ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސްޕޯޓްސް ކާރު ކުންފުނި ކަމަށްވާ އިޓަލީގެ ފެރާރީން އުފެއްދި ފުރަތަމަ ކަރަންޓު ކާރު، "ފެރާރީ ލޫޗޭ" މި މަހު ތައާރަފުކުރުމާއެކު، އެ ކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. އެޕަލް ކުންފުނީގެ ކުރީގެ ޑިޒައިނަރު ސަރ ޖޮނީ އައިވް ފަރުމާކޮށްފައިވާ މި ކާރު، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ އަދި ޕޯޕް ލިއޯ އަށް ދައްކާލުމަށް ރޯމްގެ ކުއިރިނާލޭ ގަނޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތަކަށްފަހު، އާންމުންނާއި އިންވެސްޓަރުންގެ ފަރާތުން ވަނީ ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައެވެ.

މި ކާރު ދައްކާލިތާ އެއް ދުވަސް ތެރޭގައި މިލާންގެ ސްޓޮކް އެކްސްޗޭންޖުގައި ފެރާރީގެ ހިއްސާގެ އަގު ވަނީ 8 އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ ފާއިތުވި އޮކްޓޯބަރު މަހަށްފަހު ކުންފުނީގެ ހިއްސާގެ އަގު މިހާ ބޮޑަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ގާތްގަނޑަކަށް 640،000 އެމެރިކާ ޑޮލަރަށް ވިއްކަން ނިންމާފައިވާ މި ކާރަކީ ފެރާރީގެ ތާރީހުގައިވެސް އުފެއްދި ފުރަތަމަ ފަސް ގޮނޑީގެ ކާރެވެ. އަދި މިއީ ހަތަރު ދޮރުފަތްލީ ކާރަކަށް ވާއިރު، މިއީ ފެރާރީން އާންމުކޮށް އުފައްދާ ދެ ގޮނޑީގެ ސްޕޯޓްސް ކާރުތަކާ މުޅީން ތަފާތު އުފެއްދުމެކެވެ.

ފެރާރީއަކީ އަބަދުވެސް ބާރުގަދަ އިންޖީނުތަކުގެ އަޑުން މަޝްހޫރުކަން ހޯދާފައިވާ ކުންފުންޏަކަށް ވާއިރު، ކަރަންޓު މޯޓަރުން ދުއްވާ ލޫޗޭގައި އެ އަޑެއް ނުހުރެއެވެ. ނަމަވެސް މި ކާރުގެ ބާރުމިނަށް ބަލާއިރު، މިއީ އާދައިގެ ސްޕޯޓްސް ކާރުތަކަށްވުރެ ދަށް ކާރެއް ނޫނެވެ. 122 ކިލޯވޮޓް-އަވަރުގެ ބެޓެރިއަކާއި ހަތަރު ކަރަންޓު މޯޓަރު ހިމެނޭ މި ކާރުން 1035 ހޯސްޕަވަރުގެ ބާރު އުފައްދައެވެ. ގަޑިއިރަކު 190 މޭލަށްވުރެ ބާރަށް ދުއްވޭ، އަދި 2.5 ސިކުންތުގެ ތެރޭގައި 0 އިން 60 މޭލަށް ބާރުމިން މައްޗަށް ގެންދެވޭ މި ކާރަށް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ އޭގެ ބޭރުފުށުގެ ޑިޒައިނަށެވެ. ލޫޗޭގެ ބޮޑީ އަދި ޗެސިސް އުފައްދާފައިވަނީ 75 އިންސައްތަ ރީސައިކަލްކޮށްފައިވާ އެލުމިނިއަމް ބޭނުންކޮށްގެންނެވެ. މީގެ އިތުރުން، މި ކާރުގައި ބޭނުންކޮށްފައިވަނީ ފެރާރީގެ ތާރީހުގައިވެސް ބޭނުންކުރި އެންމެ ބޮޑެތި ފުރޮޅުތަކެވެ. އެގޮތުން ކުރީކޮޅުގައި 23 އިންޗީގެ ފުރޮޅު އަދި ފަހަތުގައި 24 އިންޗީގެ ފުރޮޅު ހަރުކޮށްފައިވެއެވެ. އިންޖީނުގެ އަޑު ނެތް ނަމަވެސް، ފެރާރީން ވަނީ ކާރުގެ ފަހަތު އެކްސެލްގައި ހާއްސަ ސެންސަރެއް ހަރުކޮށް، މޯޓަރުން އުފެދޭ ވައިބްރޭޝަންތައް ދެނެގަނެ، އެ އަޑު ކާރުގެ އެތެރެއަށާއި ބޭރަށް އިވޭނެ ނިޒާމެއް ގާއިމުކޮށްފައެވެ. މިއީ އާޓިފިޝަލް އަޑެއް ނޫން ކަމަށާއި، މިއީ މޯޓަރުގެ އަސްލު އަޑު ކަމަށް ފެރާރީން ބުނެއެވެ.

މިފަދަ އާ ޓެކްނޮލޮޖީތަކެއް ހިމެނުނު ނަމަވެސް، ފެރާރީގެ ކުރީގެ ޗެއާމަން ލޫކާ ކޯޑޭރޯ ޑި މޮންޓެޒެމޯލޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، މި ކާރުގެ ސަބަބުން ފެރާރީގެ ލެޖެންޑަރީ ތާރީހު ފުހެވިގެން ދިއުމުގެ ނުރައްކާ އެބައޮތެވެ. އަދި މި ކާރުން ފެރާރީގެ މަޝްހޫރު އަހުގެ ލޯގޯ ނެގުމަށްވެސް އޭނާ ވަނީ ގޮވާލައްވައިފައެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ފެރާރީގެ އަސްލު އޮޅިގެންދާ ފަދަ ބަދަލެކެވެ.

އިޓަލީގެ ސިޔާސީ މަސްރަހުގައިވެސް މި ކާރާ ގުޅޭގޮތުން ދަނީ ބަހުސްކުރެވެމުންނެވެ. އިޓަލީގެ ނައިބު ބޮޑުވަޒީރު އަދި ދަތުރުފަތުރާ ބެހޭ ވަޒީރު މަޓެއޯ ސަލްވީނީ ވަނީ މި ކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ އާ އީޖާދެއް ކަމަށް ބުނާއިރު، ކުންފުނީގެ ބާނީ އެންޒޯ ފެރާރީ މި ކާރާ މެދު ވިދާޅުވާނީ ކީކޭތޯ ސުވާލު އުފެދެއެވެ. އަދި މިއީ ފެރާރީ ކާރެއް ފިޔަވައި އެހެން ކޮންމެ އެއްޗަކާވެސް ވައްތަރު އުޅަނދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ މި ކާރު، އަގުހެޔޮ ނިސާން ލީފް ފަދަ ކާރުތަކާ އެއްގޮތް ކަމަށް ބުނެ މީމްތައް ހަދަމުންނެވެ. ބައެއް މީހުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މި ކާރުގެ ޑިޒައިން ބަދަލުކޮށް، މިއަށްވުރެ ރީތި ޑިޒައިންތައް އިންޓަނެޓުގައި އާންމުކޮށްފައެވެ. އޮސްޓްރޭލިއާގެ ކާރު ވިއްކާ ފަރާތެއް ކަމަށްވާ ޝޯން ބޭކަރ ބީބީސީއަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ފެރާރީއަކީ އެންމެންވެސް ގެންގުޅެން ބޭނުންވާ ބްރޭންޑަކަށް ވީނަމަވެސް، ލޫޗޭގެ ސަބަބުން އެ ކުންފުނީގެ ތަސައްވުރަށް ވަނީ ގެއްލުންވެފައެވެ. އޭނާ ބުނި ގޮތުގައި އޭއައި ބޭނުންކޮށްގެން 10 ސިކުންތުން ހަދާފައިވާ ޑިޒައިންތައްވެސް ފެރާރީގެ އަމިއްލަ ޑިޒައިނަށްވުރެ ފުރިހަމައެވެ.

ފެރާރީން ކަރަންޓު ކާރުގެ މާކެޓަށް ވަންނަން މަސައްކަތްކުރަމުން މިދަނީ، ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ބޮޑު ވާދަވެރިކަމަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އިންޓަނޭޝަނަލް އެނާޖީ އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގެ އެހެން ގައުމުތަކާ އަޅައިބަލާއިރު ޗައިނާގައި ކަރަންޓު ކާރު އުފެއްދުމުގެ ހަރަދު 30 އިންސައްތަ ކުޑައެވެ. މީގެ މައިގަނޑު ސަބަބަކީ ބެޓެރިއާއި އެހެނިހެން ބައިތައް އުފެއްދުމުގެ ފުރިހަމަ ނިޒާމެއް ޗައިނާގައި ގާއިމުވެފައި އޮތުމެވެ. ޗައިނާގެ މާކެޓަކީ ފެރާރީ ފަދަ މަތީ ފަންތީގެ ބްރޭންޑުތަކަށް ވަރަށް މުހިންމު މާކެޓެކެވެ. ނަމަވެސް ޗައިނާގެ ކަސްޓަމަރުން މިހާރު އުންމީދުކުރަނީ އަގުހެޔޮ، ގިނަ ވަގުތު ބެޓެރި ހިފަހައްޓާ އަދި އާ ޓެކްނޮލޮޖީތައް ހިމެނޭ ކާރުތަކަށެވެ. ޗައިނާ ސަރުކާރުން ދެމުން އަންނަ ސަބްސިޑީތަކުގެ ސަބަބުން ކަރަންޓު ކާރު އުފައްދާ ކުންފުނިތައް އިތުރުވެ، ކާރުތަކުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ޗައިނާގެ ކުންފުނިތަކުން މިހާރު އަންނަނީ މަތީ ފަންތީގެ ސްޕޯޓްސް ކާރުތައްވެސް އުފައްދަމުންނެވެ. މިގޮތުން 250،000 ޑޮލަރަށް ވިއްކާ ބީވައިޑީ ޔަންގްވާންގް ޔޫ9 އަކީ އެންމެ 2.3 ސިކުންތުން 60 މޭލަށް ބާރުމިން ގެންދެވޭ ކާރެކެވެ. މިފަދަ ވާދަވެރި މާހައުލެއްގައި ޓެސްލާ އަދި ފޯކްސްވެގަން ފަދަ ހުޅަނގުގެ ކުންފުނިތަކަށްވެސް ވަނީ ޗައިނާ މާކެޓުގައި ކާރުގެ އަގު ހެޔޮކުރަން މަޖުބޫރުވެފައެވެ. ފެރާރީން އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރާ ހަމައަށް އަންނައިރު، އެ ކުންފުނިން އުފައްދާ ކާރުތަކުގެ 40 އިންސައްތައަކީ ތެލުން ދުއްވާ ކާރު، 40 އިންސައްތައަކީ ހައިބްރިޑް ކާރު، އަދި 20 އިންސައްތައަކީ ފުރިހަމަ ކަރަންޓު ކާރަށް ހެދުމަށެވެ.