މިދިޔަ 2025 ވަނަ އަހަރަކީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އިތުރު ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި، އެ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގެ ތެެރެއިން ދައުލަތުގެ ހަރަދުތައް ބަލަހައްޓާފައިވާ ހަމައެކަނި އަހަރުކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރުގެ ބަޖެޓުގެ ނަތީޖާ ބަޔާން ފިނޭންސް މިނިސްޓރީން މިއަދު ނެރެފައިވާއިރު އެ ބަޔާނުގައި ބުނެފައިވަނީ، 2025 ވަނަ އަހަރު ދައުލަތުން ހަރަދުކުރާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތީ 49.2 ބިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް، އަހަރު ނިމުނުއިރު ޖުމުލަ ހަރަދަކީ 44.2 ބިލިއަން ރުފިޔާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން މިއީ އަންދާޒާ ކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ހަރަދު ކުޑަވުމެކެވެ.
އެ ބަޔާނުގައި ވަނީ، ދައުލަތުގެ ހަރަދުތައް އެހާ ބޮޑަށް ކުޑަކުރެވުނީ ބަޖެޓް ތަންފީޒުކުރުމުގައި ގެންގުޅުނު ހަރުދަނާ އުސޫލުތަކާއި، ދައުލަތުގެ އިންވެސްޓްމަންޓް މަޝްރޫއުތައް ހިންގުމަށް ގެނައި ބަދަލުތަކުގެ އިތުރުން، ހިނގަމުންދާ ހަރަދުތަކާއި ކެޕިޓަލް ހަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރުގެ ހަރަދުތައް މެނޭޖުކޮށްފައިވަނީ އިސްރާފު ކުޑަކޮށް، ހަރަދުތައް ކުޑަކުރުމުގެ ހަރުދަނާ އޮނިގަނޑެއްގެ ދަށުންކަން ވެސް ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނސްޓްރީން ބުނީ، ހަރަދުތައް ކުޑަވުމާ ގުޅިގެން ބަޖެޓުގެ ޑެފިސިޓް، ނުވަތަ ދަރަނި ވެސް އަންދާޒާ ކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ހުރީ 4.4 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ލަފާކުރި މިންވަރަށް ވުރެ 5.0 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ގައުމީ އުފެއްދުންތެރިކަމުގެ، ނުވަތަ ޖީޑީޕީގެ ނިސްބަތުން ބަލާއިރު، ޑެފިސިޓް ވަނީ 3.6 އިންސައްތައަށް ދަށްކުރެވިފައިކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މި ކަންތައްތަކުގެ އިތުރުން މިދިޔަ އަހަރު ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ލިބި، މިދިޔަ އަހަރަކީ މިހާތަނަށް ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރު ކަމަށްވާތީ، ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައި ފާސްކުރި ބަޖެޓުގެ ތެރެއިން އަހަރު ނިންމާލާފައިވާކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ރިޕޯޓް
ނުކުޅެދުންތެރިކަން ހުންނަ މީހުން
ބޭރު ކުޅިވަރު