ރާމް ޗަރަން އަދި ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އާ ފިލްމު "ޕެޑީ" ގައި ޖާންވީގެ ކެރެކްޓަރު ދައްކުވައިދީފައިވާ ގޮތާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން، އެ ފިލްމުގެ ޑައިރެކްޓަރު ބުޗީ ބާބޫ ސަނާ މާފަށް އެދިއްޖެއެވެ.

މީސްމީޑިއާ ޕްލެޓްފޯމް އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުޗީ ބާބޫ ބުނި ގޮތުގައި، ފިލްމުގެ ބައެއް މަންޒަރުތަކާ ގުޅޭގޮތުން ބެލުންތެރިން ފާޅުކުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އެއްވެސް އަންހެން ކެރެކްޓަރެއްގެ އަގުވައްޓާލުމަކީ އޭނާގެ މަގުސަދެއް ނޫން ކަމަށެވެ. އަދި ބެލުންތެރިންގެ ފީޑްބެކަށް ބެލުމަށްފަހު، ފިލްމުގެ މައްސަލަޖެހިފައިވާ މަންޒަރުތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފިލްމަށް ފާޑުކިޔުން އަމާޒުވީ، ޖާންވީ ކަޕޫރު ކުޅޭ "އަޗިއްޔައްމަ" ގެ ކެރެކްޓަރު ދައްކުވައިދިނުމުގައި އަންހެނުންގެ ޖިސްމަށް އަމާޒުކޮށް ކެމެރާ އެންގަލްތައް ބޭނުންކޮށްފައިވާތީ އާއި އަންހެނުންނަށް ފުރައްސާރަ ކުރުން އާދައިގެ ކަމެއްގެ ގޮތުގައި ދައްކުވައިދޭ ޑައިލޮގްތަކެއް ހިމެނޭތީއެވެ.

ހާއްސަކޮށް، ކަރަންޓު ކެނޑޭ ވަގުތެއްގެ ފައިދާ ނަގައި، ނުރުހުމުގައި އަންހެން ކުއްޖާއަށް ގޯނާކުރާ މަންޒަރަކީ ޖިންސީ ފުރައްސާރައެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ނުރުހުން ފާޅުކޮށްފައެވެ. ބެލުންތެރިން ފާހަގަކުރި ގޮތުގައި، މިއީ ލޯބީގެ ގުޅުމެއްގެ ގޮތުގައި ފިލްމުގައި ސިފަކޮށްފައިވީ ނަމަވެސް، ހަގީގަތުގައި މިއީ އަންހެނުންގެ ނިންމުންތަކަށް އިހުތިރާމް ނުކުރުން ޕްރޮމޯޓު ކުރާ ކަމެކެވެ.

ބުޗީ ބާބޫ އިތުރަށް ބުނި ގޮތުގައި، ސިނަމާއަކީ މީހުންނަށް އުނދަގޫ އިހުސާސެއް ކުރުވާ އެއްޗަކަށް ވެގެން ނުވާނެއެވެ. އަދި ކޮންމެ އަންހެނަކަށް ވެސް އިހުތިރާމާއި ގަދަރު ލިބެން ޖެހޭނެ ކަމަށާއި ފިލްމު އުފައްދާ ފަރާތްތަކުން ބެލުންތެރިންގެ ވިސްނުމަށް އަންނަ ބަދަލުތަކަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެލުންތެރިންގެ ފާޑުކިޔުންތަކާ ގުޅިގެން ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އެ މަންޒަރުތައް އުނިކުރުމަށް ނުވަތަ ބަދަލު ގެނައުމަށް ފިލްމުގެ ޓީމުން މިހާރު ވަނީ ނިންމައިފައެވެ.