ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމް ގާއިމްކޮށް ހިންގުމަށް "ޑިޖިޓަލް އައިޑެންޓިޓީގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އަލިފުށީ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްލަތީފް އަބްދުއްރަހުމާންއެވެ.
ޑިޖިޓަލް އައިޑެންޓިޓީގެ ބިލުން ދައުލަތުގެ އިދާރާތަކާއި، ގާނޫނީ ޝަހްސުތަކާއި އެ ނޫންވެސް ފަރާތްތަކާ އެކު، އެކި ފަރާތްތަކުން އޮންލައިންކޮށް ކުރާ މުއާމަލާތްތަކުގައި، ހިދުމަތް ހޯދުމުގައި އައިޑެންޓިޓީ ކަށަވަރު ކުރުމަށް ބޭނުން ކުރާ މައުލޫމާތުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގެ މަތިން އެ ނިޒާމް ފަރުމާކޮށް ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައަޅާނެއެވެ.
މި ބިލް ފަރުމާކޮށްފައި ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެއާއި ރާއްޖެ އިން ބޭރުގައި މި ގާނޫނުގެ ދަށުން ގާއިމްކުރާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު މެދުވެރިކޮށް ހިންގާ ޑިޖިޓަލް އައިޑެންޓިޓީ އާއި ގުޅުން ހުރި ހަރަކާތްތަކާއި، ރާއްޖޭގައި ހުރުމުގެ ހުއްދަ އަށް އެދޭ ފަރާތްތަކާއި، ރާއްޖޭގައި ހިންގާ ނުވަތަ ރާއްޖެ އާއި ގުޅުން ހުރި އޮންލައިން ހިދުމަތްދޭ ފަރާތްތަކުގެ މައްޗަށް ގާނޫނު ހިނގާ ގޮތަށެވެ.
މި ނިޒާމް ހިންގުމަށާއި، އެ ނިޒާމް ތަރައްގީކުރުމަށްޓަކައި "ޑިޖިޓަލް އައިޑެންޓިޓީ ޓޭކްނިކަލް އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި ކޮމިޓީ އެއް އެކުލަވާލަން މި ބިލުގައި ވަނީ ހިމަނައިފައެވެ.
އެ ކޮމިޓީ އެކުލަވާލުމަށް ދީފައިވާ މުއްދަތަކީ މި ގާނޫނަށް އަމަލު ކުރަން ފަށާފަހުން 90 ދުވަހެވެ. މި ކޮމިޓީ އެކުލަވާލުމުގެ ބާރު ދީފައި ވަނީ ކަމާއި ގުޅުން ހުރި ވަޒީރަށެވެ.
މި ކޮމިޓީ އެކުލެވިގެން ވަނީ މިނިސްޓަރު ތަމްސީލްކުރުމަށް، މިނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ތެރެއިން މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި، ޑިޖިޓަލް ސާވިސް ތަމްސީލްކުރުމަށް އައްޔަންކުރާ ފަރާތަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ތަމްސީލްކުރުމަށް އެ ޑިޕާޓްމަންޓުން އައްޔަން ކުރާ ފަރާތަކާއި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ފިޔަވާ އައިޑެންޓިޓީ މައުލޫމާތު ފޯރުކޮށްދޭ ފަރާތަތްތަކުގެ ގޮތުގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ކޮންމެ ފަރާތަކުން އެ ފަރާތެއް ތަމްސީލް ކުރުމަށް އައްޔަންކުރާ ފަރާތެއް ހިމެނޭ ގޮތަށެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ނުކުޅެދުންތެރިކަން ހުންނަ މީހުން
ބޭރު ކުޅިވަރު
ހުޅުމާލެ