މަޝްހޫރު ލަވަކިޔުންތެރިޔާ ޑުއާ ލީޕާގެ ހުއްދައަކާ ނުލައި އޭނާގެ ތަސްވީރެއް ޓީވީ އިޝްތިހާރުކުރުމަށް ބޭނުންކުރި ކަމަށް ބުނެ، ޓެކްނޮލޮޖީ ކުންފުނި ސެމްސަންގާ ދެކޮޅަށް 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފި އެވެ.

މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ފެޑެރަލް ކޯޓަކަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ، ސެމްސަންގުން ވިއްކާ ޓީވީތައް ބަންދުކުރާ ފޮށިގަނޑުގެ ބޭރުގައި ޑުއާ ލީޕާގެ ފޮޓޯއެއް ބޭނުންކޮށްފައިވަނީ އޭނާގެ އެއްވެސް ހުއްދައެއް ނެތި ކަމަށެވެ. މި ފޮޓޯއަކީ 2024 ވަނަ އަހަރު އޮތް އޮސްޓިން ސިޓީ ލިމިޓްސް ފެސްޓިވަލްގެ ތެރެއިން ނަގާފައިވާ، އަދި ކޮޕީރައިޓް ލީޕާއަށް ލިބިގެންވާ ފޮޓޯއެއް ކަމަށް ދައުވާގައި ފާހަގަކޮށްފައިވެ އެވެ.

ލީޕާގެ ގާނޫނީ ޓީމުން ބުނި ގޮތުގައި، ސެމްސަންގުން ވަނީ އޭނާގެ ފިކުރީ މުދަލުގެ ހައްގުތަކަށް އަރައިގަނެ، އޭނާގެ މަޝްހޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވިޔަފާރި ކުރިއަރުވަން މަސައްކަތްކޮށްފަ އެވެ. އަދި މިކަން ހުއްޓާލުމަށް އެތައް ފަހަރަކު އެންގުމުން ވެސް ސެމްސަންގުން އެކަމަށް އިޖާބަދީފައިނުވާ ކަމަށާއި، ކުންފުނީގެ އަމަލުތައް ހުރީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ވަކީލުން ތުހުމަތުކުރެ އެވެ. މީގެ އިތުރުން، ލީޕާއަކީ އޭނާގެ ނަން ބޭނުންކޮށްގެން އިޝްތިހާރުކުރާ ބްރޭންޑުތައް ވަރަށް ފަރުވާތެރިކަމާއެކު ޚިޔާރުކުރާ ފަންނާނެއް ކަމަށާއި، ސެމްސަންގުގެ މި އަމަލުގެ ސަބަބުން އޭނާގެ ބްރޭންޑަށް ގެއްލުންވެފައިވާ ކަމަށް ވެސް ވަކީލުން ފާހަގަކުރެއްވި އެވެ.

މި ދައުވާގައި ބަޔާންކޮށްފައިވާ ގޮތުން، ޓީވީ ފޮށިގަނޑުގައި ލީޕާގެ ފޮޓޯ އިނުމުގެ ސަބަބުން ބައެއް އާންމުން ވަނީ އެއީ އޭނާ އެންޑޯޒްކުރާ އުފެއްދުމެއް ކަމަށް ހީކޮށް ޓީވީ ގަނެފަ އެވެ.

މި މައްސަލައާ ގުޅިގެން ސެމްސަންގުގެ ރަސްމީ ބަހެއް ހޯދުމަށް ނޫސްވެރިން މަސައްކަތް ކުރުމުން، ކުންފުނީގެ ތަރުޖަމާނަކު ވިދާޅުވީ ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ. މި ދައުވާގައި ލީޕާ އެދިފައިވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ނަގައިދިނުމަށާއި، އޭނާގެ ތަސްވީރު ބޭނުންކުރުން ވަގުތުން ހުއްޓުވައިދިނުމަށެވެ.