މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އައި ބަދަލުތަކާއެކު، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ފާއިތުވި ދެ މަހެއްހާ ދުވަހު ކުޑަ ލަސްކަމެއް އައި ނަމަވެސް، މިހާރު ހުރިހާ މަސައްކަތްތަކެއްވެސް ބާރަށް ކުރިއަށްދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމާއި، މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެކަންކަން މިހާރު މެނޭޖްކުރަމުންދާ ކަމަށެވެ.
"ތެލުގެ އަގު ބޮޑުވުމާއި ބޭނުންވާ މެޓީރިއަލް ގެނައުމުގައި ދަތިތަކެއް އެބަހުރި. މީގެ ސަބަބުން ބައެއް ލަސްތައް ކުރިމަތިވަމުންދޭ. ނަމަވެސް އެކަން ދަނީ މެނޭޖްކުރަމުން" ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ކޮންމެ ދުވަހަކުވެސް މިނިސްޓްރީތަކާ ގުޅިގެން މަޝްރޫއުތައް ހިނގާގޮތް ވަރަށް ގާތުން ބަލަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި އުމްރާނީ ތަރައްގީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 21 ރަށަކުން 1100 އަށްވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. މީގެ ތެރެއިން 500 ހެކްޓަރަކީ ރަސްމާލެ މަޝްރޫއުގެ ދަށުން ހިއްކާފައިވާ ބިންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިން ހިއްކުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް ނަމަވެސް، އެއީ ދެމެހެއްޓެނިވި ތަރައްގީގެ ނަޒަރިއްޔާއިން ބަލާއިރު ރާއްޖެއަށް ނުހަނު މުހިއްމުކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު