ސަރުކާރުން އަލަށް ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް ބަލައި ޗެކްކުރުމަށްފަހު މިއަހަރުގެ ތެރޭގައި ލިސްޓް އިއުލާނު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ފްލެޓާއި ގޯތީގެ މަޝްރޫއާ ގުޅޭ މަސައްކަތްތައް ސަރުކާރުން ކުރިއަށްގެންދަނީ ހާއްސަ ސަމާލުކަމެއްދީގެން އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވުމެއްނެތި ކަމަށެވެ. މީގެކުރީގެ މަޝްރޫއުތަކުގައި ނުފޫޒު ފޯރުވައިގެން ބައެއް ފަރާތްތަކުން ނުހައްގުން ފްލެޓާއި ގޯތި ހޯދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވެ އެކަހަލަ އެއްވެސް ޝަކުވާއެއް ނާންނާނެ ގޮތަށް އެ ޔަގީންކަން ރައްޔިތުންނަށް ދެމުން އަޅުގަނޑުމެން އެކަން [ގޯއްޗާއި ފްލެޓް ދިނުން] މިކުރަނީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ދޭ އެއްވެސް ބޯހިޔާވަހިކަމަކީ ވަކި މީހެއްގެ މީހަކަށްވީތީ ދޭ އެއްޗަކަށް ނުވާނެ ކަމަށެވެ.

"އެ ޔަގީންކަން އަޅުގަނޑުދެން، ގޯއްޗެއް ވިޔަސް ފްލެޓެއް ވިޔަސް ދޭނީ އެމީހަކަށް ހައްގުވީމަ"

ރައީސް ވިދާޅުވީ ގޯއްޗާއި ފްލެޓްތައް ދިނުމުގެ ކުރިން ހުށަހަޅާފައިވާ ތަފްސީލްތައް ވެރިފައިކުރުމަށްފަހު ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާނެ ކަމަށެވެ. އެހެންވެ އެކަމަށް އެކަށީގެންވާ ވަގުތުދޭން ނިންމާފައިވާ ކަމަށެވެ.

އަދި އެހެންވެ އެ ފްލެޓްތަކާއި ގޯތިތައް ދެވޭނެ ސީދާ ތާރީހެއް މިވަގުތު ދެވެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،505 ފޯމުވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35,930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22,575 ފޯމެވެ.

ސަރުކާރުން މިހާރުވަނީ އެ ފޯމުތައް ވެރިފައި ކުރުމުގެ މަސައްކަތް ފަށާފަ އެވެ.

މިއީ މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ. މީގެ ކުރިން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށެވެ. އެ ފަހަރު ހުށަހަޅާފައިވަނީ 40,000 އަށް ވުރެ ގިނަ ފޯމެވެ.

މިދިޔަ ޖެނުއަރީ މަހުގެ 18 ގައި އިއުލާން ކުރި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ރަށްވެހިވެފައި ނުވި ނަމަވެސް މާލޭގައި ދިރިއުޅޭ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މިހާރު ހިއްކަމުންދާ ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ނަމަވެސް މިހާރު ހުޅުވާލާފައިވާ މި ފުރަތަމަ ބުރުގައި އެ ސަރަހައްދުން ދޫކުރާނީ 15,000 ގޯއްޗެވެ.