ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ހޯދައިފައެވެ. ސާފު ނޫ ކަނޑުތަކާއި، ކުލަކުލައިގެ ފަރުތަކަކީ ފަތުރުވެރިންގެ ހިތްތައް އަތުލައިގަންނަ މަންޒަރުތަކެކެވެ. ނަމަވެސް، އެ ހިތްގައިމުކަމުގެ ފަހަތުގައި ފޮރުވިފައިވާ ނުރައްކާތެރިކަމާއި، ކަނޑުގެ އަނދިރި ފުންމިނަކީ ގިނަ ފަހަރަށް އިންސާނުންނަށް އަންދާޒާކުރަން ދަތި ކަންކަމެވެ.

މި މަހުގެ 14 ވީ ބުރާސްފަތި ދުވަހަކީ، ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިން ތާރީހުގައި ކަޅު އަކުރުން ލިޔެވިގެންދާނެ ދުވަހެކެވެ. ވ. އަތޮޅުގެ ކަނޑުގެ އަޑީގައިވާ ފުން ހޮހަޅަޔަކަށް ފީނަން ފޭބި އިޓަލީގެ 5 ފަތުރުވެރިން އެނބުރި އައިސްފައެއް ނުވެއެވެ. މިއީ ހަމައެކަނި ފަތުރުވެރިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ ހާދިސާއެއް ނޫނެވެ. މިއީ އެމީހުން ހޯދަން ފޭބި ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ޑައިވަރެއްގެ ފުރާނަވެސް ގުރުބާންވެގެންދިޔަ، މުޅި ގައުމު ސިއްސުވާލި ހިތާމަވެރި ކާރިސާއެކެވެ. މުޅި ދުނިޔޭގެ ސަމާލުކަން މި ވަގުތު ހުއްޓިފައިވާ ހާދިސާއެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، “ޑިއުކް އޮފް ޔޯކް” ސަފާރީ އުޅަނދެއްގައި ދަތުރުކުރަމުންދިޔަ އިޓަލީގެ ފަސް މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް، ވ. އަތޮޅުގެ ކަނޑުގެ އަޑީގައިވާ ގުދުރަތީ ހޮހަޅަތަކެއް ބަލައިލުމަށް ފީނަން ފޭބުމުންނެވެ. އެމީހުން ފީނާފައިވަނީ ގާތްގަނޑަކަށް 50 މީޓަރާއި 60 މީޓަރާ ދެމެދުގެ ފުންމިނަކަށެވެ. މިއީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން ހުއްދަކުރާ މިންވަރަށްވުރެ ފުން މިންވަރެކެވެ. ރާއްޖޭގައި ރެކްރިއޭޝަނަލް ޑައިވިން ނުވަތަ މުނިފޫހިފިލުވުމުގެ ގޮތުން ފީނުމަށް ހުއްދަދެވިފައިވާ އެންމެ ފުން މިނަކީ 30 މީޓަރެވެ. އެހެންކަމުން، ތަޖުރިބާކާރުންގެ މި ޓީމުން ގަވައިދާ ހިލާފަށް އެހާ ފުނަށް ފީނީ ކީއްވެގެންކަން ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ.

މި ހާދިސާގައި ގެއްލުނު ފަސް މީހުންނަކީ އާދައިގެ ފަތުރުވެރިންނެއް ނޫނެވެ. އޭގެ ތެރޭގައި ހިމެނެނީ އިޓަލީގެ ޔުނިވަސިޓީ އޮފް ޖެނޯއާގެ އެސޯސިއޭޓް ޕްރޮފެސަރުއޮފް އިކޮލޮޖީ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްއެވެ. މީގެ އިތުރުން، މެރިން ބަޔޮލޮޖިސްޓް ފެޑެރީކޯ ގުއަލްޓިއޭރީ އާއި ރިސާޗަރ މިއުރިއަލް އޮޑެނީނޯ އަދި ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީވެސް މި ޓީމުގައި ހިމެނެއެވެ. މިއީ ކަނޑުގެ ދިރުންތަކާއި ތިމާވެއްޓާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދިރާސާކުރަމުންދިޔަ، ކަނޑަށް ފިސާރި ފަރިތަ ބައެކެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:45 ހާއިރު، މި ފަސް މީހުން ފީނަން ފޭބި ގޮތަށް އެނބުރި ނައުމުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ރިޕޯޓުކޮށްފައެވެ. ވަގުތުން ކޯސްޓްގާޑުގެ ޑައިވަރުންނާއި، ވައިގެ މަގުންނާއި ކަނޑުމަގުން ބޮޑު ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނެއް ފެށިއެވެ. ނަމަވެސް، މޫސުން ގޯސްވުމާއި، ކަނޑުގަދަވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. އެ ސަރަހައްދަށް އޮތީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މި ދަތިތަކާއެކުވެސް، އެހެން ސަފާރީއެއްގެ ޑައިވަރުންތަކެއްގެ އެހީތެރިކަމާއެކު، ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:13 ހާއިރު ވަނީ އެކެއްގެ ހަށިގަނޑު ހޯދާފައެވެ. އެއީ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑެވެ. އޭނާ ފެނިފައިވަނީ ހޮހަޅަޔަށް ވަންނަ އަނގަމައްޗާ ކައިރިން ގާތްގަނޑަކަށް 60 މީޓަރު އަޑިންނެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ފެނުނުއިރު އޮކްސިޖަން ޓޭންކު ވަނީ ހުސްވެފައެވެ.

ބާކީ ހަތަރު މީހުން ވަނީ ގާތްގަނޑަކަށް 200 ފޫޓު ދިގު އެ ހޮހަޅައިގެ އެންމެ އެތެރޭގައި ކަމަށް ބެލެވޭތީ، އެމީހުން ހޯދުމުގެ މަސައްކަތް ވެގެންދިޔައީ ފުރާނައަށް ނުރައްކާ ބޮޑު އޮޕަރޭޝަނަކަށެވެ. މި އޮޕަރޭޝަންގެ ތެރެއިން މުޅި ދިވެހިރާއްޖެ ރޮއްވާލީ، ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ފުރާނަ ގެއްލިގެން ދިޔުމުންނެވެ. އިޓަލީގެ ފަތުރުވެރިން ހޯދަން ފުން ކަނޑުގެ އަޑިއަށް ފީނުމުގެ ތެރޭގައި މަހުދީއަށް ދިމާވީ ޑީކޮމްޕްރެޝަން ސިކްނެސް ނުވަތަ ޑައިވިން ބަލީގެ ނުރައްކާތެރި ހާލަތެކެވެ. ވަގުތުން އޭނާ މާލެ ގެނެސް ހޮސްޕިޓަލުގައި ފަރުވާދޭން ފެށި ނަމަވެސް، އެ ހިތްވަރުގަދަ ބަތަލު ވަނީ މި ދުނިޔެއާ އަލްވަދާއު ކިޔައިފައެވެ. މަހުދީގެ ޖަނާޒާ ބާއްވާފައިވަނީ އަސްކަރީ އިއްޒަތުގައެވެ. މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، އެ ހޮހަޅައިގެ ފުރަތަމަ ބަޔަށް ވަދެވެނީ ވެސް 58 މީޓަރު އަޑިންނެވެ. އެއީ ހާއްސަ ތަމްރީނާއި ގޭސް މިކްސްޗާ ބޭނުންކޮށްގެން ކުރާން ޖެހޭ ޓެކްނިކަލް ޑައިވެއް ކަމަށް މުންދު ވިދާޅުވިއެވެ. މުންދު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ސިފައިންގެ މީހާގެ ފުރާނަ ގެއްލިގެން ދިޔުމުން ދޭހަކޮށްދެނީ މި މަސައްކަތުގެ އުނދަގޫކަމާއި ނުރައްކާތެރިކަމެވެ. މިއީ އާދައިގެ ޑައިވިން އޮޕަރޭޝަނެއް ނޫންކަމާއި، މިއީ އިންސާނީ ގާބިލުކަމުގެ އިންތިހާއަށް އިމްތިހާނުކުރެވޭ ފަދަ ހާލަތެއްކަމެވެ.

މި ބޮޑު ކާރިސާއާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީން ވަނީ ފަތުރުވެރިން ގޮވައިގެން ދިޔަ “ޑިއުކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިން ލައިސަންސް ވަގުތުން ސަސްޕެންޑްކޮށްފައެވެ. މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގެ ތަހުގީގު ނިމެންދެން އެ އުޅަނދުގެ ލައިސަންސް ހިފެހެއްޓިފައި އޮންނާނެ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތީ މިންގަނޑުތައް ހިފެހެއްޓުމަކީ އެންމެންގެ ޒިންމާއެއްކަން ހަނދާންކޮށްދީ، ގަވައިދުތަކަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.

ބައިނަލްއަގުވާމީ ޑައިވިން ތަޖުރިބާކާރުން ބުނާ ގޮތުގައި، ހޮހަޅަ ޑައިވިން ނުވަތަ ކޭވް ޑައިވިން އަކީ ދުނިޔޭގައިވެސް އެންމެ ނުރައްކާތެރި އެއްޑައިވެވެ. އާދައިގެ މާހައުލަކާ ހިލާފަށް، ހޮހަޅައެއްގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަ ސީދާ މައްޗަށް އެރުމުގެ ފުރުސަތެއް ނޯވެއެވެ. ހޮހަޅައިގެ ފުލުގައި ހުންނަ ވެލިތައް ހަލަބޮލިވުމުގެ ސަބަބުން ފެންގަނޑު ކިލަނބު ވެ، އެއްވެސް އެއްޗެއް ނުފެންނަ ހާލަތަކަށް ދިއުމަކީ ވަރަށް ގާތް ކަމެކެވެ. މީގެ އިތުރުން، 40 މީޓަރަށްވުރެ ފުންމިނަކަށް ފީނާނަމަ، އާދައިގެ ވައިގެ ބަދަލުގައި ހާއްސަ ގޭސް މިކްސްޗަރުތައް ބޭނުންކުރާން ޖެހެއެވެ. އެހެން ނޫންނަމަ، ނައިޓްރޮޖަން ނާކޯސިސް ނުވަތަ އޮކްސިޖަން ޓޮކްސިސިޓީ ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެ، ސިކުނޑީގެ މަސައްކަތްތަކަށް ބުރޫއަރައި، ހެޔޮނުބައި ވަކިނުވާ ހިސާބަށް ދިއުމުގެ ފުރުސަތު އޮވެއެވެ. މި ހާދިސާގައި 50 މީޓަރަށްވުރެ ފުނަށް އެމީހުން ފީނިއިރު، އެފަދަ ޓެކްނިކަލް ޑައިވިން އަށް ބޭނުންވާ ފުރިހަމަ އާލާތްތައް ހުރިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

ރާއްޖޭގެ ޑައިވިން މުޖުތަމައަށް މި ހާދިސާއިން ލިބުނީ ކުއްލި ސިހުމެކެވެ. އެތައް އަހަރެއް ވާންދެން ރާއްޖޭގެ ކަނޑުތަކުގައި ފީނަމުން އަންނަ ތަޖުރިބާކާރު ދިވެހި ޑައިވަރުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ ކަނޑުތަކަކީ އާންމުގޮތެއްގައި ރައްކާތެރި ތަނެއް ނަމަވެސް، ގަވާއިދާ ހިލާފަށް އަމަލުކުރުމަކީ މަރުގެ ތުންފަތްމައްޗަށް އަމިއްލައަށް ހުށަހެޅުން ފަދަ ކަމެކެވެ. ހާއްސަކޮށް، ސަފާރީ އުޅަނދުތަކުގައި އަންނަ ބައެއް ފަތުރުވެރިން، އެމީހުންގެ އަމިއްލަ ތަޖުރިބާއަށް ބަރޯސާވެ، ގައިޑުންގެ އިރުޝާދުތަކަށް ބޯނުލެނބުމުގެ މައްސަލަތައް ދޭތެރެދޭތެރެއިން ދިމާވާކަމީ ސިއްރެއް ނޫނެވެ. މި ހާދިސާއަކީ އެފަދަ އަމަލުތަކުގެ ސަބަބުން ނުކުމެދާނެ ހިތާމަވެރި ނަތީޖާގެ ދިރިހުރި މިސާލެކެވެ. އަދި ހަމައެހެންމެ، މީހުން ސަލާމަތްކުރުމަށް ފުރާނައިގެ ނުރައްކަލަށް ކުރިމަތިލާން ޖެހެނީ ދިވެހި ސިފައިންނާއި ރެސްކިއު ޓީމުތަކަށް ކަން މި ހާދިސާއިން ވަރަށް ރަނގަޅަށް ސާބިތުވެއްޖެއެވެ.

މި ހާދިސާއަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގި އެންމެ ހިތާމަވެރި އެއް ޑައިވިން ކާރިސާއެވެ. ރާއްޖެއަކީ އަހަރަކު އެތައް ލައްކަ ފަތުރުވެރިންނެއް ޒިޔާރަތްކުރާ، އަދި އޭގެ ތެރެއިން ގިނަ ބަޔަކު ޑައިވިން އާއި ސްނޯކްލިން ފަދަ މޫދު ހަރަކާތްތަކުގައި ބައިވެރިވާ ގައުމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، ފާއިތުވި ހަ އަހަރުގެ ތެރޭގައި ކަނޑުމަތީގެ އެކި ހާދިސާތަކުގައި 112 ފަތުރުވެރިން މަރުވެފައިވާއިރު، އޭގެ ތެރެއިން 42 މީހުންނަކީ ޑައިވިން ނުވަތަ ސްނޯކްލިން ހާދިސާތަކުގައި މަރުވެފައިވާ މީހުންނެވެ. ނަމަވެސް، އެއް ހާދިސާއެއްގައި ފަސް ފަތުރުވެރިންނާއި މީހުން ސަލާމަތްކުރަން އުޅުނު މީހެއްގެ ފުރާނަ އެއްފަހަރާ ގެއްލިގެން ދިއުމަކީ މީގެ ކުރިން ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫނެވެ. މިއީ މުޅި ދުނިޔޭގެ މީޑިއާތަކުގެ ފަލަސުރުހީތަކުންވެސް ޖާގަ ހޯދާފައިވާ ސީރިއަސް ހަބަރެކެވެ.

އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީގެ ޖަނާޒާގެ ތެރެއިން -- ފޮޓޯ: އެމްއެންޑީއެފް

މި ހާދިސާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް، ހާއްސަކޮށް ޑައިވިން ސިނާއަތަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ. ދުނިޔޭގެ މަޝްހޫރު ނޫސްތަކާއި، ޑައިވިން މެގަޒިންތަކުގައި މި ހަބަރު ފަލަސުރުހީގައި ގެނެސްދީފައިވާއިރު، ރާއްޖޭގެ ސަލާމަތީ މިންގަނޑުތަކާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް، ސަރުކާރުން ވަގުތުން އެޅި ފިޔަވަޅުތަކާއި، “ޑިއުކް އޮފް ޔޯކް” ސަސްޕެންޑްކުރުމުން ދައްކައިދެނީ، ގަވައިދާ ހިލާފުވާ ފަރާތްތަކާމެދު ރާއްޖެއިން އެއްވެސް ދުލެއް ނުދޭނެކަމެވެ. ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ ރާއްޖޭގެ އިގުތިސޯދުގެ މައިބަދަ ކަމަށްވާއިރު، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުޅި ސިނާއަތް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

އިޓަލީގެ ހާރިޖީ ވުޒާރާއިންނާއި، ޔުނިވަސިޓީ އޮފް ޖެނޯއާއިން ވަނީ މި ހާދިސާއާ ގުޅިގެން ފުން ހިތާމަ ފާޅުކޮށްފައެވެ. އިޓަލީގެ ކަމާބެހޭ ތަޖުރިބާކާރުންގެ ޓީމެއް ރާއްޖެ އައިސް، ތަހުގީގުގައި އެހީތެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެމީހުން ގަވައިދާ ހިލާފަށް 30 މީޓަރަށްވުރެ ފުނަށް ފީނީ ކީއްވެގެންކަމާއި، ސަފާރީގެ ފަރާތުން ސަލާމަތީ ފިޔަވަޅުތައް އެންމެ ފުރިހަމައަށް އަޅާފައިވޭތޯ ބަލަމުންދާނެއެވެ. ހާއްސަކޮށް، ޑައިވިން ގައިޑުންގެ ގޮތުގައި ތިބި މީހުންގެ އިހުމާލެއް އޮތްތޯ ބެލުމަކީ މި ތަހުގީގުގެ މުހިންމު ބައެކެވެ.

ކަނޑަކީ ރާއްޖޭގެ ދިރުމެވެ. ފަތުރުވެރިކަމުގެ މައިގަނޑު އަސާސެވެ. ނަމަވެސް، ކަނޑުގެ ގާނޫނުތަކާއި ގަވައިދުތަކަށް ބޯނުލަނބައިފިނަމަ، އެއީ ކިހާވަރެއްގެ ނުރައްކާތެރި ތަނަކަށް ވެދާނެކަން މި ހާދިސާއިން ވަރަށް ސާފުކޮށް އަންގައިދީފިއެވެ. ވ. އަތޮޅުގެ ފުން ހޮހަޅައިގެ ތެރޭގައި ތާށިވެފައިވާ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، މޫސުމާއި ކަނޑުގެ ހާލަތު ތަންދޭ މިންވަރަކުން އެ އޮޕަރޭޝަން ކުރިއަށްގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މި ހާދިސާގެ ފުރިހަމަ ތަހުގީގު ރިޕޯޓު އާންމުކުރެވޭނެ ދުވަހަކަށް މުޅި ދުނިޔޭގެ ޑައިވިން މުޖުތަމައު އޮތީ އިންތިޒާރުގައެވެ. އެ ރިޕޯޓުން ހާމަވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ޑައިވިން ގަވާއިދުތަކަށް އިތުރު ބަދަލުތަކެއް ގެނެސް، ސަފާރީތަކުގެ އޮޕަރޭޝަންތައް މޮނިޓަކުރާ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމަށް ސަރުކާރުން ނިންމާނެ ގޮތަކާމެދު ސިނާއަތުގެ ފަރާތްތަކުން ތިބީ ސަމާލުވެގެންނެވެ.