ފަލީލަތުއްޝައިހް އިސްމާއީލު މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޝައިހް އިސްމާއީލު މުހައްމަދު އަވަހާރަވުމާ ގުޅިގެން ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އެމަނިކުފާނަށް އިހްސާސް ކުރުވިކަމަށެވެ.
އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ މައްޗަންގޮޅި ފީރޯޒްވާދީ، ޝައިހް އިސްމާއީލް މުހައްމަދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރުއްވުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްޕުޅު ކުރައްވާފައިވާ އަދި ރާއްޖެއިން ބޭރުގައި ދީނީ ރޮނގުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ދިވެހި އެތައް ދަރިވަރުންނަކަށް ހޯއްދަވައިދެއްވައިފައިވާ ބޭފުޅެއްކަން ރައީސް ވަނީ ފާހަގަކުރައްވައިފައެެވެ.
ދިވެހި ގައުމަށް މަތިވެރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ހިދުމަތުގެ އިސް ސަފުގައި ހިދުމަތްކުރައްވަމުން ގެންދަވާ އެތައް ބޭފުޅެއްގެ އުސްތާޒް، ޝައިހް އިސްމާއީލް މުހައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިއު ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެއްކަމަށް އެމަނިކުފާނު ވިދާލުވިއެެވެ.
ދ. މީދޫ އަށް އުފަން ޝައިހް އިސްމާއީލް މުހައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ އިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި ރައީސް ވަނީ މަރުހޫމް ޝައިހް އިސްމާއީލް މުހައްމަދުގެ ލޮބުވެތި އާއިލާއަށް ތައުޒިޔާ ދަންނަވައިފައެވެ.
ފަލީލަތުއްޝައިހް އިސްމާއީލު މުހައްމަދުގެ ޖަނާޒާ އޮންނާނީ މިއަދު މެންދުރު ނަމާދުގެ ފަހުގައި އިސްލާމީ މަރުކަޒުގައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް