ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މުވައްޒަފުން ނެގުމުގެ ބާރު ސިވި ލްސާވިސް ކޮމިޝަނަށް ދިނުމަށް، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.
ލާމަރުކަޒީ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައި މިހާރު އޮންނަނީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީސީއޯ)ގެ އިތުރުން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީގެ ބޯޑަށް ލިބިގެންވާ ކަމަށެވެ.
ނަމަވެސް މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ވަނީ ގާނޫނުގެ އެ މާއްދާ އުނިކުރަން ހުށަހަޅައިފައެވެ.
މި ބިލު ހުށަހަޅާ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުން ކަމަށެވެ.
އެހެންކަމުން އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުން ކަމުގައި ހިމަނަން ގާނޫނަށް މާއްދާ އެއް އިތުރުކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.
ބިލުގެ 3-61 ގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ މި މާއްދާގައި ބުނެފައިވަނީ، އެލްޖީއޭއަށް ބޭނުންވާ މުވައްޒިފުން އައްޔަންކޮށް ވަކި ކުރާނީ ސީއީއޯގެ ލަފާގެ މަތިން ސީއެސްސީއިން ކަމަށެވެ.
މުވައްޒިފުން އައްޔަންކޮށް ވަކި ކުރުމާއި، މުވައްޒިފުންނާގުޅޭ އެނޫންވެސް ކަންކަމުގައި ސީއެސްސީގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ސީއީއޯކަމަށްވެސް ބުނެފައިވެއެވެ.
އެލްޖީއޭގެ މުވައްޒަފުންގެ މަގާމުތަކާއި، އެ މަގާމުތަކުގެ ގިންތި އާއި ޝަރުތުތައް އަދި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ، މުވައްޒިފުންގެ މަގާމުތަކުގެ އޮނިގަނޑެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށާއި އެ އޮނިގަނޑު އެކުލަވާލާނީ އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން ސީއީއޯ ކަމަށާއި، އެ އޮނިގަނޑު ސީއެސްސީއަށް ހުށަހަޅައި ފާސްކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އޮނިގަނޑުގައި ކަނޑއަޅާ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް ބުނެފައިވެއެވެ.
ސީއެސްސީން އެ އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައު މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމަންވާނެ ކަމަށާއި، މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނުން ކަނޑައަޅާތާ ގިނަވެގެން 60 ދުވަގުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން މަޖިލީހަށް ބިލު ބަލައިގަނޭތޯ ނެގި ވޯޓުން މަޖިލީހަށް ބިލު ބަލައިގަތީ، ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން ޕީއެންސީގެ 44 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ފަސް މެންބަރުން ވޯޓު ދެއްވީ ބިލު ބަލައި ނުގަތުމަށެވެ.
މި ބިލު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު