ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި 12،193 ބިދޭސީން ޑީޕޯޓުކޮށްލާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ރޭ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން އެދެވޭ މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށެވެ. އަދި މި ސަރުކާރުން މި މައްސަލައަށް ދެމުންދާ އިސްކަމުގެ ނަތީޖާ ތަފާސްހިސާބުތަކުން ފެންނަން އެބައޮތް ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ޑީޕޯޓުކުރެވުނީ 2،600 ބިދޭސީންކަމަށާއި ނަމަވެސް، މި ސަރުކާރުގެ އެ މުއްދަތުގެ ތެރޭގައި އެ އަދަދު ވަނީ 12،193 އަށް އަރާފައިކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި އެއްވެސް ބިދޭސިއަކު ޑީޕޯޓުކޮށްފައި ނުވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުން މިހާތަނަށް 206,400 ބިދޭސީންގެ ބަޔޯމެޓްރިކްސް މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ތިބި ބިދޭސީންގެ 99 ޕަސަންޓުކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ބާކީ ތިބީ އެންމެ އެއް ޕަސެންޓު ބިދޭސީން. މިއީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 99 ޕަސެންޓު ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިވަނީ ހަމައެކަނި ސިންގަޕޫރާއި ޔޫއޭއީގައި" ރައީސް ވިދާޅުވިއެވެ.
ރަށްރަށުގައި މައުލޫމާތު ނުދީ ތިބި ކަމަށް ފާހަގަކުރެވޭ 2,800 އެއްހާ ބިދޭސީން ހޯދައި، ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެ މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ އަމާޒު ހިފާފައިކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މުޅިން ހައްލުކުރުންކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު