ރަސްމީ ހައިސިއްޔަތުން ކުރެއްވި އެއްވެސް ދަތުރެއްގައި އަމިއްލަފުޅު އެއްވެސް ހަރަދެއް ކުރައްވާފައި ނޯންނާނެކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އަމިއްލަފުޅު ބޭނުމަށް ރާއްޖެއިން ބޭރަށް ކުރެއްވި އެއްވެސް ދަތުރުފުޅެއްގެ ހަރަދު ސަރުކާރުން ހޯއްދަވައިފައި ނުވާ ކަމަށާއި އެކަން ކުރެއްވީ އަމިއްލަފުޅަށް ކަމަށެވެ.

"އަޅުގަނޑު އަމިއްލައަށް އެ ހަރަދުތައް ހަމަޖައްސަނީ. އަޅުގަނޑު ހުންނާނެ ބައެއް މުވައްޒަފުންގެ ހަރަދުތަކުގައިވެސް ހިފާފައި. އެއީ އަޅުގަނޑު އެބަ ޖެހޭ އަމިއްލަ ދަތުރެއްގައި ހުއްޓަސް ބައެއް މަސައްކަތްތައް ކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމިއްލަ ދަތުރުފުޅުތަކުގެ ހަރަދު އަމިއްލަފުޅަށް ހަމަޖެއްސެވި ނަމަވެސް އެއީވެސް ގާނޫނީ ގޮތުން އެ މަނިކުފާނަށް ލިބިދޭ ހައްގެއް ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރުވެސް އެހެން ބައެއް ރައީސުން ބޭރަށް ދަތުރުކުރެއްވުމަށް ފަހު ސަރުކާރަށް ބިލް ކުރާ ކަމަށެވެ.