އާއްމު އިމްތިހާންތަކާ ބެހޭ ކަންކަން
  • މަތީ ތައުލީމާއި ތަމްރީން ދިނުމާ ބެހޭ ކަންކަން
  • މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ކަންކަން
  • މަތީ ތައުލީމާއި ތަމްރީނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން
  • މަތީ ތައުލީމާއި ތަމްރީން ދިނުން ރެގިއުލޭޓް ކުރުމާ ބެހޭ ކަންކަން
  • ގައުމީ ސަނަދުތަކުގެ އޮނިގަނޑާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ

  • ރައްޔިތުންނަށް ސަލާމަތް ސިއްހަތެއް ލިިބިދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން
  • ސިއްހީ ހިދުމަތްދޭ ތަންތަނާއި ހިދުމަތްދޭ މީހުން ރެގިއުލޭޓް ކުރުމާ ބެހޭ ކަންކަން
  • ކާބޯތަކެއްޗާއި ބޭހާއި ހެލްތު ކްލިއަރެންސް ހޯދަންޖެހޭ ކެމިކަލްތަކާއި މެޑިކަލް ޑިވައިސްތަކުގެ ރައްކާތެރިކަމާ ބެހޭ އެންމެހާ ކަންކަން
  • ރައްކާތެރި ލޭ ފޯރުކޮށްދިނުމާ ބެހޭ ކަންކަން
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބައިތިއްބައިގެން ބަލަހައްޓަންޖެހޭ މީހުންނާ ބެހޭ ކަންކަން
  • އިޖުތިމާއީ އެހީ އާއި ރައްކާތެރިކަމާ ބެހޭ އެންމެހާ ކަންކަން
  • އިޖުތިމާތީ ހިދުމަތްދޭ ތަންތަނާއި ހިދުމަތްދޭ މީހުން ރެގިއުލޭޓް ކުރުމާ ބެހޭ ކަންކަން
  • އެކި ބާވަތުގެ ތަފާތު ކުރުންތައް ނައްތައިލުމާ ބެހޭ އެންމެހާ ކަންކަން
  • ޖެންޑާ މެއިންސްޓްރީމް ކުރުމާ ބެހޭ އެންމެހާ ކަންކަން
  • އާއިލީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ކަންކަން
  • އިސް ރަށްވެހިންގެ ދުޅަހެޔޮކަމާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް

  • ވިޔަފާރި އާއި އިގުތިސޯދު ފުޅާކޮށް ތަރައްގީކުރުމާ ބެހޭ ކަންކަން
  • ވިޔަފާރި ރެގިއުލޭޓް ކުރުމާ ބެހޭ ކަންކަން
  • ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ފުޅާ ކުރުމާ ބެހޭ ކަންކަން
  • ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ދާއިރާ ރެގިއުލޭޓް ކުރުމާ ބެހޭ ކަންކަން
  • ރާއްޖޭގައި މެރިޓައިމް ސިނާއަތު ތަރައްގީ ކުރުމާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ފިޝަރީޒް، އެކްރިކަލްޗާ އެންޑް އޯޝަލް ރިސޯސަސް

  • މަސްވެރިކަމާއި އެކުއާ ކަލްޗަރާއި ކަނޑުގެ އެހެނިހެން މުއްސަނދިކަން ތަރައްގީކޮށް ފުޅާ ކުރުމާ ބެހޭ ކަންކަން
  • މަސްވެރިކަމާއި އެކުއާ ކަލްޗަރާއި ކަނޑުގެ ވަސީލަތްތަކާބެހޭ ބައިލޮޖިކަލް އަދި އިކޮލޮޖިކަލް ދިރާސާގެ ކަންކަން
  • ދަނޑުވެރިކަން (ފޮރެސްޓްރީ، ޕޯލްޓްރީ، އެނިމަލް ހަސްބަންޑްރީ) ތަރައްގީކޮށް ފުޅާކުރުމާ ބެހޭ ކަންކަން
  • ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ގައުމީ ފުދުންތެރިކަން ކަށަވަރު ކުރުމާ ބެހޭ ކަންކަން
  • އެނިމަލް ވެލްފެއާއާ ބެހޭ ކަންކަން
  • ވެޓެރިނަރީގެ ހިދުމަތާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް

  • ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމާ ބެހޭ ކަންކަން
  • ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމާ ބެހޭ ކަންކަން
  • ދީނީ އަޅުކަންތައް އަދާކުރުމުގައި ދައުލަތުން ހަމަޖައްސައިދޭންޖެހޭ އިންތިޒާމްތަކާ ގުޅޭ ކަންކަން
  • ހައްޖާއި އުމްރާގެ އަޅުކަމާ ބެހޭ ކަންކަން
  • ކީރިތި ގުރުއާނާއި ސުންނަތާ ބެހޭ ކަންކަން
  • ޒަކާތު ފަންޑް ގާއިމްކޮށް ހިންގުމާ ބެހޭ ކަންކަން ދިވެހި ރާއްޖޭގެ އައުގާފާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން

  • ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކޮށް ތަރައްގީކުރުމާ ބެހޭ ކަންކަން
  • ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ރެގިއުލޭޓްކުރުމާ ބެހޭ ކަންކަން
  • ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ "ޕޮޒިޝަން" ކުރުމާއި "ބްރޭންޑް" ކުރުމާ ބެހޭ ކަންކަން
  • ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމާ ގުޅޭ ކަންކަން
  • ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީކޮށް ފުޅާކުރުމާ ބެހޭ ކަންކަން
  • ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތު ތަރައްގީ ކުރުމާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް

  • ޒުވާނުންނާ ބެހޭ ކަންކަން ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމާ ބެހޭ ކަންކަން
  • ފިޓްނަސްގެ ދާއިރާ ތަރައްގީ ކުރުމާ ބެހޭ ކަންކަން
  • ކުޅިވަރުގެ ދާއިރާ އާއި ފިޓްނަސްގެ ދާއިރާގެ މުނިފޫހި ފިލުވުމާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް

  • ފަންނީ ހުނަރުވެރިކަން ކުރިއެރުވުމާ ބެހޭ ކަންކަން
  • ޕާފޯމިން އާޓްސްގެ ދާއިރާއާ ބެހޭ ކަންކަން
  • ފަންނުވެރި އުފެއްދުންތަކާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ ކްލެސިފިކޭޝަނާ ބެހޭ ކަންކަން
  • ދިވެހި ބަސް ހިމާޔަތްކޮށް ތަރައްގީ ކުރުމާ ބެހޭ ކަންކަން
  • ގައުމީ ފެންވަރުގައި ކުތުބުހާނާގެ ހިދުމަތް ދިނުމާއި އަރުޝީފު ކުރުމާ ބެހޭ ކަންކަން
  • ގައުމިއްޔަތާއި ދިވެހިވަންތަކަން އާލާކޮށް ދިރުވުމާ ބެހޭ ކަންކަން
  • ދިވެހިންގެ އާސާރީ، ސަގާފީ އަދި ތަރިކަ ހިމާޔަތް ކުރުމާ ބެހޭ ކަންކަން
  • ގައުމީ މުނާސަބާތައް ފާހަގަ ކުރުމާ ބެހޭ ކަންކަން

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް

  • ސަރުކާރުން ކަނޑައަޅާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ކަންކަން
  • ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތާ ބެހޭ ސިޔާސަތުތައް ކަނޑައެޅުން
  • ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތް ރެގިއުލޭޓް ކުރުމާ ބެހޭ ކަންކަން
  • ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީ ކުރުމާ ބެހޭ ކަންކަން
  • ދައުލަތުގެ އިމާރާތްތަކާ ގުޅޭ ކަންކަން
  • ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާ ބެހޭ އެންމެހައި ކަންކަން
  • ސޯޝަލް ހައުސިންއާާ ބެހޭ އެންމެހާ ކަންކަން
  • ރާއްޖޭގެ ބިން ބޭނުން ކުރުމާ ގުޅޭ ކަންކަން
  • ރާއްޖޭގެ އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާ ބެހޭ ކަންކަން
  • ޕަބްލިކް ވާކްސްގެ ހިދުމަތްތައް ފޯރުކޮށް ދިނުމާ ގުޅޭ ކަންކަން

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

  • މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާ ބެހޭ ކަންކަން
  • ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ކަންކަން
  • ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރުމާ ބެހޭ ކަންކަން
  • ހަކަތަ އާއި ފެނާއި ނަރުދަމާ އާއި ކުނި މެނޭޖު ކުރުމާ ބެހޭ ކަންކަން
  • މީޓިއޮރޮލޮޖީގެ ދާއިރާއާ ބެހޭ ކަންކަން