ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އާނަންދު އަހޫޖާ، އިނގިރޭސިވިލާތުގެ ލަންޑަނުން ގަތް ފަސް ފްލެޓަކާ ގުޅިގެން އެ ސަރަހައްދުގެ އަވަށްޓެރިންގެ ގިނަ ޝަކުވާތަކެއް ފެންމަތިވެއްޖެއެވެ.

ޑެއިލީ މެއިލްއާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމަފިރިން ވަނީ ލަންޑަންގެ ނޮޓިންގ ހިލް ސަރަހައްދުގައި ހުންނަ އެ މީހުންގެ 21 މިލިއަން ޕައުންޑުގެ ބޮޑު ގަނޑުވަރު ކައިރިން، ހިލްކްރެސްޓް ނަމަކަށް ކިޔާ އިމާރާތަކުން ފަސް ފްލެޓް ގަނެފައެވެ. ގާތްގަނޑަކަށް ހަތަރު މިލިއަން ޕައުންޑް ހޭދަކޮށްގެން ގަތް މި ފްލެޓްތަކަކީ އެ މީހުންގެ ގޭގައި މަސައްކަތްކުރާ މުވައްޒަފުން ބޭތިއްބުމަށް ގަތް ތަންތަން ކަމަށް އަވަށްޓެރިން ވަނީ ތުހުމަތުކޮށްފައެވެ.

މިކަމާ ގުޅިގެން އެ އިމާރާތުގައި ދިރިއުޅޭ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން، މުއްސަނދިންގެ ނުފޫޒުގެ ސަބަބުން އެ ސަރަހައްދުގެ މާހައުލަށް ބަދަލު އަންނަމުންދާ ކަމަށާއި، ޝަކުވާކޮށްފިނަމަ އެ ފްލެޓްތައް އާންމު ހައުސިންއަށް ބަދަލުކޮށްފާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. ނަން ހާމަނުކުރާ އަވަށްޓެރިއަކު ބުނި ގޮތުގައި، އެ މީހުންނަކީ ނުފޫޒުގަދަ ބަޔަކަށް ވުމުން އެއްޗެއް ބުނަންވެސް މިހާރު ބިރުގަނެއެވެ.

ނަމަވެސް، ސޯނަމް ކަޕޫރުގެ ފަރާތުން ވާހަކަދެއްކި މަންދޫބަކު ބުނި ގޮތުގައި، މި ފްލެޓްތައް ގަތް ކުންފުންޏާ ސޯނަމްއާ ސީދާ އެއްވެސް ގުޅުމެއް ނެތެވެ. އަދި އެ ތަންތަނަކީ ހަމައެކަނި އިންވެސްޓްމަންޓެއްގެ ގޮތުގައި ގަނެފައިވާ ތަންތަން ކަމަށް އޭނާ ބުންޏެވެ.

މީގެ ތިން އަހަރު ކުރިން ސޯނަމާއި އާނަންދު ލަންޑަނުން ގަތް ބޮޑު ގަނޑުވަރު މަރާމާތުކުރުމަށްވެސް ގާތްގަނޑަކަށް 4.7 މިލިއަން ޕައުންޑް ހޭދަކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައިގައި އަވަށްޓެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ އިރު، ބައެއް މީހުން ވަނީ ސޯނަމްގެ ދެމަފިރިންގެ ދިފާއުގައިވެސް ވާހަކަދައްކައިފައެވެ.