ބޮލީވުޑްގެ ކުރިއަށް އޮތް ރޮމޭންޓިކް ކޮމެޑީ ފިލްމު "ކޮކްޓެއިލް 2" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. މިއީ 2012 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ކޮކްޓެއިލް" ގެ ސްޕިރިޗުއަލް ސީކުއެލްއެއްގެ ގޮތުގައި އުފައްދާފައިވާ ފިލްމެކެވެ. މެޑޮކް ފިލްމްސް އަދި ލަވް ފިލްމްސް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ޝާހިދު ކަޕޫރާއި، ކްރިތީ ސެނަންގެ އިތުރުން ރަޝްމިކާ މަންދަނާއެވެ.

މި މަހުގެ 19 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ހޯމީ އަދަޖާނިއާ އެވެ. ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ދިނޭޝް ވިޖަން އަދި ލަވް ރަންޖަން ފާހަގަކުރި ގޮތުގައި، މިއީ މުޅީން އާ ކާސްޓަކާއެކު އާ ވާހަކައެއް ގެނެސްދޭ ފިލްމެއް ނަމަވެސް، ފުރަތަމަ ފިލްމެކޭ އެއްގޮތަށް މި ފިލްމުގައިވެސް ޒަމާނީ ދިރިއުޅުމުގެ ގުޅުންތަކަށް އަލިއަޅުވާލާފައިވެއެވެ. ޑައިރެކްޓަރު އަދަޖާނިއާ ބުނި ގޮތުގައި މި ފިލްމަކީ މަޖާ އަދި ޖަޒުބާތީ ކަންތައްތަކެއް އެކުލެވޭ އުފެއްދުމެކެވެ.

https://youtu.be/XXxUqLHq1xg?si=1onwsv-d96S13gyF

އިޓަލީގައި ޝޫޓުކޮށްފައިވާ މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ ކުނާލް، ދިޔާ އަދި އެލީގެ މެދުގައި އުފެދޭ ލޯބީގެ މައްސަލަތަކެކެވެ. ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ޝާހިދު ބުނީ، މިއީ ހޫނު މޫސުމާ ގުޅޭ، މަޖާ އަދި ލޯބީގެ ގިނަ ކަންތައްތަކެއް އެކުލެވޭ ފިލްމެއް ކަމަށެވެ. ކްރިތީ ބުނި ގޮތުގައި ފިލްމުގެ ކެރެކްޓަރުންނަކީ އުނިކަންތައްތަކެއް ހުރި ނަމަވެސް ރީތި ސިފަތަކެއް އެކުލެވޭ ބައެކެވެ. ރަޝްމިކާ ފާހަގަކުރި ގޮތުގައި މި ފިލްމަކީ ލޯތްބާއި ރަހުމަތްތެރިކަމުގެ ރީތި މިކްސްއެކެވެ.

ޓްރެއިލާ ނެރުމަށް މުމްބާއީގައި ބޭއްވި ހަފުލާގައި، ފިލްމުގައި އެއްޖިންސުން ގުޅުން ހިންގާ މަންޒަރުތަކެއް ހިމެނޭ ކަމަށް ދެކެވޭ ވާހަކަތައް ކްރިތީ އަދި ޑައިރެކްޓަރު ވަނީ ދޮގުކޮށްފައެވެ. އެމީހުން ބުނި ގޮތުގައި އެއީ ދެ އަންހެން ކުދިންގެ މެދުގައި އޮންނަ ގާތް ރަހުމަތްތެރިކަން މީހުންނަށް ނުބައިކޮށް މާނަކުރެވުމުން އުފެދިގެން އުޅޭ ވާހަކަތަކެކެވެ. ޕްރިތަމްގެ މިއުޒިކާއެކު ނެރޭ މި ފިލްމަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ.