މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލީޕާ އާއި އިނގިރޭސި އެކްޓަރު ކެލަމް ޓާނާ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި ވަރަށް އާދައިގެ އަދި ސިއްރު ރަސްމިއްޔާތެއްގައި ކައިވެނިކޮށްފިއެވެ.
މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު ލަންޑަނުގެ އޯލްޑް މެރިލެބޯން ޓައުން ހޯލްގައި ބޭއްވި މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވަނީ ދެފަރާތުގެ އާއިލާ އާއި ވަރަށް ގާތް ރައްޓެހިން އެކަންޏެވެ.
ކައިވެނީގެ ފޮޓޯތައް އާންމުވުމާ އެކު، ޑުއާ ލީޕާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ކައިވެނީގެ ތާރީހު ކަމަށްވާ “31.05.2026” ޖަހައި، ކައިވެނިކުރިކަން އަމިއްލައަށް ކަށަވަރުކޮށްދީފައެވެ. މިއީ އާންމުކޮށް އިއުލާނުނުކޮށް، މީޑިއާގެ ސަމާލުކަމާ ދުރުގައި ބޭއްވި ރަސްމިއްޔާތެކެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ‘ޕީޕަލް’ މަޖައްލާއަށް މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ލަންޑަނުގައި ބޭއްވި މި ރަސްމިއްޔާތަކީ އެ ދެމަފިރިން ބޭނުންވި ގޮތަށް، ވަރަށް އާދައިގެ އަދި މާނަފުން ގޮތަކަށް ކުރިއަށްދިޔަ ރަސްމިއްޔާތެކެވެ. އަދި ކައިވެންޏަށްފަހު ކުޑަ އުފާފާޅު ކުރުމެއް ބޭއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ކަންތައްތަކެއް ރާވާފައިވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.
މި ކައިވެނީގައި ޑުއާ ލީޕާ ލައިގެން ހުރީ ސްކިއަޕަރެލީ ބްރޭންޑުގެ ހުދު ކުލައިގެ ހެދުމެކެވެ. ސަޕޯޓަރުންނާއި ފެޝަން ދާއިރާގެ މީހުން ވަނީ، އޭނާގެ މި ހެދުމަކީ 1971 ވަނަ އަހަރު ބިއަންކާ ޖެގާ އޭނާގެ ކައިވެނީގައި ލީ ހެދުމާ ވަރަށް އެއްގޮތް ހެދުމެއްކަން ފާހަގަކޮށްފައެވެ. ކެލަމް ޓާނާ ލައިގެން ހުރީ ފެރަގާމޯ ބްރޭންޑުގެ ނޫ ކުލައިގެ ސޫޓެކެވެ.
ޑުއާ ލީޕާ އާއި ކެލަމް ޓާނާ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އޭގެ ފަހުން 2025 ވަނަ އަހަރުގެ ޖޫން މަހު އެ ދެ މީހުން ވަނީ އެންގޭޖް ވެފައިވާކަން އިއުލާނުކޮށްފައެވެ. އެ ދުވަސްވަރު ދިން އިންޓަވިއުއެއްގައި ޑުއާ ލީޕާ ބުނެފައި ވަނީ، އެންގޭޖްވުމަކީ ވަރަށް އުފާވެރި ކަމެއް ކަމަށާއި މުޅި އުމުރު އެކުގައި ހޭދަކުރާނެ މީހަކު އެނގުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ލަންޑަނުގައި ބޭއްވި ކުޑަ ރަސްމިއްޔާތަށްފަހު، އިޓަލީގެ ސިސިލީގައި ކައިވެނީގެ ބޮޑު ޕާޓީއެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މާލެ މަސް މާރުކޭޓު
އެވިޑް ކޮލެޖް
ބ. ދަރަވަންދޫ
ކުށް