އިރާނުން ދީިވާފައިވާ އިންޒާރުތަކަށް ބެލުމެއްނެތި، އިސްރާއީލުން ލުބުނާނުގެ ދެކުނުގައި އޮންނަ ތާރީހީ ރަށެއް ކަމަށްވާ ސޫރަށް (ޓަޔަރ) ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، ސޫރުގެ އިރުމަތީ ފަރާތުގައި އޮންނަ އަލް-މަސާކިން ސަރަހައްދަށް ދިން މި ހަމަލާތަކުގައި މަދުވެގެން 8 މީހުން މަރުވެ، 32 މީހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އާންމުން ހިމެނޭއިރު، މީހުން ސަލާމަތްކުރާ ފަރާތްތަކުން އަންނަނި އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހަމަލާތައް ދީފައިވަނީ މުޅި ރަށުން މީހުން ފޭބުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ކުއްލި ގޮތަކަށް އަންގާފައި ވަނިކޮށެވެ. މީގެ ތެރޭގައި މީގެ ކުރީން ހަމަލާތަކުން ސަލާމަތްވެފައިވާ ކްރިސްޓިއަނުން ދިރިއުޅޭ ސަރަހައްދުތަކާއި ފަލަސްތީނުގެ ރެފިއުޖީ ކޭމްޕުތައް ވެސް ހިމެނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި މި ހަމަލާތަކުގެ އަމާޒަކީ ހިޒްބުالله ޖަމާއަތުގެ ހަނގުރާމަވެރިން ބޭނުންކުރާ އުމްރާނީ ވަސީލަތްތައް ނައްތާލުމެވެ. އެ ސަރަހައްދުތަކަށް ހިޒްބުاللهގެ މެންބަރުން ވަދެފައިވާ ކަމަށް ވެސް އިސްރާއީލުން ތުހުމަތުކުރެއެވެ.

މި ހަމަލާތައް ދީފައި މިވަނީ، ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ އިސްރާއީލަށް އަލުން ހަމަލާދޭން ފަށާނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފައި ވަނިކޮށެވެ. އީރާނުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، މެދުއިރުމަތީގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެވޭނީ ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ވެސް ހުއްޓާލައިގެންނެވެ. ނަމަވެސް، އިސްރާއީލުން ބުނަމުންދަނީ ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި އީރާނާ ދެމެދު އޮތް މައްސަލަތަކަކީ ވަކި ދެ ކަމެއް ކަމަށާއި، ހިޒްބުاللهއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާނުލާނެ ކަމަށެވެ.

މިދިޔަ މާޗު މަހުން ފެށިގެން ހިޒްބުالله އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ލުބުނާނުން 3,600 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއިން އިސްވެ އޮވެ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް، އިސްރާއީލުން މިހާރު ވަނީ ޒަހްރާނީ ކޯރާ ހަމައަށް އޮންނަ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަކީ ހަނގުރާމައިގެ ސަރަހައްދުތަކެއް ކަމުގައި ކަނޑައަޅާފައެވެ.