ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަންނެލީގެ ބާވަތްތަކުން ނަގަމުން އައި ޓެރިފް މިއަދު އުވާލައިފިއެވެ.

އިނގިރޭސިވިލާތުން ނިންމި މި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުގެ ޓެރިފް ކަނޑާލުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރާތާ ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ވަނީ ވެފައެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި އެ ކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންގެ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިގްތިސާދީ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހަށް އޮތް ޑިމާންޑު އިތުރުވެ، ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ފުޅާ ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ރާއްޖެއަކީ، ދެމެހެއްޓެނިވި އަދި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އިސްކަންދޭ، ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ ދޮށީގެ މަސްވެރިކަމުގެ ނަމޫނާ ޤައުމެއްގެ ގޮތުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.