އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއްގައި ބަޑިޖެހި މީހެއްގެ ގަޔަށް ސީކްރެޓް ސާވިސްގެ އޭޖެންޓުން ބަޑިޖަހައި އޭނާ މަރާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސުނު ވަގުތުގައެވެ. އެމެރިކާގެ ސީކްރެޓް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ވައިޓް ހައުސް ކައިރީގައި ހުންނަ ޗެކްޕޮއިންޓަކަށް މީހަކު ގޮސް، އޭނާގެ ދަބަހުން ހަތިޔާރެއް ނެގުމަށްފަހު އޮފިސަރުންނަށް އަމާޒުކޮށް ވަނީ ބަޑިޖަހަން ފަށައިފައެވެ. އެއާއެކު ސީކްރެޓް ސާވިސްގެ އޮފިސަރުން ރައްދުގައި ބަޑިޖަހައި އޭނާ ޒަހަމްކޮށްލިއެވެ. ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ ވަނީ މަރުވެފައެވެ.
މި ހަމަލާ ބަދަލުކުރުމުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި އާންމުންގެ މީހަކަށްވެސް ވަޒަން އަރައި ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ސީކްރެޓް ސާވިސްގެ އެއްވެސް އޮފިސަރަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަޑިޖެހި މީހަކީ އުމުރުން 21 އަހަރުގެ ނަސީރް ބެސްޓް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށާއި، މީގެ ކުރިންވެސް ސީކްރެޓް ސާވިސްއާ ކުރިމަތިލުންތަކެއް ހިނގާފައިވާ މީހެއް ކަމަށް މީޑިއާތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ވައިޓް ހައުސް ވަގުތީގޮތުން ލޮކްޑައުން ކުރިއެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ބަޑީގެ އަޑު އިވުމާއެކު، ރައްކާތެރިވުމަށް ނޫސްވެރިންނަށް އެންގިއެވެ.
ހާދިސާ ހިނގި ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވީ ވައިޓް ހައުސްގައެވެ. ނަމަވެސް އެމަނިކުފާނަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށްދީފައިވެއެވެ. ފަހުން ޓްރަމްޕް ވަނީ ސަލާމަތީ ބާރުތަކުން އަވަސްކަމާއެކު އެޅި ފިޔަވަޅުތަކަށް ތާރީފުކުރައްވާފައެވެ.
މިހާރު ވައިޓް ހައުސްގެ ލޮކްޑައުން އުވާލާފައިވާއިރު، އެފްބީއައި އާއި ސީކްރެޓް ސާވިސް ގުޅިގެން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ