ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން ހުށަހެޅި ގަރާރުގައި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދިނުމުގެ ތުހުމަތު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމު ވަކިކުރުމަށް، ޕީއެންސީގެ 73 މަޖިލިސް މެންބަރުން ސޮއިކޮށް، މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިމުގެ އިތުބާރު ނެތް ކަމަށް ހިމަނާފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި، ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެމްބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ގަރާރުގައި ވަނީ ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ ގަރާރު ޕީއެންސީން މިއަދު ވަނީ މަޖިލީހަށް ވައްދައިފައެވެ.

އެކަމާ ގުޅިގެން މަޖިލީހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖިލީހުގެ ނައިބު ރައީސް، ނާޒިމް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަޖިލީހުން ބުނެފައިވެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިވާނީ ދެ ހާލަތެއްގައެވެ.

އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމާ ބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ހައްގު ރައީސާއި ނައިބު ރައީސަށް ލިބިގެންވެއެވެ. ނަމަވެސް އެ މައްސަލައިގައި ވޯޓުގައި ބައިވެރި ނުވެވޭނެއެވެ.

ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރަން ގަރާރެއް ހުށަހެޅޭނީ މުޅި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިގެންނެވެ. މި ގަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ގަރާރުގެ ނޯޓިސް މެންބަރުންނާއި ނައިބު ރައީސަށް އަމީންއާންމު ފޮނުއްވާނެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅާނެއެވެ.

މިފަދަ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސް ކަމަށްވެސް ގަވާއިދު ބުނެއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުރި ބޭފުޅަކު މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން އެ ބޭފުޅަކު ވަކިވާނެއެވެ.